ޓްރިވެންޑްރަމްގައި ހާލުގައި ޖެހުނު ދިވެހިން ރައްކާތެރި ހިސާބަށް ބަަދަލުކޮށްފި

ޓްރިވެންޑްރަމްގައި ހާލުގައި ޖެހިފައިވާ ދިވެހިންތަކެއް ރައްކާތެރި ހިސާބުތަަކަށް ބަދަލުކުރަނީ-- ފޮޓޯ: ޓްރިވެންޑްރަމް ކޮންސިއުލޭޓް

އިންޑިއާގެ ކެރަލާ ސްޓޭޓަށް ކުރަމުންދާ ވިއްސާރައިގައި އެ ސްޓޭޓުގެ ވެރިރަށް ޓްރިވެންޑްރަމްގެ ކޯރެއް ބަންޑުންވުމުގެ ސަބަބުން އެ ސަރަހައްދުގައި ހާލުގައި ޖެހުނު ދިވެހިން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފިއެވެ.

ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ހާލުގައި ޖެހުނު ދިވެހިން ރާއްކާތެރި އެހެން ހިސާބުތަކަށް ބަދަލުކޮށް އެމީހުންގެ ހާލު ވަރަށް ގާތުން ބަަލަމުންގެންދާ ކަމަށެވެ. ކޮންސިއުލޭޓްއިން ބުނީ މިއަދުވެސް ވަރަަށް ބޯކޮށް ވިއްސާރަވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އިންޑިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ ކޮންސިއުލޭޓް ޖާދުﷲ ތައުފީގު "ސަން"އަށް ވިދާޅުވީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކޯރެއް ބަންޑުންވެ، ދިވެހި ހަތަރު އާއިލާއެއް ދިރިއުޅެމުންދާ ގެތަކަށް ފެންވަދެ ގޭތެރޭގައި ފެންބޮޑުވި ކަަމަށެވެ.

ޓްރިވެންޑްރަމްގައި ހާލުގައި ޖެހިފައިވާ ދިވެހިންތަކެއް ރައްކާތެރި ހިސާބުތަަކަށް ބަދަލުކުރަނީ-- ފޮޓޯ: ޓްރިވެންޑްރަމް ކޮންސިއުލޭޓް

އަދި ސަލާމަތަށްޓަކައި އެ ގެތަކުގައި މީހުން އިއްޔެ ތިބީ އެއްވަނަ ފަންގިފިލާއަށް އަރައި ކަމަށް ޖާދުﷲ ވިދާޅުވިއެވެ. އެމީހުންގެ ފުރާނައަށް ނުރައްކާވާ ވަރަށް ހާލު ދެރަ ނުވާކަމަށާއި އެހެން ނަމަވެސް އެމީހުންނަށް ކައްކައި ކެއުމަށް އުނދަގޫތަކެއް ކުރިމަތިވި ކަމަށް އޭނާ ވިދާޅުވިއެވެ.

ކެރަލާއަށް ކުރަމުންދާ ވިއްސާރާގައި މަރުވި މީހުންގެ އަދަދު 67 އަށް ވަނީ އަރާފައެވެ.

އެ ވިއްސާރާގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ކެރަލާގެ 14 ޑިސްޓުރިކްޓުގައި ވަނީ ރެޑް އެލާޓަށް ގެނެސްފައެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ވެސް ބޯކޮށް ވާރޭ ވެހެމުން ދާނެ ކަމަށް މޫސުމީ އިދާރާތަކުން ވަނީ ބުނެފައެވެ.

ކެރަލާގެ ޗީފް މިނިސްޓަރުގެ އޮފީހުން ވަނީ ވިއްސާރައިގެ ސަބަބުން ހޮނިހިރު ދުވަހާ ޖެހެންދެން ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓު ބަންދުކުރަން ނިންމާފައިވާ ކަމަށް މީގެ ކުރިން ބުނެފައެވެ.

ކެރަލާގެ ޗީފް މިނިސްޓަރު ވިދާޅުވި ގޮތުގައި އެއީ 1924 ވަނަ އަހަރުގެ ފަހުން އެ ސްޓޭޓަށް މޫސުމީ ވިއްސާރައިގެ ސަބަބުން މިހާ ބޮޑު ގެއްލުމެއް ލިބުނު ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް