ޕްލާސްޓިކާ ދުރު ރާއްޖެއަކަށް ކުރާ ދަތުރު

ވެމްކޯގެ ޕުލާސްޓިކް ރިސައިކަލިން ލެބް: މި ލެބް އިން އެއްފަހަރު ބޭނުންކޮށްފައި ހުންނަ ޕުލާސްޓިކް ވިރުވައިގެން ދިރިއުޅުމުގައި އާންމުކޮށް ބޭނުންކުރެވޭ އެއްޗެހި ހެދޭ----ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޕްލާސްޓިކަކީ ތިމާވެއްޓަށް ގެއްލުންދޭ މެޓީރިއަލްތަކުގެ ލިސްޓުގައި ހިމެނޭ، ނެތިދާން އެންމެ ގިނަ ދުވަސް ނަގާ މެޓީރިއަލްއެވެ. ހަތަރު ސަތޭކަ ފަންސާސް އަހަރުން ފެށިގން 1،000 އަހަރުގެ މުއްދަތެއް، ޕްލާސްޓިކް ޑީކޮމްޕޯސް ވުމަށް ނަގައެވެ. އާންމު ދިރިއުޅުމުގައި ބޭނުންކުރާ ގިނަ ތަކެއްޗަކީ އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކް ނުވަތަ ސިންގަލް ޔޫސް ޕްލާސްޓިކުން އުފައްދާ ތަކެއްޗެވެ. އޭގެ ތެރޭގައި ޕްލާސްޓިކް ކޮތަޅު، ހޮޅި ފުޅި ފަދަ ތަކެތި ހިމެނެ އެވެ.

ޕްލާސްޓިކު ނެތި ދިއުމަށް އެތައް ސަތޭކަ އަހަރެއް ނަގާއިރު، ގޮނޑުދޮށަށް ޕްލާސްޓިކް އުފެއްދުންތައް އުކުމަކީ މޫދުގައި ދިރިއުޅޭ މަސްމަހާމެއްސަށާއި ކަނޑު ފަޅުގެ ދިރުންތަކަށް ވެސް އޭގެ ނުރަނގަޅު އަސަރު ކުރާ ކަމެކެވެ. ރާއްޖެއަށް އަހަރަކު އެތައް މިލިއަން ޕްލާސްޓިކް ކޮތަޅު އެތެރެކުރާ އިރު، މި ކޮތަޅުތައް އެއްފަހަރު ބޭނުންކުރުމަށް ފަހު އުކާލަނީއެވެ. ގިނަ ފަހަރު މި ކޮތަޅުތައް ގޮނޑުދޮށަށާއި މޫދަށް އުކާލާ އިރު މިއީ ވެއްޓަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ.

ވެމްކޯގެ ޕުލާސްޓިކް ރިސައިކަލިން ލެބް: މި ލެބް އިން އެއްފަހަރު ބޭނުންކޮށްފަ ހުންނަ ޕުލާސްޓިކް ވިރުވައިގެން ދިރިއުޅުމުގައި އާންމުކޮށް ބޭނުންކުރެވޭ އެއްޗެހި އުފައްދާ ----ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޕްލާސްޓިކް މަދުކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުން އަންނަ މަސައްކަތުގައި ރާއްޖެ އިން ވެސް ވަނީ ބައިވެރިވެފައެވެ. އެގޮތުން ޕްލާސްޓިކުގެ ނޭދެވޭ އަސަރުތަކާމެދު ހޭލުންތެރިކޮށް، ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމަށް ފާއިތުވި ދުވަސްތަކުގެ ތެރޭގައި ރާއްޖޭގައިވެސް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. ބޮޑެތި ވަމުން އަންނަ ކުދިން ހޭލުންތެރި ކުރުމަށް ސްކޫލުތަކުގައި ވެސް ފިޔަވަޅުތަކެއް އަޅާފައިވާ އިރު ކުންފުނިތަކާއި ސަރުކާރުން ވެސް ދަނީ ޕްލާސްޓިކް ބޭނުން ކުރާ މިންވަރު މަދުކުރުމަށް ފިޔަވަޅުތައް އަޅަމުންނެވެ.

ވެމްކޯގެ ޕްލާސްޓިކް ރީސައިކްލިންގް ޕްލާންޓު

ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން ވެމްކޯ އަކީ ކުނި މެނޭޖު ކުރުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެވެ. ޕްލާސްޓިކް ރީސައިކަލް ކުރުމަށް ނުވަތަ ދެވަނަ ފަހަރަށް ބޭނުން ކުރުމަށް ވެމްކޯއިން ވަނީ ޕާލޭ އާ ގުޅިގެން ޕްލާސްޓިކް ރީސައިކްލިން ލެބެއް ހުޅުވައިފައެވެ. ވެމްކޯއިން ބުނީ މި ލެބްގެ މަގުސަދަކީ ކުޑަ ޖާގައެއްގައި ކުޑަ ހަރަދަކުންވެސް ރީސައިކަލް ކުރެވިދާނެކަން އަންގައިދިނުން ކަމަށާއި ރީސައިކަލިންއަށް މީހުން ހޭލުންތެރި ކުރުން ކަމަށެވެ. މި މަސައްކަތުގެ ތެރެއިން ރީސައިކްލިންއާ މެދު ސްކޫލު ކުދިން ހޭލުންތެރިކޮށް އަމަލީ ގޮތުން މި ކަމުގައި އެ ކުދިން ބައިވެރިކުރަން ނިންމާފައިވާ ކަމަށާއި އެ ކުދިންނަށް ކުނި މެނޭޖުކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުން މައުލޫމާތުދީ ހޭލުންތެރި ކުރާނެ ކަމަށްވެސް ވެމްކޯއިން ބުނެއެވެ.

ވެމްކޯގެ ޕްލާސްޓިކް ރިސައިކަލިން ލެބް: މި ލެބް އިން އެއްފަހަރު ބޭނުންކޮށްފައި ހުންނަ ޕްލާސްޓިކް ވިރުވައިގެން ދިރިއުޅުމުގަ އާންމުކޮށް ބޭނުންކުރެވޭ އެއްޗެހި ހެދޭ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މި ލެބުން ދުވާލަކު 50 ކިލޯއާއި 100 ކިލޯއާ ދެމެދުގެ އަދަދެއްގެ ޕްލާސްޓިކް ޕްރޮސެސް ކުރެވެއެވެ. ފޯނު ކޭސް، ފައިލް އަދި ގަސް އިންދާ ޕޮޓް ފަދަ ދިރިއުޅުމުގައި ބޭނުން ހިފޭނެ ތަކެތި އުފެއްދޭނެއެވެ.

ފަރުކޮއެ އަދި ޕާލޭގެ ވާހަކަ

ޕްލާސްޓިކުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް ކުދިން ހޭލުންތެރި ކުރުމަށް ސްކޫލުތަކުގައި ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުން ވަނީ މަނާކޮށްފަ އެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ބައެއް ރަށްރަށުގައި ވެސް ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓަލާފައިވާ އިރު ދިރާގު ފަދަ ބޮޑެތި ކުންފުނިތަކުން ވެސް ދަނީ ސިންގަލް ޔޫސް ޕްލާސްޓިކް އުފެއްދުންތަކަށް ނޫނެކޭ ބުނުމަށް ހަރަކާތްތައް ހިންގަމުންނެވެ.

މީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ އުފާ ޕްރޮގްރާމުން އިސްނަގައިގެން ފަރުތަކުގެ މުހިއްމުކަން ސްކޫލު ދަރިވަރުންނަށް އަންގައިދިނުމަށް "ފަރުކޮއި"ގެ ނަމުގައި ވެސް ދަނީ ޕްރޮގްރާމެއް ހިންގަމުންނެވެ. މިއީ ތިމާވެށި، ހާއްސަކޮށް ރާއްޖޭގެ ނާޒުކު ރީތި ފަރުތައް ރައްކާތެރިކުރުމުގެ މުހިންމުކަން ސްކޫލު ދަރިވަރުންނަށް ވެސް ވިސްނައިދިނުމުގެ ގޮތުން ހިންގާ ޕްރޮގްރާމެކެވެ.

ރާއްޖޭގެ ހުރިހާ ސްކޫލުތަކަކީ "ވޮއިސް ފޯ ދަ އޯޝަން" ސްކޫލުތަކަކަށް ހެދުމަކީ ވެސް ފަރުކޮއިގެ މަގްސަދެކެވެ. ޕްލާސްޓިކް ނައްތާލުމަށް ދުނިޔޭގައި މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ ޕާލޭގެ އެހީތެރިކަން ވެސް ފަރުކޮއި ޕްރޮގްރާމަށް ވަނީ ލިބިފައެވެ. އެގޮތުން ސްކޫލުކުދިން އެކި ވައްތަރުގެ ޕްލާސްޓިކް ކުނިތައް އެއްކޮށް "ކަލެކްޝަން ޕޮއިންޓް" އަކަށް ގެންދިޔުމުން ޕާލޭއިން އެކުނިތައް ރީސައިކައިލް ކުރުމަށް އެހީތެރިވެދޭނެއެވެ.

ޕާލޭއިން ވަނީ ރާއްޖެއިން އެއްކޮށްފައިވާ ޕްލާސްޓިކް ބޭނުންކޮށްގެން އެޑިޑާސްއާ ގުޅިގެން ބޫޓު ވެސް އުފައްދައިފައެވެ. އަދި މިފަދަ ބޫޓެއް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ވަނީ ހަދިޔާ ކޮށްފައެވެ.

ސާވިސް ސެކްޓާވެސް ޕްލާސްޓިކާ ދުރަށް

މާލޭގައި ހުންނަ ހޮޓެލް ޖެންގައި ވެސް މިހާރު ވަނީ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލައިފަ އެވެ. އަދި އެ ހޮޓަލުގެ މުވައްޒަފުން ވަނީ އެމީހުންގެ ދިރިއުޅުމުގައި ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުން މަދު ކުރުމަށް ވައުދުވެފަ އެވެ.

"މިހާރު ޕޭޕާ ބޭގްސް ޔޫސް ކުރުން ވަނީ ޖުލައި މަހު ހުއްޓާލާފައި. ޓޭކް-އަވޭ އަށް ދޭ ކަޕްސް އަދި ބޭގްސް އަކީ ވެސް މިހާރު ރީސައިކަލްޑް ޕޭޕާ އިން ހަދާފައި ހުންނަ އެއްޗެހި. ޖެންގައި ބޭނުންކުރާ ކޮންޓެއިނާސްތައް ވެސް މިހާރު ވަނީ ޕްލާސްޓިކް ނޫން ތަކެއްޗަށް ބަދަލުކޮށްފައި،" ހޮޓެލް ޖެންގެ މާކެޓިން އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު ނީނާ މުހައްމަދު ވިދާޅުވި އެވެ.

ގޯޓްފިޝް އެންޑް ބިސްޓްރޯގައި ޕްލާސްޓިކް ފުޅި ބޭނުން ނުކުރޭ --- ފޮޓޯ: ގޯޓްފިޝް

"އަންނަ އަހަރު ޕްލާސްޓިކް ހޮޅި ބޭނުންކުރުން ވެސް ހުއްޓާލާނަން،"

ނީނާ ވިދާޅުވީ ހޮޓެލް ޖެން ހިންގާ ޝަންގްރިއްލާ އަކީ ސީއެސްއާރު ހަރަކާތްތަކަށް ވަރަށް ބޮޑަށް އިސްކަންދޭ ކުންފުންޏެއް ކަމަށާއި ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލީ ތިމާވެއްޓަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދިނުމަށް ކަމަށެވެ.

"ކަސްޓަމަރުންގެ ފަރާތުން ވަރަށް ބޮޑު ސަޕޯޓެއް އެބަ ލިބޭ. އަޅުގަނޑުމެންގެ ކަސްޓަމަރުން އާދޭ ރި ޔޫސަބަލް ބޭގްސް ހިފައިގެން ވެސް. ބުނޭ ޕޭޕާ ބޭގްސް ވެސް ބޭނުމެއް ނޫނޭ،"

ހޮޓެލް ޖެންއިން ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުން---ސަން ފޮޓޯ؛ ފަޔާޒު މޫސާ

ޕްލާސްޓިކް މަދުކުރުމަށް އަމާޒު ހިފާފައިވާ އިތުރު ކުންފުނިތަކުގެ ތެރޭގައި އައިލެންޑް އޭވިއޭޝަން ވެސް ހިމެނެ އެވެ. އެކުންފުނިން ވަނީ މޯލްޑިވިއަންގެ ފްލައިޓުތަކުގައި ބޭނުންކުރާ ޕްލާސްޓިކް ތަށީގެ ބަދަލުގައި ކަރުދާހު ތަށި ބޭނުން ކުރަން ވެސް ނިންމައިފަ އެވެ. މޯލްޑިވިއަންގެ ސްޕޯކްސްޕާސަން އަލީ ނަޝާތު ހަމީދު ވިދާޅުވީ މޯލްޑިވިއަންގެ ފްލައިޓުތަކުގައި ބޭނުންކުރާ ސިންގަލް ޔޫސް ޕްލާސްޓިކް ތަށިތައް ބޭނުން ކުރުން ސެޕްޓެމްބަރު މަހު ހުއްޓާލާނެ ކަމަށެވެ.

މާލޭގައި ހިންގާ ބައެއް ކެފޭ ރެސްޓޯރެންޓު ތަކުގައި އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ހޮޅި ބޭނުން ކުރުން ވެސް ވަނީ ހުއްޓާލައިފަ އެވެ. މާލޭގައި ހިންގާ މަޝްހޫރު ރެސްޓޯރެންޓު ގޯޓްފިޝް ކެފޭ އެންޑް ބިސްޓްރޯ އަކީ ފެށުނީއްސުރެ ވެސް ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް ހިންގާ ރެސްޓޯރެންޓެކެވެ.

"އަޅުގަނޑުމެން އެންމެ ފުރަތަމަ ވެސް ފެށި އިރު ބޭނުމެއް ނުކުރަން ޕްލާސްޓިކް ފެން ފުޅިއެއް، ފެން ފިލްޓަރު ކޮށްގެން ބިއްލޫރި ފުޅީގައި ގެންގުޅުނީ. މިހާރު ޕްލާސްޓިކް ހޮޅި ދޫކޮށްލާފައި ކަރުދާހު ހޮޅި އަށް ބަދަލު ކޮށްފިން،" ގޯޓްފިޝްގެ ފަރާތުން ވާހަކަދެއްކި އަފްޝަން އަޝްފާގު އަދި އަކްމަލް ޝަހީދު ވިދާޅުވިއެވެ.

ޒީބާސް ކެފޭ އެންޑް ޑެލީއަކީ ވެސް ރެސްޓޯރެންޓުގައި ޕްލާސްޓިކް ހޮޅި ބޭނުންކުރުން ހުއްޓާލާފައިވާ ރެސްޓޯރެންޓެކެވެ. "ފުދޭވަރަކަށް ދުވަސްވެއްޖެ މި ބަދަލު ގެނައިތާ. ކަސްޓަމަރުން ވަރަށް ބަލައިގަނޭ މި ބަދަލު،" ޒީބާސްގެ އޮފިޝަލަކު ވިދާޅުވިއެވެ.

މި ހުރިހާ ކަމަކީވެސް ފެށުމެއް ކަމަށް ބެލެވިދާނެއެވެ. މީގެ ކުރިންވެސް އެކި ފަރާތްތަކުން ޕްލާސްޓިކާ ދުރަށް ދިއުމަށް ފިޔަވަޅުތަކެއް އެޅި ނަމަވެސް، މިއަދު މި މަސައްކަތް އިތުރަށް ފުޅާވެއްޖެއެވެ.

comment ކޮމެންޓް