ޑރ. ޝަހީމް މިރޭ ފުވައްމުލަކުގައި ހާއްސަ ދަރުހެއް ދެއްވަނީ

ޑރ. ޝަހީމް ފުވައްމުލަކުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ: މިރޭ އޭނާ ހާއްސަ ދަރުހެއް ދެއްވާނެ-- ފޮޓޯ: ޝަހީމް ކެމްޕެއިން ޓީމް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރަނިންމޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ފުވައްމުލަކުގައި ހާއްސަ ދަރުހެއް ދެއްވާނެ ކަމަށް ޑރ. ޝަހީމުގެ ކެމްޕޭން ޓީމުން ބުނެފިއެވެ.

ކެމްޕެއިން ދަތުރުފުޅެއްގައި މިހާރު ޝަހީމް ހުންނެވީ ފުވައްމުލަކަށް ވަޑައިގެންނެވެ. ޝަހީމްގެ ކެމްޕެއިން ޓީމުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައިދަރުސް ދެއްވަން ހަމަޖެހިފައި ވަނީ މިރޭ މަގްރިބް ނަމާދަށް ފަހު، ފުވައްމުލަކުގެ ދަނޑިމަގު އަވަށުގައި ހުންނަ އުއްމުލްގުރާ މިސްކިތުގައެވެ.

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުކަމުގެ މަގާމުގައި ހުންނެވި ޝަހީމް މިރޭ ދަރުސް ދެއްވާނީ މައިންބަފައިންނަށް ކަމޭހިތުމާ ގުޅޭގޮތުންނެވެ.

ޝަހީމްގެ ކެމްޕެއިން ދަތުރުފުޅުގައި ދަނީ ފުވައްމުލަކުގެ ގެތަކަށް ޒިޔާރަތްކުރައްވައި ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ. އޭނާ ވިދާޅުވެފައި ވަނީ އެ ދަތުރުފުޅުގައި އެއްވެސް ތަފާތުކުރުމެއް ނެތި ހުރިހާ ފިކުރުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށެވެ.

އެ ދަތުރުފުޅުގައި ޝަހީމް ވަނީ ފުވައްމުލަކުގައި އިސްލާމީ މަރުކަޒެއް އަޅުއްވަން ރައީސް ޔާމިން ނިންމަވާފައިވާކަން އިއުލާނު ކުރައްވައިފައެވެ. ޝަހީމް ވިދާޅުވީ އެ އިސްލާމީ މަރުކަޒުން ގުރުއާން ހިތުދަސްކޮށްދިނުމާއި އިސްލާމީ ތައުލީމު ފެތުރުމާއި ގުރުއާނުގެ އިލްމު ފެތުރުން ފަދަ މަސައްކަތްތައް ކުރެވިގެންދާނެ ކަމަށެވެ. އަދި އިސްލާމީ ދަރުސްތަކާއި ފޯރަމްތަކާއި ދީނީ އިލްމާ ގުޅޭ އެހެން ކަންތައްތައްވެސް އެ މަރުކަޒުގައި ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް