ހއ. އަތޮޅު ބާރަށުން ކަރަންޓް ކެނޑި ގޭގެއިން ވައްކަން ކުރަންފަށައި، ރައްޔިތުން ހާސްކަމެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނެފި އެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ރޭ ބުނީ ކުރީ ރޭ އިރާކޮޅު ކަރަންޓް ކެނޑުނު ތަނާ ހެން އެ ރަށު ގެއެއް "ފަޅާލައި" ފޯނަކާއި ކޮންމެވެސް ވަރަކަށް ފައިސާ ވެސް ވަގަށް ނަގާފައިވާ ކަމަށެވެ.
އެކަން ވަނީ ބާރަށު ކައުންސިލުން ވެސް ކަށަވަރުކޮށްދީފަ އެވެ.
ބާރަށުން ވާހަކަ ދެއްކި މީހާ ބުނީ 2000 ވަރަކަށް މީހުން އުޅޭ ރަށުން ރެއާއި އޭގެ ކުރީ ރޭ ބޮޑު ސަރަހަހައްދަކުން ކަރަންޓް ކެނޑި މީހުން ސާފުތާހިރުވުމަށް ވެސް ބޮޑެތި ހުރަސްތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި އޭނާ ބުނީ ދުވާލުގެ ވަގުތުތަކުގައި ކަރަންޓް ލިބޭ ކަމަށާއި ނަމަވެސް އެންމެ ބޮޑަށް މައްސަލަ ގޯސްވަނީ ރޭގަނޑު ކަމަށެވެ.
"އިއްޔެ ރޭ ވެސް އިރުއޮއްސި 6 އިން ފެށިގެން 10:30 އާ ދެމެދު ކަރަންޓެއް ނެތް،" އޭނާ ބުންޏެވެ.
ބާރަށުގައި ކަރަންޓްގެ މައްސަލަތައް ކުރިމަތިވާން މި ފެށީ ޔުޓިލިޓީ ކުންފުނިން ރަށުގެ ކަރަންޓްގެ ކަންތައްކާ ހަވާލުވުމަށް ފަހު ކަމަށް އޭނާ ބުންޏެވެ. އަދި ކުރިން ރައްޔިތުންގެ ނަމުގައި އިންޖީނުގެ ހިންގި ދުވަސްވަރު، އިންޖީނުގޭގެ ތިޖޫރީގައި ހުރި 540000 ރުފިޔާ ވެސް ގެއްލިފައިވާ ކަމުގެ ތުހުމަތެއް އޭނާ ކުރި އެވެ. އަދި ބުނީ ތިޖުރީ ފެނުނު އިރު ތިޖޫރި ހުޅުވާފައި ހުރީ ތަޅުދަނޑިން ކަމަށާއި ނަމަވެސް ފައިސާ ނެތް ކަމަށެވެ.
ބާރަށު ކައުންސިލް ނާއިބު ރައީސް މުހައްމަދު ޝާފިޒު މިއަދު ވިދާޅުވީ އެއާފްރައިޓްކޮށް މާލެ އިން އިންޖީނުގެ ސްޕެއާއެއް ރަށަށް ގެންދިއުމަށް ފަހު ރެއިން ފެށިގެން ކަރަންޓްގެ މައްސަލަ ހައްލުކުރެވިފައިވާ ކަމަށެވެ.
ނަމަވެސް ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި މީހާ މިއަދު ބުނީ ކަރަންޓްގެ މައްސަލަ ދިމާވަނީ ރޭނގަޑު ކަމަށާއި ދުވާލު މައްސަލަ ނުޖެހޭ ކަމަށެވެ.
ކައުންސިލްގެ ނާއިބު ރައީސް ވިދާޅުވީ އިންޖީނުގޭގެ ތިޖޫރި ގެއްލުނު ވާހަކައަކީ ހަގީގަތެއް ކަމަށާއި ނަމަވެސް އެ ތިޖޫރީގައި ހުރީ ކިހާ ފައިސާއެއް ކަމެއް އަދި ގެއްލުނީ ކިހާ އަދަދެއްގެ ފައިސާއެއް ކަން ނޭނގޭ ކަމަށެވެ.
ތިޖޫރީ ފެނުނު އިރު ތިޖޫރީ ހަލާކުކޮށްފައި ނުވާ ކަމަށާއި ހުޅުވާފައި ވަނީ ތަޅުދަނޑިން ކަމަށް ނާއިބު ރައީސް ވެސް އެއްބަސްވެވަޑައިގަތެވެ.