އޮންލައިންކޮށް ގޭސް ފުޅިއަށް އޯޑަރު ކުރެވޭނެ ޚިދުމަތް ތައާރަފްކޮށްފި

މޯލްޑިވް ގޭސްގެ ހިދުމަތްތަކަށް އުރީދޫގެ މޮބައިލް މަނީ، އެމް-ފައިސާ ބޭނުންކޮށްގެން ފައިސާ ދެއްކޭނެ ގޮތް ހަމަޖެއްސުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

މޯލްޑިވް ގޭސްގެ ހިދުމަތްތަކަށް އުރީދޫގެ މޮބައިލް މަނީ، އެމް-ފައިސާ ބޭނުންކޮށްގެން ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިފިއެވެ.

ސޯސަލް ސެންޓަރު ސޮޓޭޖް އޭރިއާގައި މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން މި ހިދުމަތް ތައާރަފްކޮށްދެއްވީ މޯލްޑިވް ގޭސްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މައުމޫން އާއި އުރީދޫގެ ސީއީއޯ ނަޖީބް ޚާންއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ އަބަދުވެސް މި ދައްކަނީ ޑިޖިޓް ޒަމާނެއްގެ ވާހަކަ ކަމަށާއި، ކަންކަން ކުރި އަރަމުންދާއިރު، އެއާއެއްކޮށް ޒަމާނީ ޑިޖިޓަލް ކުރިއެއެރުންތަކެއް ވެސް އަންނަން ޖެހޭ ކަމަށެވެ.

"ފޯނެއްގައި މަޑުނުކުރައްވާ އަތުގައި އޮންނަ ފޯނުން ކޮށްލަވާ އެސްއެމްއެސްއަކުން ތިބޭފުޅުންގެ އޯޑަރ ޕްލޭސްވެގެން ދިޔައީ. އެ ސަލާމަތް ކުރެވެނީ އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ވަރަަށް ބޮޑު ވަގުތެއް." މައުމޫން ވިދާޅުވިއެވެ

އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ، އުރީދޫ އެޕް މެދުވެރިކޮށް މިހާރުވެސް ކަރަންޓް ބިލް ފެން ބިލް ފަދަ ބިލްތައް ފަސޭހަކޮށް ދެއްކޭއިރު، މިހާރު އިތުރު ހިދުމަތެއްގެ ގޮތުގައި، ތައާރަފްވެގެން މި ދިޔައީ އެޕް މެދުވެރިކޮށް ގޭސްފުޅި ގަނެވޭނެ ހިދުމަތް ކަމަށެވެ.

އެމް-ފައިސާ އަކީ މޮބައިލް ފޯނު މެދުވެރިކޮށް، ވާޗުއަލް އެކައުންޓަކުން ފައިސާގެ މުއާމަލާތް ފަސޭހަކަމާ އެކީ ކުރެވޭނެ ނިޒާމެކެވެ.

މި ހިދުމަތަކީ އެދެ ކުންފުންޏަށާއި، އެ ކުންފުނީގެ ކަސްޓަމަރ ބޭސްއަށް ލިބިގެންދާނެ ވަރަށް ބޮޑު އުފަލެއް ކަމަށްވެސް އެމީހުން ވިދާޅުވިއެވެ.

comment ކޮމެންޓް