އިންޑޮނޭޝިއާއަށް އަނެއްކާ ވެސް ބިންހެލުމެއް އަތުވެއްޖެ

އިންޑޮނޭޝިއާއަށް އައި ބިންހެލުމުގެ ސަބަބުން ގިނަ އަދަދެއްގެ ގިނަ އަދަދެއްގެ އިމާރާތްތައް ވަނީ ވެއްޓިފައި -- ފޮޓޯ: ގެޓީ

ޖަކާޓާ (އޮގަސްޓު 9): އިންޑޮނޭޝިއާއަށް އާދިއްތަ ދުވަހު އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުމުން އަރައި ނުގަނެވެނީސް، އެގައުމަށް އަނެއްކާ ވެސް މިއަދު ބިންހެލުމެއް އަތުވެއްޖެ އެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ބުނި ގޮތުގައި އެއީ 5.9 މެގްނިޓިއުޑުގެ ބާރުމިނުގައި އައި ބިންހެލުމެކެވެ. އަދި އެބިންހެލުން އައީ ކުރީގެ ބިންހެލުން ވެސް އައި ލޮމްބޮކް އައިލެންޑުގެ 12 ކިލޯ މީޓަރު އަޑިން ކަމަށް އިންޑޮނޭޝިއާގެ ޖިއޮލޮޖިކަލް އޭޖެންސީން ބުންޏެވެ.

އެބިންހެލުމުގެ ސަބަބުން ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރު ދީފައި ނުވެ އެވެ. ނަމަވެސް އެބިންހެލުމުގައި ބައެއް އިމާރާތްތައް ވެއްޓިފައިވާ ކަމަށް ރޮއިޓާސްއިން ބުންޏެވެ.

އާދިއްތަ ދުވަހު ލޮމްބޮކްއަށް 6.9 މެގްނިޓިއުޑުގެ ބާރުމިނުގައި އައި ބިންހެލުމުގެ ސަބަބުން އިންޑޮނޭޝިއާ އިން މަރުވި މީހުންގެ އަދަދު 131އަށް އަރަ އެވެ. އަދި އޭގެ ސަބަބުން ގެދޮރު ނެތިފައިވާ މީހުންގެ އަދަދު ވަނީ 156،000 އަށް އަރައިފަ އެވެ.

އިންޑޮނޭޝިއާގެ އެމާޖެންސީ ސާވިސެސްއިން އަދި ވެސް ދަނީ އެބިންހެލުމުގެ ސަބަބުން ވެއްޓިފައިވާ ގެތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. (ބީބީސީ)

comment ކޮމެންޓް