ފްރެންޗައިޒް ރެސްޓޯރެންޓްތަކުގައި ދިވެހިން ނަން ނުޖަހާތީ ފާޑުކިޔައިފި

މައި އުރީދޫ އެޕް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި އަޝްރަފް ވާހަކަ ދައްކަވަނީ.-- ފޮޓޯ: އުރީދޫ

ރާއްޖޭގައި ހުޅުވަފައިވާ ބޭރުގެ މަޝްހޫރު ފްރެންޗައިޒް ރެސްޓޯރެންޓްތަކާއި ބައެއް އެހެނިހެން ތަންތަނުގައި ދިވެހިން ނަން ޖަހާފައި ނުހުންނާތީވެ ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ފާޑުވިދާޅުވެއްޖެ އެވެ.

މައި އުރީދޫ އެޕްގެ ދިވެހި ވާޝަން ތައާރަފް ކުރުމަށް އިއްޔެ ސެންޓްރަލް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި އަޝްރަފް ވިދާޅުވީ ބޭރުގެ ފިޔަފާރިތައް ރާއްޖެ އަށް ތައާރަފް ކުރާއިރު، ރާއްޖޭގައި ހެދިފައި ހުންނަ އުސޫލުތަކާއި އަސާސީ މިންގަނޑުތަކާ ހިލާފު ނުވާނޭ ގޮތަށް އެކަން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް ބުނާ ގޮތުން، އާންމުން ދިރިއުޅޭ ކޮންމެ ރަށެއްގައި ހުންނަ ކޮންމެ ތަނެއްގެ، ނަންބޯޑަކީ ދިވެހި ބަހުން އެ ތަނެއްގެ ނަން، އެހެން ބަހަކަށް ވުރެ ބޮޑަށް ޖަހާފައި އޮންނަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެން ދެކެން އަރަބި ގައުމުތަކުގައި ވެސް މި ދެންނެވި އަސާސް ހިފަހައްޓާފައި ހުންނަތަން. ހަމަ ބޮޑެތި އަކުރުން، މިސާލަކަށް މޭރީ ބްރައުން އެ މީހުން ކިޔާގޮތަށް ލިޔެގެން އުޅެނީ. ނޫޅޭ މައްސަލަ ޖެހިގެނެއް. ކޭއެފްސީ އެއް ނޫން އޮންނަނީ. އަޅުގަނޑަށް ހީވަނީ ކާއަފްސޫ، އެކަހަލަ ގޮތަކަށް ކަންނޭގެ އޮންނަނީ. އޮވެޔޭ އަރަބި ބަހުން ބޮޑު އަކުރުން ލިޔެފައި، ދެން ތިރީގަ އިނގިރޭސި ބަހުން ކޭއެފްސީ ޖަހާފަ އޮންނަނީ،" އަޝްރަފް ވިދާޅުވި އެވެ.

ރާއްޖޭގެ ގާނޫނުތަކުގައި އޮންނަނީ ވެސް އެގޮތަށް ކަމަށާއި ނަމަވެސް ފްރެންޗައިޒްތައް ވީމާ އެކަން ކުރަން ނުޖެހޭނެ ކަން "ބޮލުތެރޭގައި އެނބުރެންޏާ" މިފަދަ ކަންކަން ތަންފީޒުކުރުން ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ބައިވެރިވި ޖަލްސާގައި، އަޝްރަފް ވަނީ މި ކަންކަމަށް ސަރުކާރުން ސަމާލުކަން ދީގެން ކުރިއަށް ދިއުމަށް އެދިވަޑައިގެންފަ އެވެ.

އަޝްރަފް ވިދާޅުވީ މިފަދަ ކަންކަމަށް، ތަންތަނުގެ އިސް ވެރިން ފަރުވާ ކުޑަކުރާ ނަމަ ރާއްޖޭގެ ގައުމިއްޔަތު ރޫޅިގެން ދާނެ ކަމަށެވެ. އަދި އެންމެން ގުޅިގެން މިފަދަ ކަންކަމުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އުރީދޫގެ މައި އުރީދޫ އެޕް ދިވެހި ބަހުން ނެރުމަކީ، ކުރިއަރަމުން އަންނަ ޓެކްނޮލޮޖީއާ އެކު، ދިވެހި ބަސް އިތުރު ހަރުފަތަކަށް ގެންދިއުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އަޝްރަފް ވިދާޅުވި އެވެ. އަދި އެހެން ކުންފުނިތަކުން ވެސް އުރީދޫ މިސާލެއްގެ ގޮތުގައި ބަލައިގެން ކުރިއަށް ދިއުމަށް އޭނާ ގޮވާލެއްވި އެވެ.

އަޝްރަފްގެ ފާޑުކިޔުން އަމާޒުވި އިރު، ދުނިޔޭގެ މަޝްހޫރު ގިނަ ފްރެންޗައިޒް ރެސްޓޯރެންޓުތައް މާލޭގައި ހުޅުވާފައިވާ އިރު، އެ އެއްވެސް ތަނެއްގެ ނަން ދިވެހިން ޖަހާފައެއް ނުވެ އެވެ.

comment ކޮމެންޓް