ޓްރަމްޕާއި ރޫހާނީގެ ސަމިޓެއް ބޭއްވޭތޯ ޔޫރަޕުން މަސައްކަތްކުރަނީ

އީރާނުގެ ރައީސް ހަސަން ރޫޙާނީ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ޓެލްއަވީވް (އޮގަސްޓް 8): ގަލްފުގެ އަރަބި ގައުމެއް ކަމަށްވާ އުމާން މެދުވެރިއެއްގެ ބައި އަދާކޮށްގެން އެމެރިކާއާއި އީރާނާ ދެމެދު ނުސީދާ ގޮތެއްގައި ސިއްރު ވާހަކަތަކެއް ދައްކަމުން ގެންދިޔަ ކަމަށާއި އެކަން އެމެރިކާކުރީ އިސްރާއީލަށް ނާންގައި ސިއްރުން ކަމަށް އިސްރާއީލުގެ އިތުބާރުހުރި ވެބްސައިޓަކުން ބުނެފިއެވެ.

"ދިބްކާ" ނަމަކަށް ކިޔާ އެސައިޓުން ބުނީ އުމާން މެދުވެރިއެއްގެ ބައި އަދާކޮށްގެން އެމެރިކާއާއި އީރާނާ ދެމެދު ނުސީދާ ގޮތެއްގައި ސިއްރު ވާހަކަތަށް ފަށާފައިވަނީ މީގެ ދެމަސްކުރިން ކަމަށާއި ނަމަވެސް މި ވާހަކަތަކުގައި އީރާނާއި އެމެރިކާގެ މަސްއޫލުވެރިން ސީދާގޮތެއްގައި ބައްދަލުކުރައްވާފައި ނުވާކަމުގައެވެ. މި ވާހަކަތައް ހުއްޓުނީ އެކަން އިސްރާއީލަށް ފަޅައިއެރުމުން އިސްރާއީލުގެ ފިއްތުންތަކާ ގުޅިގެންނެވެ. މިމައްސަލާގައި އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަރަށް ކޯފާވެގެން އުޅުއްވި ކަމަށްވެސް "ދިބްކާ" ސައިޓް ބުނެއެވެ.

މިވާހަކަތައް ކުރިޔަށްދިޔަ ދުވަސްވަރު އީރާނުގެ ޚާރިޖީ ވަޒީރު ޑރ. މުހައްމަދު ޖަވާދު ޒަރީފް ވަނީ ދެފަހަރެއްގެ މަތިން އުމާނަށް ވަޑައިގެންފައެވެ. އަދި އުމާންގެ ޚާރިޖީ ވަޒީރު ޔޫސުފް ބިން އަބްދުﷲ ބިން އަލަވީވެސް ދެ ފަހަރެއްގެ މަތިން ތެހެރާނަށް ވަޑައިގެން އީރާނުގެ ރައީސް ހަސަން ރޫޙާނީ އާ ބައްދަލުކުރައްވާފައިވެއެވެ.

އަނެއްކޮޅުން އިސްރާއީލުގެ ނޫހެއް ކަމަށްވާ "މައާރީފް" ބުނާގޮތުން ޔޫރަޕްގެ އިއްތިޙާދުގެ ލީޑަރުން ގެންދަވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އީރާނުގެ ރައީސް ހަސަން ރޫހާނީގެ ސަމިޓް ބައްދަލުވުމެއް ނިޔުޔޯކްގައި ބޭއްވުމަށް މަސައްކަތް ކުރައްމުންނެވެ. ޔޫރަޕްގެ ބައެއް މަސްއޫލުވެރިންނާ ހަވާލާދީ އިސްރާއީލުގެ ނޫސް ބުނާގޮތުން ރޫހާނީއާއި ޓްރަމްޕްގެ ސަމިޓެއް ބޭއްވިއްޖެނަމަ އީރާނާއި އެމެރިކާއާ ދެމެދު މިހާރުއޮތް ހޫނުކަމަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް އަންނާނެއެވެ.

މިފިނިކަމުގެ ތެރެއިންލާފައި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމުގެ ފުރްސަތު އީރާންގައި މަސައްކަތްކުރާ ޔޫރަޕްގެ ކުންފުނިތަކަށް ލިބިގެންދާނެ ކަމަށް ޔޫރަޕްގެ ލީޑަރުން އުންމީދު ކުރައްވައެވެ.

އީރާނާއި އެމެރިކާގެ ގުޅުންތަށް ގޯސްވެފައިވާތާ 40 އަހަރު ވެފައިވީނަމަވެސް 2015 ވަނައަހަރު ސޮއިކުރި ނިއުކްލިޔަރ އެއްބަސްވުމަށްފަހު އެދެގައުމުގެ ގުޅުންތަކަށް ފިނިކަން ލިބިގެން ދިޔައެވެ. ނަމަވެސް ޓްރަމްޕްގެ ވެރިކަމުގައި މިއަހަރުގެ ކުރީކޮޅު އީރާނުގެ ނިއުކްލިޔަރ އެއްބަސްވުމުން އެމެރިކާ އަމިއްލައަށް ވަކިވުމަށްފަހު އީރާނާދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އެމެރިކާ ނިންމުމާ ގުޅިގެން އީރާނާއި އެމެރިކާގެ ގުޅުންތައްވަނީ އަނެއްކާވެސް ކުރީގެ ހާލަތަށް ގޮސްފައެވެ.

އެމެރިކާ މަސައްކަތްކުރަނީ އިގްތިސާދީގޮތުން އީރާން އިނދަޖައްސާލައިގެންނާއި އީރާނަށް ދަތިކޮށްގެން އީރާންގެ އެތެރޭގައި ހަމަނުޖެހުން އުފައްދައިގެން އެމެރިކާއާއި އިސްރާއީލު އެދޭފަދަ ނިއުކްލިޔަރ އެއްބަސްވުމެއްގައި ސޮއިކުރަން އީރާނަށް މަޖްބޫރު ކުރުމުވުމަށެވެ. މިކަމުގެ މައިގަނޑު ބޭނުމަކީ އިސްރާއީލަކީ ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އީރާން އެއްބަސް ކުރުވުމެވެ.

އީރާނަކީ އިސްރާއީލަކީ ނައްތާލަންޖެހޭ ކެންސަރެއް ފަދަ ބައްޔެއްކަމަށް ދެކޭ ގައުމެކެވެ. އިސްރާއީލުގެ ނޫހެއް ކަމަށްވާ "މައާރީފް" ބުނާގޮތުން ޔޫރަޕްގެ އިއްތިޙާދުގެ ލީޑަރުން ގެންދަވަނީ އަންނަ ސެޕްޓެމްބަރުމަހު އދ.ގެ މައިމަރުކަޒުގައި ކުރިޔަށްދާ އދ. ގެ ޖެނެރަލް އެސެމްބްލީގެ ބައްދަލުވުމުގެ އަރިމަތީގައި ރޫޙާނީއާއި ޓްރަމްޕްގެ ސަމިޓް ބައްދަލުވުމެއް ބޭއްވުމަށް މަސައްކަތް ކުރައްވަމުންނެވެ. ޓްރަމްޕް ވަނީ އީރާނާއި އެމެރިކާއާ ދެމެދުގައިވާ މައްސަލަތަކާބެހޭގޮތުން މަޝްވަރާ ކުރުމަށްޓަކައި ޝަރުތަކާނުލައި ރައީސް ހަސަން ރޫހާނީއާ ކޮންމެ ތަނެއްގައިވެސް ބައްދަލުކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ރޫހާނީ ވަނީ ޓްރަމްޕްގެ ދައުވަތު ގަބޫލުކުރައްވަން ދެކޮޅު ހައްދަވާފައެވެ. ރޫހާނީ ވިދާޅުވީ އީރާނުގެ ނިއުކްލިޔަރ އެއްބަސްވުމުން އެމެރިކާ އަމިއްލައަށް ވަކިވުމަށްފަހު އެމެރިކާއިން އީރާނާދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންގެންދާ މިދަނޑުވަޅުގައި ޓްރަމްޕާ ބައްދަލު ކުރެއްވުމަކީ ބޭކާރު ކަމެއްކަމަށާއި ޓްރަމްޕާ ބައްދަލުކުރައްވައިގެން މައްސަލައަށް ހައްލެއް ގެނެވޭނެ ކަމުގެ އުންމީދެއް ނެތްކަމުގައެވެ.

އީރާނާ ސުލްޙައިގެ ވާހަކަތައް ދައްކަން ބޭނުންވާނަމަ އީރާނުގެ ނިއުކްލިޔަރ އެއްބަސްވުމަށް އަލުން ރުޖޫއަވުމަށާއި ކުރިންވެސް އެމެރިކާއާ ވާހަކަ ދެއްކިގޮތަށް ނިއުކްލިޔަރ އެއްބަސްވުމުގެ އޮނިގަނޑުގެ ތެރެއިން އެމެރިކާއާ ވާހަކަ ދެއްކި ދާނެކަމަށް ރޫހާނީ ވަނީ ވިދާޅުވެފައެވެ. (އަލްޖަޒީރާ)

comment ކޮމެންޓް