ޔޮޓުއާސް އާ ކ.ކުޑަވިލިނގިލި ހަވާލުކުރަން ނުޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ދައުލަތުން ހުށަހެޅި މައްސަލައިގައި، އެ ރަށް ޔޮޓް ޓުއާސްއަށް ދޭންޖެހޭ ކަމަށް ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ތާއީދުކޮށް ސުޕްރީމް ކޯޓުން މިއަދު މައްސަލަ ނިންމައިފި އެވެ.
ދައުލަތާއި ޔޮޓް ޓުއާސްއާ ދެމެދު އެއްބަސްވާ ގޮތަކަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުޑަވިލިނގިލި 45 ދުވަހުގެ ތެރޭގައި ޔޮޓް ޓުއާސް އަށް ދިނުމަށް ހައިކޯޓުން ނިންމާފައިވާ ނިންމުން ބާތިލްކޮށް، ޔޮޓް ޓުއާސްއާ ކުޑަވިލިނގިލި ހަވާލުކުރަން ނުޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ދައުލަތުން ހުށަހެޅި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގައި މިއަދު އޮތް ޝަރީޢަތުގެ މަޖިލީހުގައި ހުކުމް އިއްވަވަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު ޔޫސުފް ހުސެއިން ވިދާޅުވީ، މި މައްސަލަ ދިރާސާކުރުމުގައި ހައިކޯޓުންނާއި ދަށު ކޯޓުން ލިބިފައިވާ މަޢުލޫމާތުތަކަށާއި މައްސަލައާ ބެހޭ ގޮތުން ދެފަރާތުން ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު މައްސަލައިގައި ހައިކޯޓުން ނިންމާފައިވާ ނިންމުން ބަދަލުކުރަން ނުފެންނަ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޕެނަލުން އިއްތިފާގުވެފައިވާ ކަމަށެވެ.
ސުޕްރީމު ކޯޓުގައި އޮތް ޝަރީއަތަށްފަހު، ކޯޓުން ބޭރަށް ނުކުމެވަޑައިގެން ސަންއެފްއެމަށް ދެއްވި އިންޓަވިއުއެއްގައި ޔޮޓް ޓުއާސްގެ ޗެއާމަން އަބްދުﷲ ޖާބިރު ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމަކީ އިންސާފުވެރި ނިންމުމެއް ކަމަށެވެ. އަދި މި މައްސަލައިގައި އިންސާފު ގާއިމްކުރެވިގެން ހިންގައްޖެ ކަމަށާއި މިކަމުގެ ސަބަބުން ރާއްޖޭގައި އިންވެސްޓްކުރުމަށް އިންވެސްޓާ ކޮންފިޑެންސް އިތުރުވެގެންދާނެ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.
ޖާބިރު އަދި ވިދާޅުވީ، ކުޑަވިލިނގިލީގެ މައްސަލަ ނިމުމާ ގުޅިގެން ކުރިން ވެސް ހަމަޖެހިފައި އޮތް ގޮތަށް ސަރުކާރަށް ފަސް ޕަސެންޓްގެ ހިއްސާ ދޭގޮތަށް އެރަށް ތަރައްގީކުރުމުގެ މަސައްކަތް ޔޮޓް ޓުވާސް އިން ފަށާނެ ކަމަށެވެ. އެކަމަށް ސަރުކާރުގެ ފުރިހަމަ އެހީތެރިކަން ލިބިގެންދާނެކަން ޔަގީންކުރައްވާ ކަމަށާއި، ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށް އަންނަ އަހަރު އެރަށް ހުޅުވިގެންދާނެ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.
ކުޑަ ވިލިނގިއްޔަކީ ބިޔާދޫގެ މައްސަލައިގައި ބަދަލެއްގެ ގޮތުން ޔޮޓް ޓުއާސްއަށް ސަރުކާރުން ދޭންޖެހޭ ފައިސާގެ ބަދަލުގައި ޔޮޓްޓުއާސްގެ އެދުމުގެ މަތިން ސަރުކާރުން ކުރިން ދޭން ނިންމި ރަށެކެވެ. ނަމަވެސް އެ މައްސަލައިގައި ސަރުކާރާއި ޔޮޓް ޓުއާސްއާ ދެމެދު ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ.