އެ އަޑެއްގެ ޖާދޫގައި ގިނަ ބަޔަކު ޖެހި ދީވާނާ ވެފައިވާ އަޑެކެވެ. ކުޅަދާނަ އާޓިސްޓެކެވެ. މިއުޒިކީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކޮށްދީފައިވާ ހިތްވަރުގަދަ ފަންނަނާނެކެވެ. ރާއްޖޭގައި ގަދަ ފަސް ލަވަ ކިޔުންތެރިން ހޮވާ ކަމަށް ވާނަމަ އޭގެ ތެރެއިން ކޮންމެސް ހަރުފަތެއްގައި ނުހުރެ ނުދާނެއެވެ. މިދައްކަނީ އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ)ގެ ވާހަކައެވެ.
ގދ. ތިނަދުއަށް އުފަން ކުޑަ އިއްބެ މިއުޒިކްގެ ތެރެއަށް ވަދެވުނީ 1993 ވަނަ އަހަރުގެ ތެރޭގައެވެ. އިއްބެގެ އާއިލާ އަކީ ވެސް މިއުޒިކީ ދާއިރާގައި ނަން މަޝްހޫރު އާއިލާ އެކެވެ. ބޮޑު ވަމުން އަައި އިރު ގޭ ތެރެއިން ވެސް އިއްބެއަށް އިވެނީ ލަވައިގެ އަޑެވެ.

" އަސްލު ދައްތަ ވެސް ކުރިން ލަވަ ކިޔާނެ، ދެން އާއިލާގެ ބައެއް މީހުން އިއްބެ މެން ކުޑަ އިރު ލަވަ ކިޔައި އުޅޭ، އެހެންވެ އޭރުން ފެށިގެންވެސް އަސްލު ވަރަށް ޝައުގުވެރިކަން ހުރޭ،" މިއުޒިކުގެ ތެރެއަށް ވަދުވުނުގޮތް ކިޔާދެމުން އިއްބެ ބުންޏެވެ.
މިހާތަނަށް މި ދާއިރާގައި 400 އަށް ވުރެ ގިނަ ލަވަ އިއްބެ ވަނީ ކިޔާފައެވެ. އަމިއްލަ ރާގުގެ ލަވަތަކެއް ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފައިވާ އިރު ދިވެހި ފިލްމެއްގައި އިއްބެގެ ލަވައެއް ނުހިމެނުމަކީ ވަރަށް ނާދިރު ކަމެކެވެ. އިއްބެ ވަނީ އޭނާގެ އަމިއްލަ އަލްބަމެއްވެސް "ރާގު" ގެ ނަމުގައި ނެރެފައެވެ.
މިއުޒިކީ ދާއިރާގައި ގިނަ ދުވަސް ތަކެއް މަސައްކަތް ކޮށްދެމުން ދަނިކޮށް މި އަހަރުގެ މިނިވަން ދުވަހު ބޭއްވި ގައުމީ އިނާމުން އިއްބެއަށް އެވޯޑް ލިބިގެން ދިޔުންވީ އޭނާއަށް މިދާއިރާއިން ކުރިޔަށް ދިޔުމަށް ލިބުނު އިތުރު ހިތްވަރަކަށެވެ. އިއްބެއަށް އެ އެވޯޑް ލިބުނީ ޕާފޯމިން އާޓްސްގެ ދާއިރާ އިންނެވެ.

ކުޑަ އިއްބެ ނެރުނު ރާގު އަލްބަމް ގެ ކަވާއެއް...
"އެ އިނާމު ލިބުނު ވަގުތުކޮޅު އެއީ އިއްބެއަށް ވަރަށް ހާއްސަ ވަގުތު ކޮޅެއް، ހަގީގަތުގަ ދައުލުތަން އެމީހަކު ކުރާ މަސައްކަތް އެޕްރިޝިއޭޓް ކުރުމަކީ އެމީހަކަށް ލިބޭ ވަރަށް ބޮޑު ފަހުރެއް. ހަމަ އެގޮތުން އެ އުފާ ލިބިގަންނަން، ވަރަށް އުފާވި،" ގިނަ ބައެއްގެ މެދުގައި މަގުބޫލުވެގެންދިޔަ "އެދެމޭ ކަލާޔާ ގާތުގާ" ލަވަ ކިޔާފައިވާ އިއްބެ ބުންޏެވެ.
އިއްބެ ހުރީ ދައުލަތުން އޭނާގެ މަސައްކަތް ބަލައިގަނެ އެވޯޑް ދިނުމުން އައު ހިތްވަރަކާ އެކު މިދާއިރާއިން ކުރިޔަށް ދިޔުމަށް ތައްޔާރަށެވެ. ހިތާމައަކީ މިކަހަލަ ކުޅަދާނަ ފަންނާނުން ކުރާ މަސައްކަތުގެ އަގު ވަޒަންކުރާނެ މީހުން މަދުކަމެވެ.

މަޝްހޫރު ލަވަކިޔުންތެރިންނާއެކު ކުޑަ އިއްބެ...
"ރާއްޖޭގަ އާޓިސްޓުން ވެސް ނޫނީ ފަންނާނުންވެސް ކުރާ މަސައްކަތް އެޕްރިޝިއޭޓް ކުރާ މީހުން މަދު. އުންމީދު ކުރަނީ ކުރިޔަށް އޮތްތާގައިވެސް ފަންނާންގެ އަގު ވަޒަން ކުރާނެ ގިނަ ބަކަކު ތިބޭނެ ކަމަށް،" އިއްބެ ބުންޏެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވިގެން ދިޔަ ފްރެންޗަައިޒް ޝޯވް، މޯލްޑިވިއަން އައިޑޮލްގެ ޖަޖުކަން ދެ އަހަރު ކޮށްދީފައިވާ އިއްބެގެ މަސައްކަތްތައް ކުރިޔަށް ހުރީއެވެ. މަޝްހޫރު ފިލްމީ ތަރި ނިމާލު ޑައިރެކްޓް ކުރާ ފިލްމެއްގެ މަަސައްކަތް ކުރިޔަށް އޮތް އިރު އޭނާ ދަނީ މަދަހަ އަލްބަމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. އިއްބެ އެންމެ ފަހުން ލަވައެއް ކިޔާފައިވަނީ މިދިޔަ އަހަރު ރިލީޒްކުރި ފާތިމަތު ނަހުލާގެ "ބޮސް" އަށެވެ.

މޯލްޑިވިއަން އައިޑަލްގެ ތިން ޖަޖުން، ކުޑަ އިއްބެ، އުނޫޝާ، އައްމަޑޭ --- ފޮޓޯ: ޕީއެސްއެމް
އިއްބެގެ ނުހަނު ގިނަ މަސައްކަތްތައް ކުރިޔަށް ހުރި އިރު މިދާއިރާއަށް އަލަށް ނުކުންނަ ކުދިންނަށް އިއްބެ ދޭ ނަސޭހަތަކީ ތެދުވެރިކަމާއި ހިތްވަރާއެކު މަސައްކަތް ކޮށް ކުރިޔަށް ދިޔުމެވެ. އިއްބެއަށް ކުރިޔަށް އޮތީ ބިޒީ ދުވަސް ތަކެކެވެ. އީދުގައި ވެޝް ޝޯވ ތައް ދިނުމަށް އިއްބެ ހުރީ ތައްޔާރަށެވެ.