އަނަސްގެ މަރުގެ މައްސަލައިގެ އަޑުއެހުން އަނެއްކާ ވެސް ކެންސަލް

ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި މުހައްމަދު އަނަސް މަރާލާފައި ---

މިދިޔަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލާގައި ދައުވާ ކޮށްފައިވާ ފަސް މީހެއްގެ މައްސަލަ މިއަދު ކްރިމިނަލް ކޯޓުގައި ތާވަލުކުރުމަށް ފަހު ކެންސަލް ކޮށްފި އެވެ.

އަނަސް މަރާލި މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުގައި 13:00އަށް ތާވަލު ކުރީ ލ. ގަން، ނަންނާރިގެ ޖުނައިދު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ކ. މާލެ ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ޅ. ކުރެންދޫ އަސަރުމާގެ އަހުމަދު ޒަޔާން އަދި ކ. މާލެ ދިމިޝްގު އުސްމާން ޝަރީފުގެ މައްސަލަ އެވެ.

އެ މީހުންގެ ތެރެއިން ޖުނައިދު އަބްދުﷲ އާއި ހަސަން މަހްފޫޒު އަދި ސިމާހު މޫސާގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އަހުމަދު ޒަހާން އާއި އުސްމާން ޝަރީފުގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

މި ފަސް މީހުންގެ މައްސަލަ މިއަދު ކްރިމިނަލް ކޯޓުން ތާވަލުކުރުމަށް ފަހު ކެންސަލްކޮށްފައިވާ އިރު އިރު އެ ކޯޓުގެ އޮފިޝަލަކު ވިދާޅުވީ މައްސަލަ ކެންސަލް ކުރީ އިދާރީ މައްސަލައެއްގެ ސަބަބުން ދައުވާ ލިބޭ އިތުރު ދެ މީހަކު ކޯޓަށް ހާޒިރު ކުރެވިފައި ނުވާތީ ކަމަށެވެ.

އޮފިޝަލު ވިދާޅުވީ ދައުލަތުން ބޭނުން ވަނީ އަނަސްގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ އިތުރު ދެ މީހުންނާ އެކު ހަތް މީހުންގެ މައްސަލަ ވެސް އެއްކޮށް ކުރިއަށް ގެންދިއުމަށް ކަމަށެވެ.

އެހެން ކަމުން ދެން އެ މައްސަލައިގެ އަޑުއެހުމެއް ތާވަލު ކުރާނީ އަންނަ ބުރާސްފަތި ދުވަހަށް ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

އަނަސްގެ ބޭބެ މިއަދު "ސަން" އަށް ބުނީ އޭނާގެ ކޮއްކޮގެ މަރުގެ މައްސަލަ ނުނިމި ލަސްވާތީ ކަންބޮޑުވާ ކަމަށެވެ. އަދި މަރުގެ މައްސަލަތަކަކީ ބޮޑު މައްސަލަތައް ކަމުން އަވަހަށް މައްސަލަ ނިންމަން ޖެހޭނެ ކަމަށް ގަބޫލު ކުރާ ކަމަށް އޭނާ ބުންޏެވެ.

މިއީ އަނަސްގެ މަރުގެ މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައި ކެންސަލް ކުރި ތިންވަނަ ފަހަރެވެ. މީގެ ކުރިން މި މައްސަލައިގެ އަޑުއެހުމެއް ތާވަލު ކުރީ އެއް މަސް ކުރިންނެވެ.

comment ކޮމެންޓް