ފުރަތަމަ އޮތީ އީވޯޓިންއަށް އިތުބާރު އޮތްތޯ ބެލުން

ދެހާސްތޭރައިގެ ވާހަކަ އަދި ދައްކަން އަވަސް ކަމަށް ބުނާ މީހުން އުޅޭނެ އެވެ. އެހެންނަމަވެސް ޔަގީންވާ އެއްކަމެއް އެބައޮތެވެ. ދެހާސްތޭރައިގެ ރިޔާސީ އިންތިހާބަކީ އެތައް ގޮތަކުން ތަފާތު އިންތިހާބަކަށް ވާނެ ކަމެވެ. ރިޔާސީ އިންތިހާބުގެ ވޯޓުލާގޮތަށް އިލެކްޝަނުން ބަދަލެއް ގެންނާނެ ކަމެވެ. އިލެކްޓްރޯނިކް ވޯޓިން ނޫނީ އީވޯޓިން ތައާރަފް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައި އެކަމަށް ވަނީ ތައްޔާރުވާން ފަށާފަ އެވެ. މިއީ އެތައް ދުވަހެއް ކުރިން ކޮމިޝަނުން ދެކޭ ހުވަފަނެކެވެ.

މާޒީއަށް ދާއިރު 2008 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް އީވޯޓިން ތައާރަފްކުރުމަށް މަޝްވަރާތަކެއް ކުރެވުނެވެ. އިލްޝަންސް ކޮމިޝަނުން އޭރުވެސް އެކަމަށް ބާރު އެޅި އެވެ. އޭގެ ފަހުން ބޯމަތިވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އިލެކްޝަންސް އިން އެކަމަށް ވަކާލާތު ކުރި އެވެ. އެ މަސައްކަތްތައް "‘ފެނަށް" ވީ ކޮމިޝަންގެ މިހާރުގެ ރައީސް އަދި ކުރީގެ އިލެކްޝަންސް ކޮމިޝަންގެ މެންބަރު ފުއާދު ތައުފީގު ވިދާޅުވާގޮތުންނަމަ ރައްޔިތުންގެ މަޖިލީހާއި ސަރުކާރުންވެސް އެކަމަށް "އާނބަސް" ނުބުނުމާއި ވަގުތު ކުޑަތަންވެގެނެވެ.

ފުއާދު ވިދާޅުވި ގޮތުގައި އީވޯޓިންގެ ސަބަބުން އިންތިހާބުގެ ނަތީޖާ ނެރުމުގައި ފަސޭހަވެ ކުރަންޖެހޭ މަސައްކަތްތަކަށް ލުއިވުމުގެ އިތުރުން އެ ނިޒާމުގެ ތެރެއިން ހަރަދު ކުޑަވެގެންދާނެ އެވެ. އިލެކްޝަންސް ކޮމިޝަންގެ މެންބަރުން އީވޯޓިންނަށް އިއްތިފާގުވީ އެހެން ވެގެންނެވެ.
"މިހާރު ހުރިހާކަމެއް ވެސް މެޝިނުން ކުރީމަ. މީހުން މަދުން ބޭނުން ކުރީމައި އަވަސް ވުމާއި ހަރަދުކުޑަވުމާއި މިކަންތައްތައް މިގޮތަށް ހުރުމުން ކޮމިޝަނުންވެސް ވިސްނީ މިކަމާ ބެހޭގޮތުން ހުރި ޕޮސިބިލިޓީޒްތަށް ބަލަން. މިއީ އަޅުގަނޑުމެން ކުރިއަށް ދާންވެއްޖެ ރޮނގެއް ކަމުގައި ކޮމިޝަންގެ މެންބަރުން ދެކެވަޑައިގަންނަވާތީ އެކަމާބެހޭގޮތުން އަޅުގަނޑުމެން ކުރިއަށް ދިޔުމަށް (ނިންމީ)،" ފުއާދު ވިދާޅުވި އެވެ. "މީގެ ކުރިންވެސް އަޅުގަނޑުމެން މިކަމާ ބެހޭ މައުލޫމާތު ހޯދުމަށްޓަކާ ދެ ފަހަރަކު ދެ ދަތުރެއް ކޮއްފިން. މެންބަރުންނާ ސީނިއާ ސްޓާފުންކުރި ދަތުރުތަށް ފިލިޕީންސް އަށާއި ބެންކޮކަށް. އޭގެއިތުރުން އަޅުގަނޑުމެންގެ މެންބަރަކު އިންޑިއާގައި އޮތް ބައްދަލުވުމަކަށް ވަޑައިގެން މެޝިންވެސް ބައްލަވާފައިވަނީ. އެހެންވެ މި ކަމަކީ ފުދޭވަރަކަށް ބޮޑަށް އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމަށް ވާތީ މި ކަމަށް ކުރިމަތިމިލީ،"

އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އިލެކްޝަނުން ކޮށްފައިވާ ހަރަދުތަކަށް ނަޒަރު ހިންގާލިޔަސް އީވޯޓިންގެ ކޮސްޓް އެފިޝިއަންސީ ނޫނީ ހަރަދު ކުޑަކަމާ މެދު މެދު ސުވާލުއުފައްދާނެ ޖާގައެއްނެތެވެ. ދެހާސް އަށް ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް 86 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އީވޯޓިން ނިޒާމް ގާއިމްކުރުމަށްވެސް ގާތްގަނޑަކަށް އެވަރަށް ހަރަދު ހިނގާނެ ކަމަށް އިލެކްޝަންސްގެ އޮފިޝަލުން ލަފާކުރެ އެވެ.
"އެހާވަރު ހަރަދުކޮށްގެން ދިގު މައްދަތުގައި އޭގެން ހަރަދު ކުޑަވާނެ،" އިލެކްޝަންސްގެ ޑިރެކްޓާ ޖެނެރަލް މުހަންމަދު ތޮލާލް ވިދާޅުވި އެވެ. އަދި ކޮމިޝަނުން ލަފާ ކުރާ ގޮތުންނަމަ އެއީ ރިޔާސީ އިންތިހާބުގެ ހަރަދުގެ ތިން ބައިކުޅަ އެއްބައިގެ ތިރިވުމެކެވެ.

އީ ވޯޓިންއަކީ ރާއްޖެއަށް ފެތޭ ދެފުއްފެންނަ ނިޒާމަކަށް ވާނެތޯ އެއީ މީހުން ސުވާލުކޮށްފާނެ ކަމެކެވެ.
"އެއީ (އީވޯޓިން އަކީ) ދުނިޔޭގައި ތަޖުރިބާ ކުރާ ނިޒާމެއް. ރާއްޖެ ކަހަލަ އާބާދީ ކުޑަގައުމަކަށް އެއީ އެންމެ އެކަށޭނަ ނިޒާމެއް،" ކޮމްޕިއުޓާ ސައިންގެ ޕްރޮފެސާ، ހަސަން އުގެއިލް އިނގިރޭސި ވިލާތުގައި ހުންނަވައިގެން ވިދާޅުވި އެވެ.
ޕްރޮފެސަރު އުގެއިލްގެ ނަޒަރުގައި އީވޯޓިން ނިޒާމަކީ ދެފުށް ފެންނަ އާންމުނާ ރަހުމަތްތެރި ނިޒާމަކަށް ވާންޖެހޭނެ އެވެ. އަދި ނިޒާމަށް އާންމުގެ އިތުބާރު ގާއިމްކުރަންޖެހޭ ކަމަށް ވެސް އުގެއިލް ދެކެވަޑައިގަންނަވަ އެވެ.
"އެ ނިޒާމް ވާނީ މުޅިން އައު ނިޒާމަކަށް. އެހެންވީމައި ކައުންސިލްތަކަށް ވެސް އެ ނިޒާމުތަކަށް އެކްސެސް ލިބި އެ ރައްޔިތުންނަށް އުގަންނައި ދިނުމަށް ފުރުސަތު ދޭން ޖެހޭ. އެ ނިޒާމު ރައްޔިތުންނަށް އުގަންނައި ދިނުން މުހިންމު،" އުގައިލް ވިދާޅުވި އެވެ. މުހިންމު ޕޮއިންޓެއްވެސް އޭނާ ފާހަގަކުރެއްވި އެވެ. އެއީ މުޅި ނިޒާމް ފްރޯޑާއި ކޮރަޕްޝަނުން ސަލާމަތްކުރުމެވެ.
"އެބަ ޖެހޭ އެކަމަށް ފިޔަވަޅުތަކެއް އެޅެން. އެތެރޭގައި ތިބޭ މީހުން [ސިސްޓަމްއަށް އެކްސެސްކުރެވޭ އޮތޯރިޓީތަށް] އެބަޖެހޭ ކޮރަޕްޓް ބަޔަކަށް ނުވާން. މުޅި ސިސްޓަމް އެބަޖެހޭ އެކަމުން ހިމާޔަތްކުރެވެން،" އުގައިލް ވިދާޅުވި އެވެ.

އީވޯޓިން 2013 ގައި ރާއްޖެއަށް ތައާރަފުކުރާއިރު 1964 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ފެންވަރުގައި އީވޯޓިންއަކީ ރިޔާސީ އިންތިހާބުތަކުގައި ބޭނުން ކުރާ ނިޒާމެކެވެ. އެންމެ ފުރަތަމަ އެ ނިޒާމް ބޭނުންކުރީ އެމެރިކާގެ ރިޔާސީ އިންތިހާބުގަ އެވެ. އާންމުކޮށް އެ ނިޒާމް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި އިނގިރޭސި ވިލާތާއި ސްވިޒަލޭންޑް އަދި އީޔޫގެ ބައެއް ގައުމުތަށް ހިމެނެ އެވެ. އެ ފަދަ ނިޒާމުތަކުގައި ގިނަ ސެކިއުރިޓީ ފީޗާތަށް ހިމެނޭއިރު ބައެއް ސިސްޓަމްތަކުގައި ފިންގާޕްރިންޓަކީ ވޯޓުލުމަށް ބޭނުންކުރާ އަސާސްއެއް ގޮތަށް ފަރުމާކޮށްފައި ހުރެއެވެ.

އީވޯޓިންގެ ނިޒާމްގައި މިހާތަނަށް މައްސަލަތައް ދިމާވެފައި ނުވިނަމަވެސް އިނގިރޭސި ވިލާތުގެ ބައެއް މަދަނީ ޖަމްއިއްޔާތަކުން މަދުން ނަމަވެސް އީވޯޓިންނާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެގޮތުން 2009 ވަނަ އަހަރު ފްރާންސްގައި އީވޯޓިންގެ ފްރޯޑް މައްސަލައެއް ފރެންމަތިވި އެވެ. ނަމަވެސް އެއީ މުޅި ސިސްޓަމްގެ ފެއިލްވުމަށްވުރެ ބޮޑަށް އެއީ ވޯޓުލުމުގެ އުސޫލުތަކެއް ނެތުމުން ޖެހުނު މައްސަލައެއް ކަމަށް އެ މައްސަލަ ތަހުގީގު ކުރި ފުރާންސްގެ މުއައްސަސާތަކުން ބުނެފައިވެ އެވެ.

ދުނިޔޭގެ މިންގަޑިތަކުން އީވޯޓިން އަކީ ސައްހަ ނިޒާމެއް ކަމަށް މިންކުރާއިރު ވެރިކަން ކުރާ ޕާޓީ އަދި އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީން ވެސް އެ ނިޒާމަށް ތާއީދުކޮށް ވަނީ ވާހަކަ ދައްކާފައެވެ. ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހު ވިދާޅުވީ ފަސޭހަ، ނަތިޖާގެ ސައްހަކަން ބޮޑު ނިޒާމަކަށް އެ ޕާޓީން އަބަދުވެސް ތާއީދު ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންނަކީ އަބަދުވެސް އެތެރޭގެ އިންތިހާބުތަކުގައިވެސް ފަހުގެ ގޮތްތައް ބޭނުންކުރާ ބައެއް. އެގޮތުން މިދިޔަ އިންތިހާބުގައިވެސް އަޅުގަނޑުމެން އެސްއެމްއެސް ވޯޓިންވެސް ބޭނުން ކުރިން. އެހެންވީމަ ރީޗެކް ކުރެވޭ ނިޒާމަކަށް ވަންޏާ އަޅުގަނޑުމެން ތާއީދު،" ޝާހު ވިދާޅުވި އެވެ.

އޮޅުވާލުމާއި މަކަރުހެދުމަށް އެ ނިޒާމުން ޖާގަ ހުޅުވިދާނެ ތޯ ދެންނެވުމުން ޝާހު ވިދާޅުވީ "ވަގުތުން ވޯޓުލާ ސްޓޭޝަނެއްގައި ނަތީޖާ އިއުލާން ކުރާނަމަ" މަކަރުހެދުމަށް ޖާގައެއް ނެތް ކަމަށެވެ.

"މީގެ ކުރިންވެސް ވަގުތުން ނަތީޖާ އިއުލާންކުރީމައި އަޅުގަނޑުމެންގެ އަތުގައި ހުންނަ އެއްޗިހި އަޅާ ކީމައި މައްސަލައެއް އުޅެންޏާ އެނގޭނެ،" ޝާހު ވިދާޅުވި އެވެ.
އީވޯޓިންގެ ނިޒާމް ދިރާސާ ނުކޮށް ޑީއާރްޕީން އެއްޗެއް ބުނާކަށް ބޭނުމެއް ނުވެއެވެ.

ގިނަ އިންތިހާބުތަކެއްގައި އޮބްޒާވަރެއްގެ ގޮތުން ހަރަކާތްތެރިވެފައިވާ ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ޕްރޮގްރާމް ކޯޑިނޭޓާ އައިމަން ރަޝީދު ވިދާޅުވީ ޖުމްލަގޮތަކަށް އެ ނިޒާމަކީ "މައްސަލައެއް ނޫން" ކަމަށެވެ. ނަމަވެސް އޭގެ ކުރިން އެހެން ކަންތައްތަކެއް އިސްލާހުކޮށް ވަރުގަދަކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަހަރުމެން [ވޯޓުލުމަށް މިހާރު ބޭނުން ކުރާ] ސިސްޓަމަށް ބަލާއިރު ހުރިހާ މީހުން އިތުބާރު ކުރެއެކޭ ނުދެން ނެވޭނެ. ހަމައެހެންމެ ކޮމެންޓްތަކަށް ބަލާލާއިރުވެސް އީވޯޓިން އޭ ބުނެފިއްޔާ ވަރަށް ގިނަ މީހުން އެއަށް ވަރަށް ނެގެޓިވް ކޮށް މި ހުންނަނީ. ތީ ވޯޓް އޮޅިވާލަން ކުރާ ކަމެކޭ އެކަހަލަ ގޮތަކަށް ވާހަކަ މި ދެކެވެނީ. އެހެންވެ އެ އަންނައިރު އެއަށް މީހުން އަހުލުވެރި ކުރުވާ ބޭނުންކުރާ ސޮފްޓްވެއާ އޯޕަންސޯސްކޮށް ހެދުމަށް އެބަޖެހޭ ނިޒާމެއް ގާއިމް ކުރަން،" އައިމަން ވިދާޅުވި އެވެ. "އެކަން ކުރާނެތޯ ނުވަތަ ނޫންތޯ ނީންމާނީ އެންމެން އެކުވެގެން. ފާހަގަ ކުރަންޖެހޭ ތަންކޮޅަކީ އޭގައި ރަނގަޅުވެސް ނުބައިވެސް ހުރިކަން،"

އަދިވެސް ވަގުތު ކުޑަތަނެއް ނުވެ އެވެ. ނިޒާމްތަކެއް ގާއިމް ކޮށް ރައްޔިތުންގެ އިތުބާރު އުފެއްދުމަށް އިލެކްޝަނަށް ޖާގަ އެބަ އޮތެވެ. ކޮމިޝަންގެ ރައީސް ފުއާދު ވިދާޅުވީ މިހާރު ހިނގަމުން ދަނީ ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހު ގެނައުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ވޯޓުލުމުގެ އާންމު ގަވާއިދާއި ގާނޫނުގެ ބައެއް މާއްދާތަކަށް ބަދަލުގެންނަން ޖެހޭ ކަން އޭނާ ފާހަގަކުރެއްވި އެވެ. ފުއާދުގެ ނަޒަރުގައި މި ނިޒާމަށް ރައްޔިތުންވެސް އާނބަސް ބުނާނެ އެވެ.







ގުޅޭ ޓެގު
comment ކޮމެންޓް