މިނިވަންކަމުގެ 53 އަހަރު

ޖުލައި 26، 2015: މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބާތުގައި، ޖުމހޫރީ މައިދާނުގައި ބޭއްވި، ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތުގެ ތެރެއިން -- ސަންފޮޓޯ/ ޔޫސުފް ސޮފްވާން

ދިވެހިންގެ މިނިވަންކަމަށް ބައިގަރުނާއި ތިން އަހަރު ވީއެވެ. ގައުމުގެ ހަޔާތުގައި ފާއިތުވި އަހަރުތަކުގައި އަޅުވެތިކަމުގެ ހިތި ރަހަ ދެތިން ފަހަރަކު ދިވެހިންގެ ކަރު ބުޑުގައި ވަނީ ލައިފައެވެ. ތާރީީޚަށް ބަލާއިރު ދިވެހިންގެ މިނިވަންކަން ދީލައިގެން ދިޔަ ކޮންމެ ފަހަރަކުވެސް އޭގެ އަޑީގައި ދިވެހިންގެ ކޮންމެވެސް ބަޔެއްގެ އަތެއް ވެއެވެ.

ޕޯޗުގީޒުންގެ އަޅުވެތިކަމުގެދަށަށް ރާއްޖެ ދިއުމާއި ހޮޅިންގެ އަތްދަށަށް ރާއްޖެ ދިޔުމުގެ ފަހަތުގައިވެސް ވަނީ ގައުމަށް ބޭވަފާތެރިވި ދިވެހިންގެ އަތްތަކެވެ. އޭގެ ފަހުގެ މާޒީއަށް 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހުގެ އުދުވާނީ ހާދިސާގެ އަޑީގައި ވެސް ތިބީ ގައުމަށް ޣައްދާރުވި ދިވެހިންނެވެ.

"ދިވެހިން ބައިވެރިވެގެން ކަންތައްތައް ހިނގައި ގޮސްފައި މިވަނީ. ޕިޗޯރީން އައިސްގެން ރާއްޖޭގެ ވެރިކަން ބަދަލުކުރަން މަސައްކަތް ކުރީވެސް ދިވެހިންގެ ބަޔަކު އެކަމުގެ އަޑީގައި ތިބެގެން. އަނެއްކާ ނޮވެމްބަރު ތިނެއްގެ ކަންތައްވެސް ހިނގައިދިޔައީ އެގޮތަށް،" ދިވެހި ބަހަށާއި އަދަބިއްޔާތަށް ޙިދުމަތްކުރައްވާ މަޑުލު މުހައްމަދު ވަހީދު ވިދާޅުވިއެވެ.

ދިވެހީންނަށް މިނިވަން ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރަން ލިބުނުތާ އަދި މިވީ 53 އަހަރެވެ. މި ދުވަހަކީ އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި އެތައް އަހަރެއް ހޭދަ ކުރުމަށްފަހު ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނު ދުވަހެވެ. އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި ދިވެހިން ހޭދަކުރި އަހަރު ތަކަކީ ހާރިޖީ ގޮތުން އަމިއްލަ ނިންމުންތައް ނިންމުމުގެ ފުރުސަތު ދިވެހިންނަށް ލިބިފައި އޮތް ދުވަސްވަރެއް ނޫނެވެ. ދާހިލީ ކަންތަކުގެ ތެރެއަށް ނުފޫޒު ނުފޯރުވާނެކަމަށް ބުނި ނަމަވެސް އިނގިރޭސިންނަށް އެގޮތުގައި ނުތިބެވުނެވެ. ލޭއޮހޮރުވުމާއި ހަނގުރާމައިގެ ކަންތައް ދިވެހި ބިމުގައި ނުހިނގި ނަމަވެސް ދިވެހިން ތިބީ އަމިއްލަ ނިންމުން ނިންމާނެ ފުރުސަތެއް ނެތިފައެވެ.

ގައުމަށް ލޯބި ކުރާ، ގައުމީ ޖޯޝުންފުރިގެންވާ ބަޔަކު ކުރި ބުރަ މަސައްކަތުން ދިވެހިންނަށް ފުރިހަމަ މިނިވަންކަން ލިބުނު ފަހުންވެސް، ދިވެހިންގެ އަމިއްލަ ވަންތަ ކަމަށް ބޭރުގެ ފަރާތްތަކުން އަތްގަދަ ކުރަން އުޅޭކަމީ މިއަދުވެސް ފެންނަމުންދާ ހަގީގަތެވެ. ޚާއްސަކޮށް ޖިއޯގްރަފީގޮތުން ބަލާއިރު ރާއްޖެ އޮންނަ ތަނުގެ ސަބަބުން ދުނިޔޭގެ ކޮންމެ ބިތަކަށް ދަތުރު ކުރި ނަމަވެސް ރާއްޖެއަކީ މުހިއްމު ތަނެކެވެ. އެމީހުންގެ ވިޔަފާރިއާއި ބާރު ދުނިޔޭގެ އެކި ސަރަހައްދުތަކަށް ފެތުރުމަށް މި ސަރަހައްދަކީ މުހިއްމު "ލޮކޭޝަން" އެކެވެ.

އިނގިރޭސިންގެ އަތުން މިނިވަންކަން ލިބުމަށްފަހު ރާއްޖޭގެ މިނިވަންކަމަށް ބުރޫ އެރި އެއް ފަހަރަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހެވެ. ދިވެހިންގެ ބަޔަކު އަޑީގައި ތިބެ ރާއްޖޭގެ ވެރިކަން ހޯދުމަށް ބޭރުގެ ކުލީސިފައިން ގެނެސްގެން ކުރަން އުޅުނު "ބަޣާވާތް" ނާކާމިޔާބުވީ ގައުމުގެ ދިފާއުގައި ނިކުތް ބަތަލުންގެ މަސައްކަތުންނެވެ.

ތާރީޚު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާގޮތުގައި މިހާރުވެސް ބޭރުގެ ފަރާތްތަކުން ރާއްޖެ އިސްތިއުމާރު ކުރަން ފުރުސަތެއް ލިބޭތޯ އަދިވެސް ތިބީ ބަލަބަލައެވެ. އެފަދަ ފުރުސަތު ތަކަކީ މުޅިންވެސް އެތެއިން ދީފައިވާ ފުރުސަތުތަކެއްކަން ތާރީޚުން ފެންނަން އޮތްއިރު، ބޭރު ދުނިޔޭގައި ގައުމު ބަދުނާމުވާފަދަ ވާހަކަތައް ދެއްކުމާއި މިނިވަންކަމަށާއި މުސްތަގިއްލު ކަމަށް ބުރޫ އަރާނެ މާނަ ދޭހަވާގޮތަށް ވާހަކަ ދެއްކުމަކީ ގައުމުގެ މިނިވަންކަމަށް އޭގެ ސަބަބުން ނުރައްކާވާނެ ކަންކަމެވެ.

މިނިވަންކަމާއި ގުޅިގެން އައި ޚިޔާލުތަކާއެކު ރާއްޖެ މިވަނީ އިގްތިސާދީ ގޮތުންނާއި އުމްރާނީ ގޮތުންވެސް ކުރިއަރައި ތަރައްގީވާން ފަށައިފައެވެ. އެކި ސިނާއަތްތައް ކުރިއަރައި ގޮސް ގައުމަށް ލިބޭ އާމްދަނީ އިތުރުވެ، މެދުފަންތީގެ ގައުމަކަށް މިވަނީ ބަދަލުވެފައެވެ. ގައުމުގައި ތިބެގެން ތައުލީމު ހާސިލްކުރެވޭނެ ގޮތްތައް މިވަނީ ފަހިވެފައެވެ. ބޭރު ދުނިޔެއާއި ގުޅުން ބަދަހިކޮށް ބަވަނަ ވަމުންދާ ދުނިޔޭގެ މެންބަރަކަށް ރާއްޖެވެސް މިވަނީ ބަދަލުވެފައެވެ.

މި ބަދަލުތަކާއި އެކު ވިސްނަންވީ ކަމަކީ ދިވެހީންގެ ވިސްނުމާއި ފިކުރާ ކުޅެން ބަޔަކު މަސައްކަތް ކޮށްފާނެ ކަމާއި، ފިކުރީ ގޮތުންވިޔަސް މިނިވަންކަމާ ތޮޅެން މަސައްކަތް ކޮށްފާނެ ކަމެވެ.
ދިވެހިންގެ ދިރިއުޅުމަކީ އާދައިގެ ފަސޭހަ ދިރިއުޅުމެއް ނަމަވެސް މިނިވަންކަން ދެމެހެއްޓުމަށް ފިކުރާއި ބުއްދިއާއި ޚިޔާލު ބައްޓަން ކުރަންޖެހޭ ކަމަށް އެބޭފުޅުން ވިދާޅުވެއެވެ. މިނިވަންކަމުގެ ތައުލީމީ ނިޒާމާއި ސިޔާސަތުތައްވެސް ބައްޓަން ކުރަންޖެހޭނީ އެއް އަމާޒަކަށެވެ.

"އެންމެ ފުރަތަމަ ގޭތެރެއިން. އެއަށްފަހު ސްކޫލު ތެރެއިން. މުޖުތަމައުގައި އުޅޭއިރު އެބަ އެނގެންޖެހޭ މިނިވަންކަމަކީ ކިހާ މުހިއްމު ކަން. އަބަދު އިވި އިވި ހުންނަން ޖެހޭ ވާހަކައަކަށް ހަދަން އެބަ ޖެހޭ. ހަމަ ދައްކާ ވާހަކަ އަކުން މައްސަލަ ހައްލެއް ނުވާނެ. ސިކުނޑީގަ ބިންވަޅު ނެގިފައި ހުންނަ ވާހަކަ އަކަށް ވާން ޖެހޭ މިނިވަންކަމުގެ ވާހަކަ،" މަޑުލު މުހައްމަދު ވަހީދު ވިދާޅުވިއެވެ.

މިނިވަންދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަ ކުރާއިރު، މިނިވަންކަމަށް ކުރި ދަތުރަކީ ގިނަ ފިލާވަޅުތަކެއް އެއިން ލިބިދިން ހާދިސާ އެކެވެ. ފުރަތަމަ ފިލާވަޅަކީ ގައުމީ ކަންކަމުގައި އުޅެންޖެހޭނީ ވަކި ބަޔަކު ނޫންކަމެވެ. އަނެއް ފިިލާވަޅަކީ ގައުމަކީ ހުރިހާ ރައްޔިތުންނަށް ވުރެ ބޮޑު އެއްޗެއް ކަމެވެ.

އިނގިރޭސިންގެ ހިމާޔަތުން ނިކުމެ ރާއްޖެ މިނިވަންވުމަށްފަހުވެސް، އެކި ކަހަލަ ގޮތްގޮތަށް ދިވެހިންގެ މިނިވަންކަމާ ތޮޅެން ބޭރުގެ ފަރާތްތަކުން ދަނީ މަސައްކަތްކުރަމުންނެވެ.

ކަށިމާ ޝާކިރު ވިދާޅުވީ "ބަޑިދިއްކޮށް ބޮން ނޭޅިކަމުގައި ވިޔަސް ވިސްނަން ޖެހޭކަހަލަ އެކިއެކި ހަމަލާ އެކި ގޮތްގޮތަށް" އަމާޒުވަމުން އަންނަ ކަމަށެވެ. އެގޮތުން ފިކުރީ ހަނގުރާމައިގެ ގޮތުގައި ވަކި ބަޔަކަށް އަމާޒު ނުކޮށް ވިސްނުމާއި ފިކުރާ ކުޅެލަން ކުރާ މަސައްކަތަކީ މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުންގެ ގޮތުގައި ޝާކިރުވެސް ސިފަކުރެއްވިއެވެ.

މިނިވަންދުވަހު މިނިވަންކަމުގެ ވާހަކަ ދައްކާއިރު ހަނދާން ކުރަންވީ ކަމަކީ، މިނިވަން ކަމަކީ އެމީހަކު ބޭނުންގޮތަކަށް ބޭނުން ކަމެއް ކުރުމުގެ އިހްތިޔާރު ލިބުން ނޫންކަމެވެ. ކޮންމެ ކަމަކަށްވެސް ވަކި ހުދޫދެއް ކަނޑައެޅިފައިވާކަމެވެ. ތިމާގެ މިނިވަންކަން ނިމޭ ހިސާބަކީ އަނެކާގެ މިނިވަންކަން ފެށޭ ހިސާބު ކަމެވެ. ހުދޫދުން ބޭރުވެ އަނެކާގެ ހައްގަކަށް އަރައިގަނެވޭ ހިސާބުން އެއޮތީ މިނިވަންކަމުގެ އިން ފަހަނަ އަޅާ ގޮސްފައެވެ. ފާއިތުވި އަހަރު ތަކުގައި މަދުން ނަމަވެސް ފެންނަމުންދާ މަންޒަރަކަށް މިކަން ވެފައިވާއިރު މިސާލު ނަގަންވީ މިނިވަން ކަމާއެކު ވިހުރުމަށް ނަގާފައިވާ ދިދައަށެވެ. ދިދައިގެ އެއްކޮޅު އެއްސިފައިވާއިރު އަނެއް ކޮޅު މިނިވަންކަމާ އެކި އެދަނީ ފަޒާގެ ތެރޭގައި ވިހުރެމުންނެވެ.

comment ކޮމެންޓް