އާ ވިސްނުމަކުން: ރާއްޖޭގެ މިނިވަންކަން ގެއްލުނުތަ؟

ރާއްޖެއަށް ފުރިހަމަ މިނިވަންކަން ދިނުމަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---

"ތާރީހު ލިޔާނީ އަބަދު ވެސް ނަސްރު ހޯދާ ބައެކެވެ." ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަން ކުރެއްވި ވިސްޓަން ޗާޗިލް ވިދާޅުވެފައިވެ އެވެ. ތެދެކެވެ. ތާރީހަކީ އެ ބަޔަކު ބޭނުންވާ ގޮތަކަށް ލިޔެވިދާނެ އެއްޗެކެވެ. ގިނަ ބަޔަކު އެކަމާ މެދު އަބަދުވެސް ސުވާލު އުފައްދަ އެވެ. ނަސްރު ލިބޭ ބަޔަކު ބޭނުންވާ ގޮތަަށް ތާރީހު ލިޔާ ނަމަ ތާރީހުގެ މުހިންމު ހާދިސާތަކާ ބެހޭ ގޮތުން އަޅުގަނޑުމެންނަށް އެނގެނީ ކިހާވަރަކަށް ހެއްޔެވެ؟

ބަވަނަ ވަމުން ދާ މިދުނިޔޭގައި، "ހިސްޓޯރިކަލް ރިވިޝަނިޒަމް" ނުވަތަ ތާރީހާ މެދު މުޅިން އާ ނަޒަރަކުން ދިރާސާކުރުމަކީ މިހާރު އާންމުކަމެކެވެ. މި ދެންނެވި "އާ ވިސްނުން" އިސްކޮށް ކުރާ ދިރާސާތަކާ މެދު މިހާރު ވެސް ވަރަށް ހޫނު ބަހުސްތަކެއް ކުރެވެމުންދެ އެވެ.

އެމެރިކާގެ ދޮން ނަސްލުގެ ގިނަ ރައްޔިތުންގެ ނަޒަރުގައި ކްރިސްޓޮފާ ކޮލަމްބަސްއަކީ ބަތަލެކެވެ. އެއާ މެދު ސުވާލު ވެސް އުފެއްދުމެއް ނެތެވެ. ނަމަވެސް ފަހުގެ ދިރާސާތައް ކުރެއްވި އެމެރިކާގެ އިލްމީ ބައެއް ބޭފުޅުން ކުރިން ތާރީީހީ ގޮތުން ކޮލަމްބަސްއާ މެދު ލިޔެވެމުން އައި ގޮތް ވަނީ މުޅިން އެފުށް މި ފުށަށް ޖަހައިލައިފަ އެވެ. އެމެރިކާގެ ލިޔުންތެރިޔާ ޖޭމްސް ލޯވެން ލިޔުއްވި "ލައިޒް މައި ޓީޗާސް ޓޯލްޑް މީ އެބައުޓް ކްރިސްޓޮފާ ކޮލަމްބަސް: ވަޓް ހިސްޓްރީ ބުކްސް ގޮޓް ރޯންގް" އަކީ މި ދެންނެވި "ހިސްޓޯރިކަލް ރިވިޝަނިޒަމް"ގެ މިސާލެކެވެ.

ޖުލައި 28، 2016: މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު މާލޭގެ ސުކޫލްތަކުން ބޭއްވި ޕެރޭޑް ގެ ތެެރެއިން--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއަކު ދާދިފަހުން ޝާއިއުކުރި ފޮތެއް ނެރުމަށް ބޭއްވި ރަސްމިއްޔާތަށް ނޫސްވެރިއެއްގެ ހައިސިއްޔަތުން އަހަރެންނަށް ވެސް ދައުވަތު ލިބުނެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ލިޔުންތެރިޔާ ވަނީ ރާއްޖެ އިނގިރޭސިވިލާތުގެ އަޅުވެތިކަމުގެ ދަށުގައި އޮތް ކަމަށް އެންމެ ކުރިއްސުރެ ވެސް ދެކެމުން އައިގޮތާ މެދު ސުވާލު އުފައްދަވައިފަ އެވެ.

ލިޔުންތެރިޔާގެ ވިސްނުން ތަފާތެވެ. އެ ލިޔުންތެރިޔާގެ ނަޒަރުގައި ރާއްޖެ އޮތީ އިނގިރޭސިންގެ އަޅުވެތިކަމުގެ ދަށަކު ނޫނެވެ. ރާއްޖެ އޮތީ "ހިމާޔަތުގެ ދަށުގަ އެވެ."

މި ދެންނެވި ލިޔުންތެރެިޔާއަކީ އިނގިރޭސިން ބުނާ ނަމަ "ހިސްޓޯރިކަލް ރިވިޝަނިސްޓެކެވެ."

އިލްމީ ގޮތުން ރާއްޖެ މިހާ ކުރިއަރަމުންދާ އިރު، އާ ވިސްނުންތައް އުފަންވެ ފޯދުމަކީ މައްސަލައެއް ނޫނެވެ. މި ދެންނެވި އާ ވިސްނުމުގެ ތެރެއަށް ފޯދުނު އެ ވިސްނުން އަހަރެންގެ ކަންފަތާ ހަމައަށް ފޯރިދުވަހަކީ ހިސްޓޯރިކަލް ރިވިޝަނިޒަމް އަށް ރާއްޖެ ފައްކާވެ ކުރިފަޅަމުންދާކަން އަހަރެންނަށް ރެޔަކާލީ ދުވަސްވެސްމެެ އެވެ.

ރާއްޖެ - އިނގިރޭސިންގެ "ހިމާޔަތުގެ ދަށުގައި''.!

އިނގިރޭސިންގެ "ހިމާޔަތުގެ ދަށަށް" ރާއްޖެ ދިޔައީ 1887 ވަނަ އަހަރު ގާއިމްކުރި އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް އިނގިރޭސިވިލާތުގެ އަސްކަރީ ހިމާޔަތް ލިބުނަސް ރާއްޖޭގެ ދާހިލީ ކަންތައްތަކާ ނުބެހޭނެ ކަމަށް ބުނެފައިވެ އެވެ. އަދި ޒަމާނުއްސުރެ ވެސް ދިވެހިން އުޅެމުން އައި އިސްލާމްދީނާއި އަދި އާދަކާދަތަކަށް އެއްވެސް ބުރުމެއް ނާންނާނެ ކަމަށާއި އަދި ރާއްޖޭގައި އޮންނާނީ އަމިއްލަ ވެރިކަމެއްކަމަށް ވެސް އޭގައި ބުނެފައިވެ އެވެ.

ރާއްޖޭގެ ދާހިލީ ކަންތައްތަކާ ނުބެހޭނެ ކަމަށް އެއްބަސްވުމުގައި އޮތް ނަމަވެސް އިނގިރޭސިން ރާއްޖޭގެ ދާހިލީ ކަންތައްތަކާ ވަރަށް ބޮޑަށް ބެހިފައިވާކަން ރާއްޖޭގެ ތާރީހު ދިރާސާ ކުރާ ގިނަ ފަރާތްތަކުން ބުނެެ އެވެ.

އެކުވެރި ސުވަދީބް ޖުމްހޫރިއްޔާގެ ނަމުގައި ދެކުނުގައި އިއުލާންކުރި ވަކިވެރިކަމުގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން--

އެގޮތުން ރާއްޖޭގައި ހިނގައި ދިޔަ ބޮޑުހުޅުގެ ހާދިސާއަކީ އޭގެ އެއް މިސާލެވެ. ބޮޑު ހުޅުގެ ފަހަތުގައި ތިއްބެވި ސިޔާސީ ލީޑަރުންނަށް އަޑިއަޑިން އެހީވެ ހިތްވަރުދީ އެމީހުން ބޭނުންވާ ގޮތަށް ރާއްޖޭގެ ސިޔާސަތުތައް ދީލާނެ ގޮތްތައް ހެދުމަށް އިނގިޜޭސިން ދިޔައީ މަކަރުވެރި ރޭވުންތައް ރާވަމުންނެވެެ.

ރާއްޖޭގެ ބައެއް ތަރީހީ ލިޔުންތައް ލިޔުއްވި ބޭފުޅުންގެ ނަޒަރުގައި އިނގިރޭސިން އޭރު ރާއްޖޭގައި ނުބެހޭ އެއްވެސް ކަމެއް ނެތެވެ.

ބޮޑު ހުޅުގެ އިތުރުން ރާއްޖޭގައި ހިނގައި ދިޔަ އެންމެ ބޮޑު ބަޣާވާތް، އައްޑޫ ބައާވާތަކީ ވެސް އިނގިރޭސިންގެ އިސްތިއުމާރީ ދިގު އަތް ހާމައަށް ފެނިގެން ދިޔަ ހާދިސާއެކެވެ. ނަވާރަ ސަތޭކަ ފަންސާސް ނުވަވަނަ އަހަރުން ފެށިގެން 1963 އަކާ ހަމައަށް "އެކުވެރި ސުވަދީބް ޖުމްހޫރިއްޔާ"ގެ ނަމުގައި ދެކުނުގައި ހިންގި ވަކި ވެރިކަން ވެގެން ދިޔައީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ފަހުގެ ތާރީހެއްގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކަށެވެ.

ރާއްޖޭގައި އޭރު ބޮޑުވަޒީރުކަން ކުރެއްވި އިބްރާހިމް ނާސިރު އިނގިރޭސިންގެ އަތްދަށުން ރާއްޖެ އަށް "ފުރިހަމަ މިނިވަންކަން ހޯދުމަށް" މަސައްކަތްކުރެއްވީ ވެސް އިނގިރޭސިންގެ ނުފޫޒުގެ ސަބަބުން ރާއްޖެ ބައިބައިވެދާނެކަން އިނގިވަޑައިގެންނެވި ހިސާބުންނެވެ.

އިނގިރޭސި ސިފައިން ރާއްޖޭގައި---

ނަމުން ހިމާޔަތުގައި އޮތް ނަމަވެސް ރަނގަޅަށް ލޯ ހުޅުވާލައި ބޮޑު މަންޒަރު ބަލާލައިފި ނަމަ ކަމުން ފެނިގެންގޮސްފައި ވަނީ އަޅުވެތިކަން ކަމާ މެދު ޝައްކެތް ނެތެވެ. އިނގިރޭސިން ބުނާ ނަމަ "ހިމާޔަތް" މިއީ އިބާރާތް ކުރުމުގައި ބޭނުންކޮށްފައިވާ ފައްކާ "ޔޫފެމިޒަމް" އެކެވެ. ނުވަތަ ދިވެހިން ބުނާ ނަމަ މަތި އޮމާންކުރުމެވެ.

އަޅުވެތި ކުރީތޯ ނޫނީ ހިމާޔަތުގަތޯ ބަހުސަކަށް ވަނީ ކީއްވެ؟

އިނގިރޭސިން ރާއްޖެ އަޅުވެތި ނުކުރާ ކަމަށް ބުނެ "އާ ވިސްނުމަކުން" ވިސްނުން ބައްޓަންކުރެވެން ފެށިގެން ދިޔައީ ވެސް ސަބަބެއް ނެތިއެއް ނޫނެވެ.

އެފަދަ ފަރާތްތަކުގެ ނަޒަރުގައި އިނގިރޭސިން އިންޑިއާ ފަދަ ގައުމުތައް އަޅުވެތިކުރި ގޮތަށް ރާއްޖެ އަށް ގިނަ ސިފައިންތަކެއް ގެނެސް އަޅުވެތިކޮށްފައެއް ނުވެ އެވެ. އަދި އެ ތަންތަނުގައި ތިބި ގޮތަށް އިނގިރޭސީންގެ ގަވަރުނަރެއް ވެސް ރާއްޖޭގައި ނުހުރެ އެވެ. އަދި އިނގިރޭސިންގެ އަތުން ރާއްޖެ "މިނިވަންކަން ހޯދީ" ލޭ އޮހޮރުވާލައިގެން ވެސް ނޫނެވެ. އިނގިރޭސިންގެ ސަބަބުން ދިވެހިންނަށް މާބޮޑު ނިކަމެތިކަމެއް ލިބިފައެއް ވެސް ނުވެ އެވެ.

ގުދުރަތީ ގޮތުން މާ ބޮޑު މުއްސަނދިކަމެއް ލިބިފައި ނުވާ ރާއްޖެ އިން އިގްތިސާދީ ގޮތުން އިނގިރޭސިން ނެގޭނެ ފައިދާއެއް ނެތެވެ. އެހެންކަމުން އިނގިރޭސިންގެ އޭރުގެ ވިސްނުން ހުރީ ރާއްޖެ އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރަންކަން ވެސް ވަރަށް ރަނގަޅަށް އެނގެ އެވެ. ރާއްޖެއަކީ ކުޑަކުޑަ ގައުމަކަށް ވެފައި، ވަކި ވަކި ޖަޒީރާ ރައްތަކަށް އޮތުމުން ދިވެހިންގެ ފަރާތުން މާބޮޑު ނުރައްކަލެއް ކުރިމަތި ނުވާނެކަން ހުދު އިނގިޜޭސިންނަށް ވެސް އެނގެ އެވެ.

އިނގިރޭސިން ރާއްޖޭގައި ގާއިމްވެގެން ތިބި ދުވަސްވަރު އިނގިޜޭސި ރާނީ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން--

ނަމަވެސް ފާހަގަ ކޮށްލަން ޖެހޭ ކަމަކީ އިނގިރޭސިން ސީދާ ބޭނުންވާ ގޮތަށް އޭރު ވެސް ރާއްޖޭގައި ގާއިމުވެ ތިބުމަށް ހުރަސްތަކެއް ކުރިމަތިވި ކަމެވެ. އައްޑޫގައި ހިންގި ބޮޑު ބަޣާވާތަކީ ވެސް ރާއްޖޭގައި އަސްކަރީ ގޮތުން ގާއިމްވެ ތިބުމަށް "ސެކަންޑް ޗޮއިސް"އެއްގެ ގޮތުގައި ތިބުމަށް ޖެހި މަޅިއެއްގެ ގޮތުގައި ވަރަށް ބޮޑަށް ބެލެވެ އެވެ.

އައްޑޫގައި ގާއިމްކުރި ވަކި ވެރިކަން އިނގިރޭސިވިލާތުން ބަލައިނުގަތުމަކީ ވެސް އިނގިރޭސިވިލާތުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އަރައިނުގަންނަ ކަމަށް ބާރު ލިބޭ ކަމަށް ވެސް ބައެއް ދިވެހިން ގަބޫލުކުރެ އެވެ. އައްޑޫގައި ގާއިމްކުރި ވަކި ވެރިކަން ނިމިގެން ދިޔައީ ވެސް އިނގިރޭސިން އެމީހުންނަށް މަދަދު ދިނުން ހުއްޓާލުމުންނެވެ.

އިނގިރޭސިން ފަދަ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ބާރުން ރާއްޖެއަށް "ފުރިހަމަ މިނިވަންކަންދީ" ރާއްޖޭގެ ކަންތައްތައްތަކުން އަތްދޫކޮށްލަން ނިންމީ ކީއްވެގެންތޯ އެއީ ގިނަ ބަޔަކު އަބަދު ވެސް ކުރާ ސުވާލެެކެވެ. ހުދު އިނގިރޭސި މީޑިއާތަކުން ވެސް އެކަމަށް ޖޯކުޖެހި އެވެ. އެކަމަކު އިނގިރޭސިންގެ ނުފޫޒު ރާއްޖޭގައި އެންމެ ބޮޑުވެ ނުރައްކާވި ދުވަސްވަރަކީ ހުދު އިނގިރޭސި ތާރީހުގައި ވެސް ވަރަށް "ކަޅު" ދުވަސްތަކެެކެވެ. އިނގިޜޭސިންގެ ބާރަކީ ދުވަހަކު ވެސް އޮއްސުމެއް ނެތް ބާރެއް ކަަމަށް ދައުވާކުރަމުން ދިޔަ ވަރުގަދަ ބާރު އޭރު އޮތީ ދެން ގާތްގަނޑަކަށްހެން އޮއްސިފައަ އެވެ.

ދެވަނަ ބޮޑު ހަނގުރާމައަށް އަށް ފަހު އިނގިރޭސިންނަކީ ކުރިން އޮތްހާ ވަރުގަދަ ބާރެއް ނޫނެވެ. އޭގެ އިތުރުން 1958 ވަނަ އަހަރު މިސްރުގެ ސުއޭޒް ކެނަލަށް އަތް ގަދަކޮށްފައި އޮތް ވަރުގަދަ އިނގިޜޭސިންގެ ބާރު މިސްރުން ފައިބަން ޖެހުނު ހާދިސާ ވެގެން ދިޔައީ ކުރިމަތިވި ވަރަށް ހުތުރު ލަދަކަށެވެ. އޭގެ އިތުރުން އިނިގިރޭސިންގެ އިސްތިއުމާރުގައި އޮތް އެހެނިގެން ގައުމުތަކުން ވެސް ފަހަރަކު ގައުމެއްހެން ދިޔައީ މިނިވަންކަމަށް އަލިވިލެމުންނެވެ. އިގްތިސާދީ ގޮތުން، ދެ ވަނަ ބޮޑުހަނގުރާމަ އަށް ފަހު އިނގިރޭސީންނަށް އަރައިނުގަނެވިގެންނެވެ.

އިނގިރޭސިން ރާއްޖެ ދޫކޮށް ދިޔަ ނަމަވެސް އެގައުމުން ބޭނުންވި މަގުސަދު ހާސިލްކުރި އެވެ. އިނގިޜޭސިން ބޭނުންވި ގޮތަށް ރާއްޖޭގެ އެންމެ އުތުރު ސަރަހައްދުގައި އޮންނަ ފޯޅަވަހި އަސްކަރީ މަރުކަޒަކަށް ބަދަލުކުރި އެވެ. ފޯޅަވަހީގައި އޭރު އުޅެމުން ދިޔަ އަސްލު ވަޒަންވެރިން އެމީހުންގެ ވަޒަނުން އަނިޔާވެރިކަމާ އެކު އުފުރާލަން ޖެހުނު ނަމަވެސް އެކަމަށް އިނގިރޭސިންގެ ފަރުވާލެއް ނެތެވެ.

"އާ ވިސްނުން" މިހާރުގެ ރާއްޖޭގެ ހާލަތާ ގުޅެނީ ކިހިނެއް؟

އިނގިރޭސިން ރާއްޖެ އަޅުވެތި ކުރީތޯ ނޫނީ ރާއްޖެ އޮތީ އިނގިޜޭސިންގެ ހިމާޔަތުގެ ދަށުގައިތޯ ބަހުސް ކުރެވެމުން މިދާ ދުވަސް ވަރަކީ ރާއްޖޭގެ ފަހުގެ ތާރީހެއްގައި ބޭރުގެ ނުފޫޒު އިންތިހާ އަށް ރާއްޖެ އަށް ކުރިމަތިވެފައިވާ ދުވަސްވަރެކެވެ. ފަހުގެ ތާރީޚެއްގައި ރާއްޖެއަށް ބޭރުގެ ނުފޫޒު މިހާ ބޮޑަށް ވަން ދުވަސްވަރެއް ފެނިފައެއް ނުވެ އެވެ. ރާއްޖޭގެ ދާޚިލީ ހުރިހާ ކަމަކާ "އެމީހުން" ބެހެ އެވެ. މިނިވަން މުސްތަގިއްލު ގައުމެއްގެ ކޯޓުތަކުން ނިންމާ ނިންމުންތަައް ފާޅުގައި ގޮން ޖަހައި ހަދަ އެވެ. ރާއްޖޭގައި އޮންނަ މިނިވަންކަމާ މެދު އަބަދުހެން ސުވާލު އުފައްދަ އެވެ. މިނިވަން ގައުމެއްގެ ގޮތުގައި އޮތް ނަމަވެސް ރާއްޖެ އިން އަބަދުމެ ޖެހެނީ ބޭރުން ނެރޭ ބަޔާންތަކަށް ރައްދު ދީދީ ތިބޭށެވެ.

ރާއްޖޭގެ މިނިވަންކަމާ މެދު ސުވާލު އުފެދިފައިވާ ދަނޑިވަޅު، ތާރީހް އަލުން އިއާދަ ވަމުންދާ ކަމުގެ ކުލަމަތި ފެންނަމުންދާހެން ވަރަށް ބޮޑަށް ހީވެ އެވެ. އިނގިރޭސިން ނަވާރަ ވަނަ ގަރުނުގައި ރާއްޖޭގައި ގާއިމްވީ ހަމަ ހުރެލާފައެއް ނޫނެވެ. އޭރު އެހެން ވުމަށް މެދުވެރިވީ ރާއްޖޭގެ ސިޔާސީ ގޮތުން ބާރުގަދަ އާއިލާތަކުގެ މެދުގައި އުފެދުނު ވަރުގަދަ ކޯޅުންތަކުގެ ނާޖާއިޒް ފައިދާ ނަގައިގެންނެވެ.

ހަމައެފަދައިން މިއަދު ވެސް ރާއްޖޭގެ ސިޔާސީ މަސްރަހް އެ ދިމާލަށް މިސްރާބް ޖަހައިފައިވާކަން މިހާރު ހާމައަށް ދަނީ ފެންނަމުންނެވެ. ސިޔާސީ ގޮތުން އުފެދުނު ކޯޅުންގަނޑު ބޮޑުވެ ހުޅުފަޅައިގެން ގޮސް ބޭރުގެ ގައުމުތަކުގެ ސިފައިން ރާއްޖެއަށް އެރުމަށް ދޭތެރެ ދޭތެރެއިންް ގޮވާލާތަން ފެނެ އެވެ.

އެފަދަ ފަރާތްތަކާ އެފަރާތްތަކަށް ތާއިދުކުރާ ފަރާތްތަކުން ދެކޭ ގޮތުގައި އެއީ ރާއްޖޭގެ މިނިވަންކަމަށް އަރައިގަތުމެއް ނޫނެެެވެ. އެއީ ރާއްޖޭގެ ގާނޫނު އަސާސީގެ ހިމާޔަތުގައި ކޮންމެހެން ވެސް އަޅަން ޖެހޭ ފިޔަވަޅެކެވެެ. އާހިރުގައި ސިޔާސީ ގޮތުން ކުޅޭ މި ނުރައްކާތެރި "ކުޅިގަނޑު" ނިމި ރާއްޖޭގެ މިނިވަންކަން ގެއްލި ނިމިގެން ދާފަހުން ވެސް އެކަން ގަބޫލުނުކުރާނެ ރައްޔިތުން ރާއްޖޭގައި ވެސް އުޅޭނެ އެވެ. މިއީ "ހިސްޓޯރިކަލް ރިވިޝަނިޒިމް"ގެ ގޮތުގައި ނުބެލެވޭނެ އެއްވެސް ޖާގައެއް ނެތެވެ.

ކުރިން ކުޅުނު ކުޅިވަރު އާ ކުޅިވަރެއްގެ ގޮތުގައި ކުޅުނަސް ހިންޏަކަށް ހަކުރު އުޅޮވައެއް ނުލެވޭނެ އެވެ. ސިޔާސީ ގޮތުން ދުނިޔެއަށް ލޯ ހުޅުވެފައި ހުރި މީހަކަށް މިއީ ކިހާ ނުރައްކާތެރި ކުޅިގަނޑެއް ކަމާ މެދު އޮޅުވައެއް ނުލެވޭނެ އެވެ. ކުރިން އިނގިރޭސިން ރާއްޖެ އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރި ގޮތަށް އަދި ވެސް ރާއްޖެ އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރުމަށް ލޯ އަޅާފައި ތިބި ގައުމުތައް މިހާރު ވެސް މަދެއް ނޫނެވެ. އެފަދަ ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ރާއްޖެއަކީ އެ މީހުންގެ ބެކްޔާޑް ނޫނީ ގޯތީގެ ފުރުގަހުގައި އޮންނަ ބަޔެވެ.

ކުރިން އަޅުވެތިކުރި ގޮތަށް ރާއްޖެ މިހާރު އަޅުވެތިކޮށްފި ނަމަ ރާއްޖެއަށް ލިބޭނެ ގެއްލުން އަންދާޒާ ކުރަން ވެސް ދައްޗެވެެ. ކުރިއާ ހިލާފަށް ރާއްޖެއަކީ މިހާރު ބޭރުގެ ދުނިޔެއަށް ހުޅުވާލެވިފައިވާ ގައުމެކެވެ.

"ހިމާޔަތުގެ" ނަމުގައި ކަމަށް ބުނެ އެހެން ގައުމަކުން ރާއްޖޭ ދާހިލީ ގޮތުންނާއި އިގްތިސާދީ ގޮތުން އަތްގަދަކޮށްފި ނަމަ އޭގެ ގެއްލުން ދިވެހި ރައްޔިތުންނަށް އިންތިހާ ދަރަޖައަށް ކުރާނެ އެވެ. އޭގެ އިތުރުން އަސްކަރީ ގޮތުން ރާއްޖޭގައި ބަޔަކު ގާއިމްވެ އިންޑިއާ ކަނޑުގައި އުފެދިފައިވާ ވަރަގަދަ ކޯޅުންގަނޑު ހުޅުފަޅައިގެން ގޮސް ބޮޑު ހަނގުރާމައަކަށް ބަދަލުވެއްޖެ ނަމަ ރާއްޖޭގެ ރައްޔިތުންގެ އެތަކެއް ފުރާނަތަކެއް ގެއްލިގެން ދިއުމަކީ ނުވުމަށް ވުރެ ވުން ކައިރިކަމެކެވެ.

އިނގިޜޭސިންގެ އަތްދަށުން ރާއްޖެއަށް މިނިވަންކަން ލިބި 53 ވަނަ އަހަރުގެ ފާހަގަކުރާ މި މުނާސަބަތަކީ، ދިވެހި ތާރީހާ މެދު ފުންކޮށް ވިސްނާލަންވީ ދުވަހެކެވެ. މިނިވަންކަމުގެ ފޮނި މޭވާ މިއަދު ފާހަގަ ކުރާ އިރު، އެ ފޮނި މީރުކަން އަބަދުގެ އަބަދަށް ދެމެހެއްޓުމަކީ ކޮންމެ ދިވެއްސެއްގެ ވެސް ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެކެވެެ. އިހަށް ނުވި ރައްކަލެއް ފަހަކުން ނުވާނެ އެވެ.

comment ކޮމެންޓް