ސީރިއާގައި އައިއެސްއިން ދިން ހަމަލާތަކުގައި 50 މީހަކު މަރުވެއްޖެ

ސީރިއާގެ ދެކުނުގައި އެއް ހަމަލާ ދީފައި ވަނީ ސުވައިދާ ތަރުކާރީ ވިއްކާ މާރުކޭޓަކަށް -- ފޮޓޯ: އޭއެފްޕީ

ދިމިޝްގު (ޖުލައި 25): ސީރިއާގެ ދެކުނުގައި އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިން އަމިއްލައަށް މަރުވެގެން ދިން ހަމަލާތަކުގައި 50 މީހަކު މަރުވެއްޖެ އެވެ.

ސީރިއާގެ ދައުލަތުގެ މީޑިއާ ސަނާއިން ބުނި ގޮތުގައި އޭގެ ތެރެއިން އެއް ހަމަލާ ދިނީ ސުވައިދާ ސިޓީގެ ގިނަ އަދަދެއްގެ މީހުން އެއްވެފައިވާ ތަރުކާރީ ވިއްކާ މާރުކޭޓަކަށެވެ. އަދި އެހަމަލާ ދިނީ ސައިކަލެއްގައި ދިޔަ މީހަކު، ގައިގައި ހަރުކޮށްފައިވާ އެއްޗެހިތަކެއް ގޮއްވާލައިގެންނެވެ.

މީގެ އިތުރުން ވެސް ސުވައިދާ ކައިރީ އޮންނަ އަވަށްތަކަށް އައިއެސްގެ ހަނގުރާމަވެރިން ހަމަލާތައްދީ، ގިނަ އަދަދެއްގެ މީހުން މަރައި، ޒަހަމްކޮށްފައިވާ ކަމަށް ސަނާއިން ބުންޏެވެ.

ފާއިތުވި މަހެއްހާ ދުވަސްތެރޭ ސީރިއާ އަސްކަރިއްޔާގެ ފައުޖުތަކުން ވަނީ އެގައުމުގެ ހުޅަނގުދެކުނުގައި އިދިކޮޅު ފަރާތްތަކުން ހިފާފައިވާ ގިނަ ސަރަހައްދުތައް ސަރުކާރުގެ ބާރުގެ ދަށަށް ގެނެސްފަ އެވެ.

ސީރިއާ ހަނގުރާމަ މޮނިޓާ ކުރާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްއިން ބުނާ ގޮތުގައި 2011 ވަނަ އަހަރު އެގައުމުގެ ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް މަރުވި މީހުންގެ އަދަދު 511،000އަށް އަރަ އެވެ. (ބީބީސީ)

comment ކޮމެންޓް