އައްޑޫ ސިޓީން ވިޔަފާރިތަކަށް ބިން ދޫކުރަނީ

ހައުސިން މިނިސްތަރު ޑރ. މުއިއްޒު ---- ފޮޓޯ: ހައުސިން މިނިސްޓްރީ

އައްޑޫ ސިޓީގެ އެކި ރަށްރަށުގައި ހުރި ބިންތައް ހެޔޮގޮތުގައި ބޭނުންކުރުމަށް ކޮށްފައިވާ ޕްލޭންގެ ދަށުން އެ ސިޓީގެ ހުރިހާ ރަށަކުން ވިޔަފާރިތަކަށް ބިން ދޫކުރަން ނިންމައިފިއެވެ.

ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ، މުހައްމަދު މުއިއްޒު ވިދާޅުވީ، ވިޔަފާރިތަކަށާއި އަލަށް ވިޔަފާރި ފަށާ މީހުންނަށް ޚާއްސަކޮށްގެން އައްޑޫ ސިޓީ އިން ބިން ދޫކުރަން ނިންމާފައިވާ ކަމަށެވެ.

ބިން ދޫކުރާނީ ދިރިއުޅުމުގެެ ބޭނުންތަކަށް ނޫން އެހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވައިދުގެ ދަށުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ އުސޫލު މިދިިޔަ ހަފްތާގައި ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.

"އެކި ރަށްރަށުން އެކި އަދަދަށް ބިން ދޫކުރާނީ. މަދުވެގެން 64 ބިން ދޫކުރާނަން،" ވިޔަފާރި ބޭނުންތަކަށް ބިން ކުއްޔަށް ދިނުމަކީ ނުސީދާ ގޮތެއްގައިވެސް އޭގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވިއެވެ.

"ކޮމާޝަލް ބޭނުންތަކަށް ހުއްދަ ދިނީމަ ވަޒީފާތައް އިތުރުވެ، އާމްދަނީ ލިބޭނެ ވަސީލަތްތައް ވެސް އިތުރުވެގެންދާނެ. މިއީ އައްޑޫ ސިޓީގެ ތަރައްގީއަށް އެޅޭ ރަނގަޅު ފިޔަވަޅެއް."

ބިން ކުއްޔަށް ދޫކުރުމުގެ އުސޫލުގެ ދަށުން ބިން ދޫކުރާނީ އެކި ސަރަހައްދުތަކުގައި އެކި އަގަށް ކަމަށެވެ. އެގޮތުން ބަނދަރު ސަރަހައްދުން ބިން ދޫކުރާނެ އެންމެ ކުޑައަގަކީ އަކަފޫޓަކަށް ތިން ރުުފިޔާ ކަމަށާއި ލިންކު ރޯޑު ސަރަހައްދުން އަކަފޫޓަކަށް 2.6 ރުފިޔާ އަދި ހޮސްޕިޓަލު ސަރަހައްދުން އަކަފޫޓަކަށް 2.2 ރުފިޔާ އަދި ރެޒިޓެންޝަލް ސަރަހައްދުތަކުން ބިން ދޫކުރާނެއެންމެ ކުޑައަގަކީ އަކަފޫޓަކަށް 1.8 ރުފިޔާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ އަގު ކަނޑައަޅާފައިވަނީ ބިމުގެ ވެލިއު އަށް ވިސްނާފައި ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ފޭދޫގައި ހިއްކި ސަރަހައްދުން 25 ބިން ކުއްޔަށް ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް