ދިއްދޫ ހައުސިންގ ޔުނިޓުތަކުގެ ތެރެއިން ދޫނުކޮށް ހުރި ޔުނިޓުތަކަށް ކުރިމަތިލާން ހުޅުވާލަނީ

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ---- ފޮޓޯ: ހައުސިން މިނިސްޓްރީ

ހއ. ދިއްދޫގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓުތަކުގެ ތެރެއިން ދޫނުކޮށް ހުރި ހައުސިން ޔުނިޓުތަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލަން ނިންމައިފިއެވެ.

އެކަމާ ގުޅޭގޮތުން ހައުސިންގ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ދިއްދޫގައި ބާކީހުރި 100 ހައުސިން ޔުނިޓަށް އެދި ކުރިމަތިލުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ހައުސިން ޔުނިޓުތަކަށް އެދި ހުށަހަޅާފޯމު އާދިއްތަ ދުވަހުން ފެށިގެން ދިއްދޫ ކައުންސިލުންނާއި ހައުސިން މިނިސްޓްރީން ދޫކުރާނެ ކަމަށެވެ.

"މީގެ ކުރިންވެސް ހައުސިން ޔުނިޓުތައް ދޫކުރި އުސޫލުގެ މަތިން މިފަހަރުވެސް ދޫކުރާނީ. އެ އުސޫލުގައިވާގޮތަށް ޑައުންޕޭމެންޓާއި ފައިސާ ދެއްކުންވެސް ކުރިއަށްދާނީ،" މިނިސްޓަރު ވިދާޅުވިއެވެ.

ދިއްދޫގައި ތިން ކޮޓަރީގެ 250 ހައުސިން ޔުނިޓް ވަނީ ގާއިމްކޮށްފައެވެ.

އޭގެ ތެރެއިން ހައުސިން ޔުނިޓުތައް ލިބުނު ބައެއް ފަރާތްތަކާއެކު މިހާރު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

comment ކޮމެންޓް