ވޯޓުލުމަށް ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރުމަށް ސިވިލް ސާވިސް އެއްވެސް މުއައްޒަފަކަށް އަންގާފައި ނުވާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެފި އެވެ.
ސިވިލް ސާވިސް ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ގާނޫނާއި ގަވައިދާ ހިލާފަށް ސިވިލް ސާވިސްގެ އެއްވެސް މުއައްޒަފެއް ވޯޓުލުމަށް ރަޖިސްޓްރީ ކުރާ ކަމުގެ އެއްވެސް މައްސަލައެއް މިއަދާ ހަމައަށް އެ ކޮމިޝަނަށް ހުށައަޅާފައިނުވާ ކަމަށެވެ.
އެއްވެސް މުއައްޒަފަކު ގާނޫނާއި ގަވާދާ ހިލާފަށް މަސައްކަތް ކުރާ ނަމަ އެ މައްސަލަ އެ ކޮމިޝަނަށް ލިޔުމަކުން ހުށައެޅުމުން އެ މައްސަލަ ބަލާނެ ކަމަށް ވެސް އެ ނުސް ބަޔާނުގައިވެ އެވެ.
ގާނޫނާއި ގަވައިދުގެ ތެރެއިން މަސައްކަތް ކުރުމަށް ހުރިހާ ސިވިލް ސާވިސް މުއައްޒަފުންނަށް އެ ނޫސްބަޔާނުގައި އިލްތިމާސްކޮށްފައިވެ އެވެ.
"މި ކޮމިސަނަކީ ވަކި ފަރާތަކަށް ބުރަނުވާ މުސްތަގިއްލު މުއައްސަސާއެއް. މި ކޮމިސަނުގެ ނިންމުންތަކަކީ ވަކި މެންބަރަކު ނުފޫޒު ފޯރުވައިގެން ނިންމާ ނިންމުންތަކެއް ނޫން،" އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.