އޭޓީއެމްތަކުގައި ކާޑު ބޭނުން ކުރާ ގޮތް ބީއެމްއެލުން ބަދަލުކޮށްފި

އަލަށް ގެނާ ބަދަލާ އެކު އޭޓީއެމަށް ކާޑު ޖެހުމަށް ފަހު ކާޑު ނެގޭނީ އެ މުއާމަލަތެއް ނިމުމުން.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްތަކުގައި ކޭޝް ކާޑު ބޭނުން ކުރާ ގޮތް ބަދަލުކޮށްފި އެވެ.

ގައުމީ ބޭންކުން ބުނީ ކާޑު ބޭނުން ކުރާ ގޮތަށް ބަދަލު ގެނައީ މިދިޔަ ހުކުރު ދުވަހުން ފެށިގެން ކަމަށެވެ. އެ ބަދަލު މިހާތަނަށް ގެނައީ މާލޭގައި ބަހައްޓާފައިވާ އޭޓީއެމްތަކަށް އެކަނި ކަމަށް ބޭންކުން ބުނެ އެވެ.

އަލަށް ގެނައި ބަދަލާ އެކު ކާޑު އޭޓީއެމަށް ލެއްވުމަށް ފަހު އަނބުރާ ނެގޭނީ، އެ މުއާމަލާތެއް ނިމުމުންނެވެ.

މީގެ ކުރިން އޭޓީއެމަށް ކާޑު ލެއްވުމަށް ފަހު، ހިދުމަތް ހޯދުމުގެ ކުރިން ކާޑު ނަގަން ޖެހެ އެވެ.

ބީއެމްއެލުން ބުނީ މިއީ ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށެވެ. އަދި ރަށްރަށުގައި ބަހައްޓާފައި ހުރި އޭޓީއެމްތަކަށް ވެސް ވަރަށް އަވަހަށް އެ ބަދަލު ގެންނާނެ ކަމަށް ބޭންކުން ބުނެ އެވެ.

އޭޓީއެމްތަކުގައި ކާޑު ބޭނުންކުރާ ގޮތަށް ގެނެސްފައިވާ ބަދަލަކީ، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއް ގޮތަށް ގެނައި ބަދަލެއް ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.

ބޭންކުން ބުނީ އޭޓީއެމްތަކުގައި ކާޑު ބޭނުންކުރާ ގޮތަށް ގެނައި ބަދަލާ އެކު، ބޭންކުގެ އިތުރު ޚިދުމަތަކަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ.

ބީއެމްއެލުން މުޅި ރާއްޖެ ހިމެނޭ ގޮތަށް 20 އަތޮޅުގައި 34 ބްރާންޗް، 35 ސެލްފްސާވިސް ބޭންކިން ސެންޓަރު، 95 އޭޓީއެމް އަދި 5،000 ޕީއޯއެސް މާޗަންޓުންގެ އިތުރުން 277 ކޭޝް އޭޖެންޓުން ގެންގުޅެ އެވެ.

comment ކޮމެންޓް