އިލެކްޝަންސް ކޮމިޝަނުން، ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނިންމި ނިންމުން އެ ކޯޓުން ބާތިލްކޮށްފި އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ ވެއްދީ، އެެކެއް ފެބްރުއަރީގެ އަމުރުގައި އޮތް ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރުނު ހުކުމް ބާތިލްކުރި ބަޔާއި 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެ އެ 12 މެންބަރުންނާ އެކު މަޖިލީހުގެ ޖަލްސާ ބޭއްވުމަށް އެންގި ބަޔާއި ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަން ކުރުމުގައި ސުޕްރީމް ކޯޓުގެ ބަހެއް ހޯދުމުގެ ބައި ބާތިލު ކުރުމަށް އެދި އެވެ.
މިއަދު ފަސް ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމުން ބާތިލުކޮށްފައި ވަނީ ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރުނު ހުކުމުގައި އޮތް ބަޔާއި 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެ އެ 12 މެންބަރުންނާ އެކު މަޖިލީހުގެ ޖަލްސާ ބޭއްވުމަށް އެންގި ބަ އެވެ.
އެކެއް ފެބުރުއަރީ އަމުރުގައި ބާތިލުނުކޮށް އޮތީ އިސް ފަނޑިާޔުން އައްޔަން ކުރުމާ ބެހޭ ގޮތުން އޮތް ބައި އެކަންޏެވެ.
މިއަދުގެ ހުކުމް ނެރުއްވީ އުއްތަމަފަނޑިޔާރު ޑރ. އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދާއި ފަނޑިޔާރު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އަބްދުލްޣަނީގެ އިއްތިފާގުންނެވެ.
ފްލޯ ކްރޮސިންއާ ބެހޭ ބައި ބާތިލު ކުރުމާ ބެހޭ ގޮތުން މިއަދު ކުރި ހުކުމުގައި ބުނީ ރާއްޖޭގެ މަލްޓި ޕާޓީ ނިޒާމު ހަރުދަނާކޮށް ހިންގުމަށް ފްލޯ ކްރޮސް ނުކުރެވޭ ގޮތަށް އޮތުމަކީ މުހިންމު އުސޫލެއް ކަމަށެވެ. މަޖިލީހުގެ 12 މެންބަރުންނާ އެކު ޖަލްސާ ބޭއްވުމަށް އެންގި ބައި ބާތިލު ކުރުމާ ބެހޭ ގޮތުން ހުކުމުގައި ބުނީ އެ ބައި ބާތިލު ކުރީ އެ މެންބަރުންގެ ގޮނޑިއާ މެދު ހިޔާލު ތަފާތުވެ އެ މެންބަރުންގެ ގޮނޑިއާ ގުޅޭ މައްސަލަތައް ވެސް އެ ކޯޓަށް ހުށަހަޅާފައި ވާތީ ކަމަށެވެ.
އެކެއް ފެބްރުއަރީގެ އަމުރުގައި އިސް ފަނޑިޔާރުން ކޯޓުތަކަށް އައްޔަންކުރުމުގައި ސުޕްރީމް ކޯޓުގެ ބަހެއް ހޯދުމަށް އެންގި ބައި ބާތިލް ނުކުރީ އިންސާފު ގާއިމުކޮށްދިނުމަށް ބާރު އެޅުމަކީ އެ ކޯޓުގެ ޒިންމާއަކަށް ވާތީ ކަމަށެވެ.
މިއަދުގެ ހުކުމްގައި ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން ދުސްތުރީ މައްސަލާގައި ފާހަގަކުރި އިޖުރާއީ ނުކުތާތަކެއް ވެސް ވަނީ ބޭރުކޮށްލައިފަ އެވެ. ބަންޑާރަ ނައިބު އޮފީހުގެ ފަރާތުން ހުށަހެޅި އިޖުރާއީ ނުކުތާގައި ބުނީ، އެކެއް ފެބުރުއަރީގެ އަމުރަކީ އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އޭރުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ޖިނާއީ ނިޔަތެއް އޮވެގެން އެހެން ފަނޑިޔާރުންނަށް އޮޅުވާލައިގެން ނެރުނު އަމުރެއް ކަމުން އެ އަމުރަކީ ބާތިލް އަމުރަކަށް ވާނެ ކަމަށެވެ. މީގެ އިތުރުން ސުޕްރީމް ކޯޓަށް އެ ކޯޓުގެ ނިންމުންތައް އަލުން ރިވިއު ނުކުރެވޭނެ ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއާ ގުޅޭ ގޮތުން ވެސް ވަނީ ގޮތެއް ނިންމައިފަ އެވެ.
ފަނޑިޔާރުންގެ ޖިނާއީ ނިޔަތެއް އޮތް ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއާ ގުޅިގެން ހުކުމުގައި ބުނީ ފަނޑިޔާރެއްގެ ޖިނާއީ ނިޔަތެއް އޮތުމަކީ އެ ފަނޑިޔާރެއްގެ އަމުރެއް ބާތިލުވާނެ ކަމެއް ނޫން ކަމަށެވެ. ސުޕްރީމް ކޯޓަށް އެ ކޯޓުގެ ނިންމުންތައް ރިވިއު ނުކުރެވޭނެ ކަމަށް ބުނެފައިވާ ނުކުތާއާ ގުޅޭ ގޮތުން ހުކުމުގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ހުކުމްތައް ރިވިއު ކުރުމުގެ އުސޫލު އެހެން ބައެއް ގައުމުތަކުގައި ވެސް ގެންގުޅޭ ކަމަށާއި ވަކި ހާލަތްތަކުގައި ސުޕްރީމް ކޯޓުގެ ނިންމުންތައް އެ ކޯޓަށް ރިވިއު ކުރެވޭނެ ކަމަށެވެ.
ހުކުމުގައި ބުނެފައި ވަނީ މީގެކުރިން އެ ކޯޓަށް ހުށަހެޅި ބައެއް މައްސަލަތައް ރިވިއުނުކޮށް ބޭރުކުރީ އެއީ އަލުން ރިވިއު ކުރަން ޖެހޭ ފަދަ ސަބަބެއް ނެތް މައްސަލަތައް ކަމަށް ވާތީ ކަމަށެވެ. އަދި އެއީ ރިވިއު ކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ނެތިގެން ނޫން ކަމަށެވެ.