މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެތެރޭ ބީއެމްއެލްއަށް ލިބުނު ފައިދާއަށްވުރެ މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ލިބުނު ފައިދާ 16 ޕަސެންޓު އިތުރުވެފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
އެ ބޭންކުން މިއަދު އާންމުކުރި 2018 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ މާލީ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ހަ މަސް ތެރޭ ޓެކުހަށް ކެނޑުމުގެ ކުރިން 687 މިލިއަން ރުފިޔާގެ ފައިދާއެއް އެ ބޭންކަށް ވަނީ ލިބިފައެވެ.
މިދިޔަ އަހަރު ބޭންކަށް ރެކޯޑް އަދަދެއްގެ ފައިދާއެއް ލިބިފައިވާއިރު، ބޭންކުން ޓެކްނޮލޮޖީ އަދި މުޖްތަމައަށް ކުރާ އިންވެސްޓްމަންޓް ޕްރޮގްރާމް ބޮޑުވެފައިވާތީ 2018 ވަނަ އަހަރުގެ ފައިދާއަށް އަސަރު ކުރާނެކަމަށް ބެލެވޭ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ނަމަވެސް، ވިޔަފާރީގެ ހުރިހާ ދާއިރާ އަކުންވެސް ލިބުނު ކުރިއެރުމާއި އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް ކުޑަކުރުމުގެ ސަބަބުން ފުރަތަމަ ހަ މަސްދުވަހުގެ ނަތީޖާވަނީ ލަފާކުރި މިންވަރަށް ވުރެ ރަނގަޅުވެފައި ކަމަށާއި ދޫކުރި ލޯނާއި ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެ، 2017 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހާ އަޅާބަލާއިރު ހިންގުމުގެ ފައިދާ ވަނީ ހަތް ޕަސެންޓު އިތުރުވެފައިކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.
ފާއިތުވި އަހަރުތަކުގައި ދޫކުރެވުނު ލޯނުގެ ފެންވަރު ރަނގަޅުވެފައިވާ މިންގަޑާ އެއްގޮތަށް އުފެއްދުންތެރި ނޫން ލޯނުގެ އަދަދުވަނީ 46 މިލިއަން ރުފިޔާ ދަށްކުރެވިފައިވާ ކަމަށާއި، ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ޤާނޫނުން ލާޒިމްކުރާ މިންވަރަށް ވުރެ މަތީގައި ހިފަހެއްޓިފައި ކަމަށް ބޭންކުން ބުނެއެވެ.
މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ވެސް ބޭންކް އޮފް މޯލްޑިވްސް އިން މުޖުތައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާއިރު މޮބައިލް، އިންޓަރނެޓް އަދި ކާޑުގެ ޚިދުމަތްތައް ފުޅާކުރުމަށްވެސް ވަނީ އިންވެސްޓްމަންޓްތައްކޮށްފައެވެ. މި އިންވެސްޓްމަންޓްތަކުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ބޭންކުގެ ކަސްޓަމަރުންނަށް ބޭންކިންގެ ޚިދުމަތް ހޯދުމަށް ލުއި ފަސޭހަތަކެއް ވަނީ ލިބިފައެވެ.
ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ މި އަހަރުގެ ފުރަތަމަ ހަ މަސްދުވަސް ކާމިޔާބުކަމާއެކީ ނިންމާލެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ބޭންކުގެ ފަންޑިން ކޮސްޓާއި އިންވެސްޓްމަންޓް އިތުރުވުމުން ފައިދާއަށް ހީނަރުކަމެއް އަންނާނެކަމަށް ލަފާކުރެވުނު ނަމަވެސް އެއާ ހިލާފަށް އަހަރުން އަހަރަށް މާލީ ނަތީޖާ ރަނގަޅުވަމުންދާކަމީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ.
" މި ނަތީޖާ ހޯދުނީ އަޅުގަނޑުމެންގެ ޕްރޮޑަކްޓްތަކާއި ޚިދުމަތްތަކަށް ކަސްޓަމަރުންގެ ޑިމާންޑް އޮތްވަރު އިތުރުވުމާއި ދޫކުރެވުނު ލޯނުގެ ފެންވަރު ރަނގަޅުވުމުން. މި ފުރުސަތުގައި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނުހަނު ބުރަކޮށް މަސައްކަތްކުރަމުންދާ ބޭންކުގެ މުވައްޒަފުންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާ ކުރަން،" ހީލީ ވިދާޅުވިއެވެ.