ސިޔާދު ގާސިމް ދޫކޮށްލަން އަމުރު ކޮށްފި

---ސަން ފޮޓޯ/ މުހައްމަދު އަފްރާޙް ސިޔާދު ގާސިމް ކޯޓަށް ހާޒިރު ކުރަނީ

އެކެއް ފެބްރުއަރީގެ އަމުރަށް ފަހު ހައްޔަރު ކުރި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދު ގާސިމް ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ސިޔާދުގެ ރިޝްވަތު ދިނުމުގެ ދައުވާގެ އަޑުއެހުމުގައި ކްރިމިނަލް ކޯޓުން ވަނީ ޝަރުތުތަކާއެކު ސިޔާދު ދޫކުރުމަށް ނިންމާފައެވެ.

ސިޔާދުގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ކުރަނީ ވިލާ ކުންފުނީގެ އެމްޑީ ކަމުގެ މަގާމުގައި ހުންނަވައިގެން އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ އާއިލީ ބޭފުޅުންތަކެއްގެ ނަމުގައި މެލޭޝިއާ އިން ބައްލަވައިގަތް އަގު ބޮޑު ޕްރައިވެޓް އެޕާޓްމެންޓްތަކަށް ފައިސާ ދެއްކުމުގެ ގޮތުން ވިލާ ކުންފުނީގެ ފަރާތުން 2.4 މިލިއަން ޑޮލަރު ދެއްކި ކަމުގެ ތުހުމަތުގައެވެ.

ސިޔާދުއާއި ދެކޮޅަށް ދައުލަތުން ހުށަހާޅާ އެންމެ ބޮޑު ހެއްކަކީ ފަނޑިޔާރުންނަށް ފައިސާ ދިނުމަށް ހަމަޖައްސައި ސިޔާދު ސޮއި ކުރައްވާފައިވާ ސިޓީއެކެވެ. އެހެން ނަމަވެސް އަދިވެސް އެ ސިޓީ ދައުލަތަށް ލިބިފައެއް ނުވެއެވެ.

މިއަދުގެ އަޑުއެހުމުގައި، ސިޔާދު އާއި ދެކޮޅަށް ދައުލަތުން ހުށަހަޅަން ބޭނުންވާ އެންމެ ބޮޑު ހެކި ހުށަނޭޅި ޝަރީއަތް ދިގުލައިގެންދާ ކަމަށް ވިދާޅުވެ ސިޔާދުގެ ވަކީލު ނޫރުއްސަލާމް އަބޫބަކުރު އެދިވަޑައިގެންނެވީ، ސިޔާދު ބަންދުން ދޫކޮށްލުމަށެވެ. ރައްދުގައި ދައުލަތުން އެދިވަޑައިގެންނެވީ ސިޔާދު ބަންދުން ދޫކޮށްލުމުގެ ބަދަލުގައި ގޭބަންދަށް ބަދަލު ކުރުމަށެވެ.

ސިޔާދަކީ ވިލާ ކުންފުނީގެ މަތީ މަގާމެއްގައި ހުންނެވި ވިޔަފާރިވެރިއެއް ކަމުން އޭނާގެ ވަކީލު އެދިވަޑައިގެންނެވީ ދެވެން ހުރި އެންމެ ލުއި އަދަބެއް އޭނާއަށް ދިނުމަށެވެ.

ގާޒީ ހައިލަމް ނިންމެވީ ތިން ޝަރުތަކާއެކު ސިޔާދު ބަންދުން ދޫކޮށްލުމަށެވެ. ޝަރުތުތަކުގެ ގޮތުގައި ކަނޑައެޅީ، މާލެއިން ބޭރަށް ނުދިޔުމާއި ފޯން ނަމްބަރާއި އެޑްރެސް ބަދަލުވާ ނަމަ އެކަން އެންގުން އަދި ކޯޓުން ފޮނުވާ ޗިޓުތަކާއި ހަވާލުމެވެ.

ސިޔާދު ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައި ހުރީ އޭނާގެ މައްޗަށް ކުރިއަށްގެންދާ ހުރިހާ ޝަރީއަތެއް ނިމެންދެނެވެ. އޭނާ މިއަދު ދޫކޮށްލަން އަމުރުކޮށްފައިވާއިރު އޭނާ ވަނީ ޖަލުގައި ފަސް މަހާއި 13 ދުވަސް ހޭދަ ކޮށްފައެވެ.

ސިޔާދު ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާއަށް އިންކާރު ކޮށްފައެވެ. ސިޔާދްގެ މައްޗަށް ދައުވާ ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

comment ކޮމެންޓް