ޝިޕިން ކޮންޓެއިނަރެއްގެ ތެރޭގައި ފިލައިގެން ލީބިއާއިން ޔޫރަޕަށް ހިޖުރަކުރަން އުޅުނު އަށް މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ލީބިއާގެ ހުޅަނގުގައި އޮންނަ ރަށެއް ކަމަށްވާ ޒުވަރާގައި ހިނގި އެ ހާދިސާގައި އަށް މީހުން މަރުވެފައި އޮއްވާ ފެނުނު އިރު އޭގެ ތެރޭގައި ހަ ކުޑަ ކުދިން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މީގެ އިތުރުން، ކޮންޓެއިނަރުގެ ތެރެއިން ހާލު ދެރަ 90 މީހުން ފެނިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކޮންޓެއިނަރުގެ ތެރެއިން ފެނުނު މީހުންގެ ތެރޭގައި ގިނައީ އެފްރިކާގެ ބައެއް ގައުމުތަކުގެ މީހުންނާއި އަރަބި ބައެއް ގައުމުތަކުގެ މީހުން ކަމަށްވެ އެވެ. އެހެން ނަމަވެސް ބަންގްލަދޭޝް އަދި ޕާކިސްތާނަށް ނިސްބަތްވާ މީހުން ވެސް ކޮންޓެއިނަރުގެ ތެރޭގައި ތިބި ކަމަށްވެ އެވެ.
ފިލައިގެން ޔޫރަޕަށް ހިޖުރަ ކުރަން އުޅުނު މީހުންގެ ހާލު ދެރަވީ ކޮންޓެއިނަރުގެ ތެރޭގައި ޕެޓްރޯލު ދުން ގިނަވެ އެ ދުން މާބޮޑަށް ހަށިގަނޑަށް އެތެރެވުމުންނެވެ.
ހާލު ދެރަވި މީހުންނަށް މިހާރު ދަނީ ޒުވަރާގައި ހުންނަ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންނެވެ.
ޒުވަރާ އަކީ ލީބިޔާއިން ޔޫރަޕަށް ހިޖުރަ ކުރާ މީހުން ވަރަށް ގިނައިން ދަތުރުކުރާ ރަށެކެވެ. އެރަށުގައި މަޑުކުރުމަށްފަހު އެމީހުން ބޯޓުތަކުގައި އިޓަލީ ފަދަ ގައުމުތަކަށް ހިޖުރަ ކުރަން މަސައްކަތް ކުރެއެވެ.
ލީބިޔާ މިހާރު ވެފައި ވަނީ ޔޫރަޕުގެ ގައުމުތަކުން ހިމާޔަތް ހޯދުމަށް ބޭނުންވާ މީހުން މެޑިޓަރޭނިއަން ކަނޑު ހުރަސް ކުރުމަށް ބޭނުންކުރާ މައި ބަނދަރަކަށެވެ.