ސީރިއާގެ އުުތުރުގެ ސަރަހައްދެއް ކަމަށްވާ މަންބިޖް ކޮންޓްރޯލް ކުރަމުންދިޔަ ކުރުދީންގެ ވައިޕީޖޭގެ ހުރިހާ ހަނގުރާމަވެރިން އެ ސަރަހައްދު ދޫކޮށް ގޮސްފި އެވެ.
މަންބިޖްގައި ހަރަކާތްތެރިވަމުން ދިޔަ ވައިޕީޖޭ ގޮފީގެ މިލިޓަރީ ކައުންސިލުން ބުނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ އެ ޖަމާއަތުން ހުރިހާ ހަނގުރާމަވެރިންނާއި މިލިޓަރީ އެޑްވައިޒަރުން އިއްޔެ އެ ސަރަހައްދު ދޫކޮށް ގޮސްފައިވާ ކަަމަށެވެ.
ކުރުދީން އެ ސަރަހައްދު ދޫކޮށްދިޔައީ ތުރުކީން އެ ހަނގުރާމަވެރިން ދޫކޮށްދިޔުމަށް ވަރަށް ބޮޑަށް ފިއްތަމުންގެންދަނިކޮށެވެ.
ތުރުކީން ދެކޭގޮތުގައި ސީރިއާގައި ހަރަކާތްތެރިވާ ކުރުދީންގެ ވައިޕީޖޭ ހަނގުރާމަވެރިންނާ ތުުރުކީގައި ހަރަކާތްތެރިވަމުންދާ ކުރުދީންގެ ޕީކޭކޭ ހަނގުރާމަވެރިންނާ ވަރަށް ބޮޑަށް ގުޅުން އޮވެ އެވެ.
ނަމަވެސް އެމެރިކާއިން ދެކޭގޮތުގައި އިސްލާމިކް ސްޓޭޓް (އައިއެސް) އާ ހަނގުރާމަކުރުމުގައި ވައިޕީޖޭއަކީ ވަރަށް މުހިންމު ހަނގުރާމަވެރި ޖަމާއަތެކެވެެ.
ކުރުދީން މަންބިޖުން ފޭބި އިރު ، ތުުރުކީއާ އެމެރިކާއިން ވަނީ އެއްބަސްވުމެއްވެސް ގާއިމުކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން، ކުރުދީން އެ ސަރަހައްދުން ބާލައި އެެމެރިކާއާ ތުރުކީގެ ސިފައިން ގުޅިގެން މަންބިޖްގެ ސެކިޔުރިޓީ ބެލެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.
ނަމަވެސް ސީރިއާގެ ސަރުކާރުން ބުނީ އެ ސަރަހައްދުގައި ތުރުކީއާއި އެމެރިކާއިން ހަރަކާތްތެރިވުމަކީ ސީރިއާގެ އިސްތިގުލާލަށް އަރައިގަތުން ކަމަށެވެ.