ރަޝިއާގެ ރައީސް ވްލެޑްމިއާ ޕޫޓިން އާއެކު ބާއްވާ ސަމިޓާއި މެދު މާ ބޮޑު އުންމީދުތަކެއް ނުގެންގުޅުއްވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެެއްޖެއެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ބެލްޖިއަމްގެ ބްރަސެލްސްގައި އޮތް ނޭޓޯގެ ސަމިޓަށް ވަޑައިގަތުމަށް ފަހު ޓްރަމްޕް ވަނީ އިނގިރޭސިވިލާތަށް ދަތުރުފުޅު ކުރައްވައިފައެވެ. އެ ދަތުރުފުޅަށް ފަހު އޭނާ މިހާރު ހުންނެވީ ހެލްސިންކީގައެވެ.
ހެލްސިންކީގައި ޕޫޓިން އާއެކު ބާއްވަން ހަމަޖެހިފައިވާ ސަމިޓާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެ ސަމިޓާއި މެދު ގެންގުޅުއްވަނީ ވަރަށް ކުޑަ އުންމީދުތަކެއް ކަމަށެވެ. ނަމަވެސް ސަމިޓުން ރަނގަޅު ނަތީޖާއެއް ނުކުމެދާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ހެލްސިންކީގައި ބާއްވާ ސަމިޓުގައި، 2016 ވަނަ އަހަރު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އަނބުރާލަން ރަޝިއާއިން މަސައްކަތްކުރި ކަމަށް ކުރެވިފައިވާ ތުހުމަތުތަކާއި، ކްރައިމިއާ ރަޝިއާގެ ބާރުގެ ދަށަށް ގެނައުމާއި، ސީރިއާގައި ހިނގަމުންދާ ހަނގުރާމައާއި، ނިއުކްލިއާ ހަތިޔާރު މަދުކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރެވިގެންދާނެ ކަމަށް ބޭރުގެ ރިޕޯޓުތައް ބުނެއެވެ.
މިއަދު ފިންލެންޑުގެ ހެލްސިންކީގައި ކުރިއަށް ގެންދަން ނިންމާފައިވާ ސަމިޓަކީ ޕޫޓިން އާއި ޓްރަމްޕް ވަކިން ބައްދަލު ކުރާ ފުރަތަމަ ސަމިޓެވެ. އެހެން ނަމަވެސް މި ދެ ބޭފުޅުން މީގެ ކުރިން ވެސް ބައްދަލުވެފައިވެއެވެ. ފާއިތުވި ނޮވެމްބަރު މަހު ވިއެޓްނާމުގައި ބޭއްވި އޭޝިއާ-ޕެސެފިކް އިކޮނޮމިކް ކޯޕަރޭޝަން ސަމިޓުގައި އެ ދެ ލީޑަރުން ބައްދަލުވިއިރު ފާއިތުވި އަހަރުގެ ޖުލައި މަހު ޖަރުމަނުވިލާތުގެ ހެމްބާގުގައި އޮތް ޖީ20 ސަމިޓުގައިވެސް އެ ދެ ލީޑަރުން ބައްދަލުވެފައިވެއެވެ.
ފާއިތުވި ހޮނިހިރު ދުވަހު ސްކޮޓްލޭންޑުގައި ހުންނަވައިގެން "ސީބީއެސް ނިއުސް"އަށް ދެއްވި އިންޓަވިއެއްގައި، ޔޫރަޕިއަން ޔުނިއަން އަކީ އެމެރިކާގެ ވާދަވެރިއެއް ކަމަށް ދޭހަވާ ގޮތަށް ދެއްކެވި ވާހަކަފުޅާއި ގުޅިގެން މިހާރު ޓްރަމްޕަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.