ހާލު ސީރިއަސްވި ގައިދީއެއްގެ ހިތުގެ އޮޕަރޭޝަނެއް ކޮށްފި

މާފުށީ ޖަލު ---ސަން ފޮޓޯ// ފަޔާޒު މޫސާ

ކުއްލިއަކަށް މޭގައި ރިއްސައި ހާލު ސީރިއަސްވި ގައިދީއެއް މާލެ ގެނެސް ހިތުގެ އޮޕަރޭޝަނެއްކޮށްފިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެމީހާއަކީ މ. އަތޮޅު މުއްޔަށް ނިސްބަތްވާ އުމުރުން 46 އަހަރުގެ މީހެކެވެ. އޭނާގެ ހާލު ސީރިއަސްވެގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެނެސްފައިވަނީ ރޭ ދަންވަރު 1:00 ހާއިރުއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިސް އޮފިސަރަކު ސަންއަށް ވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ އެ ގައިދީއަކީ ޑައިބެޓިކްސް އަދި ހައިިޕަޓެންޝަން ޕޭޝަންޓެއް ކަމަށާއި ރޭ ދަންވަރު އޭނާގެ މޭގައި ރިއްސަން ފެށީ ހަމަ ކުއްލިއަކަށް ކަމަށެވެ.

"ރޭ ދަންވަރު މޭގައި ރިއްސާ ވާހަކަ ބުނީ. ވަގުތުން ކަރެކްޝަންސް ޑޮކްޓަރުން ވަނީ އޭނާގެ އީސީޖީއެއް ހަދާފަ. ނަމަވެސް އީސީޖީގެ ރިޒަލްޓްއިން މައްސަލަތަކެއް އެމަޖެންސީކޮށް ގެނައީ މާލެ." އޮފިސަރު ވިދާޅުވިއެވެ.

ކަރެކްޝަންސްގެ އޮފިސަރު ވިދާޅުވީ އެމަޖެންސީގައި އެ ގައިދީ މާލެ ގެނެސް ފަރުވާދޭން ފެށިއިރު ވިދާޅުވީ ޑޮކްޓަރުން ބެއްލެވުމަށް ފަހު އޭނާއަށް ހާޓް އެޓޭކެއް ޖެހިފައިވާ ކަމަށް ބުނެފައިވާ ކަމަށާއި އަދި ވަގުތުން އެންޖިއޯޕްލާސްޓީއާ އެންޖިއޯގްރާމެއް ހަދަން ލަފާދެއްވި ކަމަށެވެ. އެންޖިއޯޕްލާސްޓީ ހެދީ ދަންވަރު 3:15 ހާއިރުއެވެ.

"ޑޮކްޓަރުން ވިދާޅުވީ ހާޓް އެޓޭކެއްކަަމަށް، އެޓޭކްގެ ސަބަބުން އޭނާގެ ހިތުގެ މައިނާރު ބެދިފައި ވަނީ. ރާއްޖޭގެ އެންމެ މަޝްހޫރު ކާޑިއޮލޮޖިސްޓް ޑރ. އަލީ ޝާފީގުގެ ބެލުމުގެ ދަށުން އޮޕަރޭޝަން ކުރީ. ޑޮކްޓަރުން ވިދާޅުވީ އޮޕަރޭޝަން ތެރޭ ސްޓްރޯކެއް ޖެހުމުގެ ފުރުސަތުވެސް އޮތޭ. ނަމަވެސް ހާލު އަންނަނީ ރަނގަޅުވަމުން. ޑޮކްޓަރުން ވިދާޅުވި އަވަހަށް ގެނެވުނު ކަމުންނޭ ފުރާނަ ސަލާމަތް ކުރެވުނީ،" ކަރެކްޝަންސްގެ އޮފިސަރު ވިދާޅުވިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ގައިދީ އެމަޖެންސީގައި ފަރުވާ ދެމުންދާކަން އާއިލާއަށް އެންގުމަށް ކަރެކްޝަންސްއިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި އާއިލާއަށް ގުޅިފައިވަނީ ރޭ ފަތިހުއެވެ.

comment ކޮމެންޓް