ފައިމަގުގައި ކަނޑުހުރަސްކޮށް ހުޅެލެއަށް، ބްރިޖު ބިލާހަކަށް ނުވި!

"ސިނަމާލެ ބުރިޖު"ގެ މަސައްކަތްތައް ނޫސްވެރިންނަށް ދައްކާލުން، ބުރިޖުގެ ސުޕަސްޓަރަކްޗާ ގުޅުވާލާ ވަނީ ނިންމާފައި:ސަން ފޮޓޯ/ ފަޔާޒް މޫސާ

ކައިރީގައި އޮތް ހުޅުމާލެއަށް ދާން ޖެހިއްޖެނަމަ އެ ޖެހުނީ ކަންތަކާއެވެ. މިއޮށް ގަޑިއަށް ފަރުވާ ކުޑަ މީހާ، ކުރަން ހުރި ހުރިހާ ކަމެއް ހުއްޓާލުމަށްފަހު ހުޅުމާލެއަށް ދާން ޖެހޭ ދުވަހެއްވިއްޔާ ބަލަނީ ގަޑީގައި ތަން އޮއްވާ ގޮސް ކިޔުއަށް އެރޭ ތޯއެވެ. ސައިކަލު ގެންދާނަމަ ކިއުއަށް އަރާ ވަގުތު އަވަސް ކުރަމެވެ. އަދި ބަންދު ދުވަހެއްނަމަ އެޖެހުނީ ކަންތަކާއެވެ.

އަހަރުތަކެއް ކުރިއެވެ. ތަންކޮޅެއް ގިނައިން ހުޅުމާލެ ދާން ޖެހުނު ދުވަސްކޮޅެކެވެ. އެ ދުވަސްކޮޅު ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ ހިތަށް އަރާ ފައިބާނެ އިހުސާސްތައް ވަރަށް ރަނގަޅަށް އެނގުނެވެ. އަޅުގަނޑުގެ ހިތައް އެރީ ސަހަރޯއެވެ. ކުރަންޖެހޭ ދިގު ދަތުރެވެ. ކަނޑު ގަދަވެއްޖެ ނަމަ ބައެއް ފަހަރު ތެޔޮ ފުނަދޫއާ ހިސާބުން ފުންމާލާނަމޭ ހިތަށް އަރައެވެ.

ކޮންމެއަކަސް ތެޅެމުން ފޮޅެމުން ކަހަލަ ގޮތަކަށް ހުޅުމާލެއާ ހިސާބަށް ދެވުމުން ހިތް ހަމަޖެހުމެއްވެސް ލިބެއެވެ. އެ ތަނުގެ ރީތި ކަމާއި ފުރިހަމަ ކަމުންނެވެ. އަމާން މަގުތަކާއި ރީތީ ގަސްތަކުގެ ބަގީޗާތައް ފެނުމުންނެވެ. ނަމަވެސް އެ ހިތްގައިމު މަންޒިލަށް އައުމަށް ކުރަންޖެހޭ ދަތުރު ކަނޑުމަގުން ނޫން ގޮތަކަށް ކުރެވޭނީ ކިހިނެއްބާއޭ ހިތަށް އެރިއެވެ. އޭރު ހިތަށް އަރަނީ އެ ތަކުލީފުތަކަށް ލުޔެއް ހޯދައިދޭން ވެރިއަކު ކޮންމެވެސް ކަމެއް ކޮށްދޭތޯއެވެ. އެތައް ހާސް މީހުންނެއްގެ އާބަދީއެއް ހުޅުމާލޭގައި އުޅޭއިރު ހުޅުލެއަކީވެސް އެތައް ބައެއްގެ މުހިންމު މަންޒިލެކެވެ.

ޗައިނާ މޯލްޑްިވްސް ފްރެންޑްޝިޕް ބްރިޖްގެ ސުޕަ ސްޓްރަކްޗާ ގުޅާލާ ނިންމާފައި--ފޮޓޯ/ ރަންރިހި ޓްވިޓާރ

އެހެން ނަމަވެސް އަހަރަމެން ދުނިޔެއާ މެދު ރޯފިލާ ގައުމުގައި ހިނގަމުންދާ ކަންކަމަށް ހޭ އެރިއިރު އޭރު ވެރިކަމުގައި ހުންނެވި ބޭފުޅާ ދެއްކީ މާޔޫސްވާކަހަލަ ވާހަކައެކެވެ. އެބޭފުޅާގެ ކުރިން ވެރިކަމުގައި ހުންނެވި ބޭފުޅަކު މާލެއާ ހުޅުލެއާ ދޭތެރޭ ބްރިޖެއް އަޅަން ހިޔާލު ކުރުމުން ވިދާޅުވީ އެއީ ބިލާހެއް ކަމަށެވެ. ވިދާޅުވީ ބްރިޖެއް އެ ދޭތެރޭ އެޅޭނެ ގޮތެއް ވިދާޅުވެދެއްވުމަށެވެ. އަދި އެ ކަމަށް ފައިސާ ހޯދާނީ ކޮންތާކުންތޯއާ އެކަމަށް ބޭނުންވާ އިންޖިނިއަރިންގ ހޯދާނީ ކޮންގޮތަކުންތޯ ސުވާލު އުފެއްދެވިއެވެ.

މި ސުވާލުތަކާއި ހުރެ ހިތައް އެެރީ އެއީ ތެދެކެވެ. މާކަނޑުން ރާޅު ނަގާ ބިޔަ ފުން ކަނޑެއްގައި ބްރިޖެއް އަޅާނީ ކިހިނަކުންތޯއެވެ. ރައީސްވެސް އެހެން ވިދާޅުވާނީ ހަމަ އެކަން އެގޮތައް ނުވާނެތީއޭ ހިތާ ބަސްއަހާ ރައްޔިތު މީހާހެން އަޅުގަނޑުވެސް އެކަން ގަބޫލުކޮށް ފެރީގައި ދަތުރުކުރުން ނޫން އެހެން ގޮތެއް ނެތް ކަމަށް މި ވީހާ ދުވަހު ހުރީއެވެ.

"ސިނަމާލެ ބުރިޖު"ގެ މަސައްކަތްތައް ނޫސްވެރިންނަށް ދައްކާލުން، ބުރިޖުގެ ސުޕަސްޓަރަކްޗާ ގުޅުވާލާ ވަނީ ނިންމާފައި:ސަން ފޮޓޯ/ ފަޔާޒް މޫސާ

ނޫސްވެރިކަމަށް ހުންނަ ޝައުގުވެރިކަމެއްގެ ސަބަބުން 2015 ވަނަ އަހަރު އެކަމާވެސް އުޅެފީމެވެ. ރާއްޖޭގެ ބޮޑު މީޑިއާއެއްގެ ހިޔަލުގައި މައިކެއް ހިފައިގެން މީސް މީހުންނާއި ސުވާލުކޮށް މައުލޫމާތު ހޯދާ މީހުންނާއި ހިސާބަށް މައުލޫމާތު ގެނެސްދިނުމުގެ މަސައްކަތް ފަށައިގަތީމެވެ. އެހެން އުޅެނިކޮށް އިވުނީ ހުޅުލެއާ މާލެއާ ދެމެދު ބްރިޖެއް އަޅާ ވާހަކައެވެ. އެކަމަށްޓަކައި ފައިސާ ހަމަޖެހި ސީނުކަރައިން މީހުން އަންނަ ވާހަކަ އަޑު އެހީމެވެ. އެކަމަކު ދެންވެސް ހިތަށް އެރީ ކަޑަ ޖަހާލައިގެން ދައުރު ނިމެންދެން ހާވާލަ ހާވާލާ ތިބޭނީއެވެ. ނަމަވެސް ކަންވީ އެހެނެއް ނޫނެވެ.

ބިޔަ ބާޖުތައް އެހަރަ ގާދޫ ކޮލުން އެތެރެވަނީއެވެ. މުޅިން ބްރިޖަށް ބޭނުންވާ ސާމާނު ހިފައިގެންނެވެ. ދުވާލަކު އެއް ފަހަރުހެން ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ބްރިޖާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު، ޓްވިޓާ މެދުވެރިކޮށް ރައްޔިތުންނާ ހިސާބަށް ގެނެސްދެނީއެވެ. ބްރިޖްގެ މަސައްކަތް ފަށައި މެކުހަށްވެސް ޖަހައިފިއެވެ. މުޅި ލޮނުޒިޔާރަތްކޮޅު ބަންދުކޮށް އަންބާ ކިޔާފައި މަސައްކަތް ކުރަމުންދާތަން ފެންނަން ފެށިއެވެ. ފެނުން މައްޗަށް ފުރަތަމަ ހިއްލާލީ ވަގުތީ ޕްލެޓްފޯމެވެ. އަސްތާއެވެ. މިކަން ވެދާނެއޭ ހިތަށް އެރީ އެހާ ހިސާބުންނެވެ.

"ސިނަމާލެ ބުރިޖު"ގެ މަސައްކަތްތައް ނޫސްވެރިންނަށް ދައްކާލުން، ބުރިޖުގެ ސުޕަސްޓަރަކްޗާ ގުޅުވާލާ ވަނީ ނިންމާފައި:ސަން ފޮޓޯ/ ފަޔާޒް މޫސާ

ދަނގަނޑު ޕްލެޓްފޯމް މަތީގައިވެސް ހިނގާލަން ފުރުސަތު ލިބުނެވެ. އޭރު އަދި އަސްލު ބްރިޖާއި ގުޅޭ މަސައްކަތްތައް މަޑު މަޑުން ކުރިއަށް ދަނީއެވެ. އޮރެންޖު ބޮއިލަރު ސޫޓްގައި ސީނު ކަރައިގެ މަސައްކަތު މީހުން އެހެރަގެން ބްރިޖާއި ގުޅޭ މަސައްކަތްތައް ކުރަނީއެވެ. ދުވަސްކޮޅަކުން ދިއްލާލީ "ޗައިނާ މޯލްޑިވްސް އެވަ ލާސްޓިންގ ފްރެންޑްޝިޕް" މިހެން ލިޔެފައި އޮތް ބިޔަ ނަން ބޯޑެކެވެ. ބްރިޖްގެ މަސައްކަތް ބަލަން ހެދި ޕްލެޓްފޯމްގައި ހުންނައިރު ރަތް ކުލައިން ފެވިފައި ހުރި އެ ނަންބޯޑް ވަރަށް ހިތްގައިމެވެ. ބައެއް ދުވަސް ދުވަހު ބާކީވާ ވަކި ލާރިކޮޅު ހިފައިގެން ބްރިޖްގެ މަސައްކަތް ބަލަން ލޮނުޒިޔާރަތްކޮޅުގައި ހުންނަ ދުރުމީ ކައިރިއަށް ދާ ހަނދާން މިހާރުވެސް ވެއެވެ.

ބްރިޖުގެ ތަނބުތައް މަޑުމަޑުން ކަނޑު އަޑި ފަތަހަ ކުރަމުން ގޮސް ހަމަ އިސްކޮޅަށް ހިއްލާލި ދުވަސް އަދިވެސް ހަނދާން އެބަހުއްޓެވެ. ތަނބުތަކަށް ފަހު އަސްލު ބްރިޖްގެ ބައިތައް ގުޅުވާލެވެމުން ދިޔައިރު ބްރިޖް ޕްލެޓްފޯމަށް ގޮސް އެމަންޒަރު ބަލާލަން ލިބުނެވެ. ނަމަވެސް އެ ދުވަހު ވިއްސާރައިގެ ސަބަބުން އެކަން ވާގޮއް ނުވީއެވެ.

ބަޔަކަށް ފަހު ބައެއް ގުޅާލާ، އުންމީދީ ބްރިޖް މިހާރު އެއޮތީ ފެނުން މައްޗަށް ހިއްލާލާފައެވެ. އަސްލު ބްރިޖްގެ ހުރިހާ ބައިތެކެއް ގުޅުވާ ނިންމާލީ ހޯމަ ދުވަހުއެވެ. އެއީ ތާރީހީ ދުވަހެކެވެ. ދިވެހި ތާރީހުގައި ރަން އަކުރުން ލިޔެވިގެންދާނެ ދުވަހެވެ. ރައްޔިތުންނަށް ހިދުމަތް ކުރަން އުޅޭ މީހެއްނަމަ ކޮންމެވެސް ތަނަކުން ފައިސާ ހޯދަައިގެންވެސް އަދި ކޮންމެވެސް ގޮތަކުން ކަމަށް ބޭނުންވާ އިންޖިނިއަރިންގވެސް ހޯދައިގެން ކަންކަން ކުރާނެކަން ޔަގީންވެގެން ދިޔަ ދުވަހެވެ.

މިއަދު "ސިނަމާލެ ބުރިޖު" މަތިން ހުޅުލެއަށް ދާން ފުރުސަތު ލިބުނެވެ. މާލެއިން ފެށި ދަތުރު އަޅުގަނޑު ނިންމާލީ ހުޅުލޭގައި ފައި ޖައްސާފައެވެ. މިއަދު ކަނޑު ހުރަސް ކުރީ ފައިމަގުގައެވެ. މީގެ އަހަރުތަކެއް ކުރިން ހިތަށް އެރި ހުވަފެން މިއަދު ހަގީގަތަކަށްވީއެވެ. ބްރިޖު ބިލާހަކަށް ނުވިއެވެ. ނުވަ ސަތޭކައަށް ވުރެ ގިނަ މަސައްކަތްތެރިންގެ މަސައްކަތެވެ. ޖުމްލަ 300 މިލިއަން ޑޮލަރު (4626 މިލިއަން ރުފިޔާ) ޚަރަދުވި ދެ ކިލޯމީޓަރުގެ ބްރިޖު ހަމަ އިސްކޮޅަށް ދެމިލާފައި އޮތް އިރު އެއަށް ހޭދަކުރި ކޮންމެ ރުފިޔާއެއް އިހުސާސްކޮށްދެނީ މާދަމާ އެ ބްރިޖްގެ ސަބަބުން އިގްތިސާދަށް ގެނެސްދޭނެ ލާބަޔާއި މަންފާއެވެ.

"ސިނަމާލެ ބުރިޖު"ގެ މަސައްކަތްތައް ނޫސްވެރިންނަށް ދައްކާލުން، ބުރިޖުގެ ސުޕަސްޓަރަކްޗާ ގުޅުވާލާ ވަނީ ނިންމާފައި:ސަން ފޮޓޯ/ ފަޔާޒް މޫސާ

ފުޅާ މިނުގައި 20.3 މީޓަރު ހުރި ބްރިޖް މަތިން ދުއްވާ އުޅަނދުތަކަށް 60 ކިލޯމީޓަރު ބާރު މިނުގައި ދުއްވޭއިރު ހަތަރު ފުރޮޅުލީ އުޅަނދަށާއި ހިނގާމީހުންނަށް އަދި ބައިސްކަލު ދުއްވާ މީހުންނަށް ހާއްސަ ލޭންތައް ހުންނާނެއެވެ. ފެރީއެއްގައި ހޭދަ ކުރި 20 މިނިޓް ބްރިޖާއެކު ތިން މިނެޓަށް ކުޑަ ވެގެންދާނެ ކަމަށް ކަމާބެހޭ މާހިރުން ބުނެއެވެ. ވިހި މީޓަރު އުސްމިނުގައި ހުންނަ ބުރިޖުގެ މަސައްކަތް ކުރީ ސީނުކަރައިގެ ސީސީސީސީ ކުންފުނިންނެވެ.

ބްރިޖް މަތިން ހިނގާފައި ދިޔައިރު ކިރިއާ ލޮލަށް ފެންނަ ހިސާބުގައި މިހާރު މާލެއާ ހުޅުލެ، އަދި ހުޅުމާލެ އާ މާލެއާ ދޭތެރޭ ދަތުރު ކުރާ ފެރީތައް ފެނެއެވެ. އެ ފެރީތައް ފެނުމުން ހިތަށް އެރީ އުނދަގޫގޮތް ފަސޭހަވަނީއެވެ. ދެން ބަލާލީ އިސްކޮޅަށް އިމާރާތްތައް ދެމިލާފައި ހުރި ވެރިރަށް މާލެއާ ދިމާއަށެވެ. ފިކުރަކަށް ނުވަތަ މީހަކު ގަބޫލު ކުރާ ފަލްސަފާއަކަށް ބެލުމެއް ނެތި މި ބްރިޖުން އެންމެންނަށް ހިދުމަތް ލިބޭނެކަން ޔަގީނެވެ. މިއީ ދިވެހިނަށް ލިބިގެންދިޔަ ހާދަ ބޮޑު ފަސޭހައެއްތާއެވެ.

"ސިނަމާލެ ބުރިޖު"ގެ މަސައްކަތްތައް ނޫސްވެރިންނަށް ދައްކާލުން، ބުރިޖުގެ ސުޕަސްޓަރަކްޗާ ގުޅުވާލާ ވަނީ ނިންމާފައި:ސަން ފޮޓޯ/ ފަޔާޒް މޫސާ

ކުރިމަތީގައި އޮތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓެވެ. ބްރިޖު މަތީގައި ހުންނައިރު ސާފުކޮށް ފެންނަ ހިސާބުގައި ރަންވޭ އޮންނައިރު މަތިންދާ ބޯޓަކަށް ފަހު ބޯޓެއް ޖައްސަނީއެވެ. ހިތަށް އެރީ ދާދި އަވަހަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މީހާރު އަޅަމުންދާ ދެވަނަ ރަންވޭ އެޅި މިހާރު ޖައްސާ އަދި އުދުއްސާ ގަންނަ މަތިންދާބޯޓްގެ އަދަދު އިތުރުވާނެތާއެވެ. އެ އޮޕަރޭޝަނަށްވެސް މި ބުރިޖު ކިހާ މުހިންމު ވެގެންދާނޭ ހިތާ ހިތާ ކިޔާލީމެވެ. އަންނަ އޮގަސްޓް މަސް ނިމުމުގެ ކުރިން ބްރިޖު ހުޅުވާނެ ކަމަށް ހައުސިން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މިހާރު ކުރިއަށްދަނީ ބްރިޖާއި ގުޅޭ މަގުތައް ހެދުމާއި ބްރިޖް މަތީގައި ތާރު އެޅުމުގެ މަސައްކަތާއި އަދި އެނޫންވެސް އިތުރު މަސައްކަތްތަކެވެ.

ކޮންމެއަކަސް މިއަދު ބުރިޖް މަތީގައި ކުރެވުނީ ތަފާތު އިހުސާސެކެވެ. ބްރިޖު އާންމުނަށް ހުޅުވާލުމާއި އެކު މި އިހުސާސްތައްކޮށްލަން ނުވަތަ ރާއްޖޭގައި ހިންގި އެންމެ ބިޔަ މަޝްރޫއާމެދު ހެކިވާން ގިނަ ބަޔަކު ދާނެއެވެ. އެކި މީހުންގެ އިހުސާސް ތަފާތުވާނެއެވެ. ނަމަވެސް ކޮންމެ މީހަކުވެސް ޔަގީނުންވެސް ގަބޫލު ކުރާނެއެއް ކަމެއް އެބައޮތެވެ. އެއީ ހުވަފެނުން ދެކުނު ބްރިޖު "ބިލާހަކަށް" ނުވިތާއެވެ.

comment ކޮމެންޓް