ދެހާސް ފަންސާސް ވަނަ އަހަރު އަންނައިރު ރާއްޖޭގެ އާބާދީގައި ގިނަވާނީ އުމުރުން ދުވަސްވީ މީހުންކަމަށް، ޔުނައިޑަޓް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑުން ތައްޔާރުކޮށްފައިވާ މޯލްޑިވްސް ޕޮޕިއުލޭޝަން ޕްރޮޖެކްޝަން ރިޕޯޓުން ދައްކައިފިއެވެ.
ދުނިޔޭގެ އާބާދީ ދުވަހާއި ގުޅުވައިގެން އާންމު ކުރި އެ ރިޕޯޓު ގައި ބުނެފައިވަނީ 2050 އަންނައިރު ރާއްޖޭގެ އާބާދީ މިލިއަނަކާ ގާތްކުރާނެ ކަމަށެވެ. އެހާތަނަށް ރާއްޖޭގައި 557،537 ދިވެހިންނާއި، 416،822 ބިދޭސިން އުޅޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އެ ރިޕޯޓުގައި ބުނެފައިވަނީ 2050 ގައި ރާއްޖޭގެ އާބާދީގެ 54 ޕަސެންޓު ދުރިއުޅޭނީ މާލޭގައި ކަމަށެވެ. އަތޮޅު ތަކުގެ އާބާދީ މާލެ އާ އަޅާބަލާއިރު މަދުވާނެ ކަމަށާއި އޭގެ ސަބަބަކީ ދަރިމައިވުމުގެ ނިސްބަތް ދަށްވުމާއި ހިޖުރަކުރުން ކަމަށް ވަނީ ބުނެފައެވެ. އެހާތަނަށް މާލެ ފިޔަވައި 10،000 މީހުންގެ އާބާދީ އެއް ދިރިއުޅޭނެ ކަމަށް ލަފާކޮށްފައިވަނީ ހދ. އަތޮޅާއި ރ. އަތޮޅު ގެ އިތުރުން އދ އަތޮޅާއި ހައްދުންމަތި އަދި އައްޑޫ ސިޓީ އާއި ކ. އަތޮޅުގައެވެ.
އެ ރިޕޯޓުގައި ބުނެފައިވާގޮތުން 2050 އަންނައިރު ރާއްޖޭގެ އާބާދީގެ ކޮންމެ 100 މީހަކުން 11 މީހުންނަކީ ކުޑަކުދިންނަށް ވާނެ އެވެ. އެހާތަނަށް ދިވެހިންގެ އެެވްރެޖު އުމުރަކީ 84 އަހަރު ކަމަށްވެސް ވަނީ ލަފާކޮށްފައެވެ. ރާއްޖޭގެ ކުޑަކުދިންގެ އާބާދީ އެންމެ މައްޗަށް ދާނެ ކަމަށް ލަފާކޮށްފައިވަނީ 2030 ގައެވެ. އޭގެ ފަހުން ކުޑަކުދިންގެ އާބާދީ ދަށަށް ދާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
އެ މުއްދަތުގައި މަސައްކަތް ކުރާ މީހުންގެ އާބާދީ 779،109 އަށް އަރާނެ ކަމަށް ލަފާކޮށްފައިވާއިރު އެއީ އާބާދީގެ 68 ޕަސެންޓެވެ. ޑިޕެންޑެންސީ ރޭޝިއޯ އުޅޭނީ 1:1 ގައެވެ. މާނައަކީ މަސައްކަތް ކުރާ ކޮންމެ އެކަކަށް ބަރޯސާވާ އެކަކު ހުންނާނެއެވެ.
އިއްޔެ އާންމު ކުރި ރިޕޯޓަކީ 2014 ވަނަ އަހަރު ރާއްޖޭގައި ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ނަތީޖާ ގެ މައްޗަށް ބިނާކޮށް 2050 އަންނަންވާއިރު ރާއްޖޭގެ އާބާދީ އަށް އަންނާނެ ބަދަލުތަކަށް ބަލާލާ ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.
އދ.ގެ އާބާދީ އާ ބެހޭ އިދާރާ އާއި ރާއްޖޭގެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ކުރިއަށް ގެންދިޔަ ދިރާސާއެއްގެ މައްޗަށް އެކުލަވާލާފައިވާ މި ރިޕޯޓު އެކުލަވާލުމުގެ ބޭނުމަކީ އާބާދީ އަށް ބޭނުންވާ ފެންވަރު ރަނގަޅު ތައުލީމާއި ސިއްހަތު އަދި އެހެނިހެން ޚިދުމަތްތަކާ ގުޅޭ ސިޔާސަތުތައް ދުރާލާ ކަނޑައެޅުމެވެ.