އާންމު މަސްލަޙަތު ގެއްލޭ ގޮތަށް ކެންޕެއިން ހަރަކާތްތައް ނުހިންގުމަށް އެޗްއާރުސީއެމް އިން އިލްތިމާސް ކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސާ އައިމިނަތު އީނާސް (ކ) އަދި ކޮމިޝަން މެމްބަރު އާއިޝަތު އަފްރީން -- ފޮޓޯ/ ރައީސް އޮފީސް

އާންމު މަސްލަޙަތު ގެއްލޭ ގޮތަށް ކެންޕެއިން ހަރަކާތްތަށް ނުހިންގުމަށް ސިޔާސީ ޕާޓީތަކަށާއި އެންމެހާ ފަރާތްތަކަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްްސް (އެޗްއާރުސީއެމް) އިން އިލްތިމާސް ކޮށްފިއެވެ.

އެޗްއާރުސީއެމް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މުޖުތަމައު ގައި ރުޅިވެރިކަމާއި ފިތުނަ ފަސާދަ އުފެދޭ ގޮތަށް ކެމްޕެއިން ހަރަކާތް ނުހިންގުމަށް އިލްތިމާސް ކުރާކަމަށެވެ.

"ރިޔާސީ އިންތިޚާބާ ގުޅިގެން ކެންޕެއިންކޮށް ތާއީދު ހޯދުމަށް ކުރާ މަސައްކަތްތަކަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށާއި ތާއީދު ހޯދުމަށް ކުރާ މަސައްކަތްތަކަކީ އަމާން އޮމާން މަސައްކަތް ތަކަކަށް ހެދުމަށް ސިޔާސީ ޕާޓީ ތަކަށާއި އެންމެހާ ފަރާތްތަކަށް ގޮވާލަން،" އެޗްއާރުސީއެމްގެ ނޫސް ބަޔާނުގައި ވެއެވެ.

ކެންޑިޑޭޓުންނާއި ރަނިން މޭޓުންނަށް ފުރައްސާރަކޮށް އެ ބޭފުޅުންގެ އަބުރު ގެއްލޭ ގޮތަށް ކަންތައްނުކުރުމަށްވެސް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްއާރުސީއެމް އިން މިގޮތަށް އިލްތިމާސްކޮށްފައިވާއިރު، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ރަނިން މޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އަބުރާބެހި ބައެއް މީހުން ފާޅުގައި އެމަނިކުފާނަށް ދަނީ ފުރައްސާރަ ކުރަމުންނެވެ.

އަދި މީގެ އިތުރުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ކެންޕެއިން ޓީމް ހުޅުމާޅޭގައި ދޮރުން ދޮރަށް ކެންޕެއިން ކުރަމުން ދަނިކޮށް ބަޔަކު ވަނީ ހަމަނުޖެހުން ހިންގައި އިބޫ އަށް ހަމަލާދޭން މަސައްކަތް ކޮށްފައެވެ. އެ މައްސަލަ މިހާރު ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.

އަދި ރައީސް ޔާމީންގެ ކެންޕެއިނަށް ބައެއް މިނިސްޓަރުން ދޮރުން ދޮރަށް ވަޑައިގަތުމުން ބައެއް ގެތަކުގެ މީހުން ވަނީ އަޑުގަދަކޮށް އާންމު މަސްހަލު ނަގާލަން މަސައްކަތް ކޮށްފައެވެ.

comment ކޮމެންޓް