ރާއްޖޭގައި އުފައްދާ ކަރަންޓުގެ 60 ޕަސެންޓަކީ އަވިން އުފައްދާ ކަރަންޓަށް ހަދަން ސަރުކާރުން ވަނީ ނިންމާފައި: އަސްލަމް

ރާއްޖޭގައި އުފައްދާ ކަރަންޓްގެ 60 ޕަސެންޓަކީ އަވިން އުފައްދަން ސަރުކާރުން ނިންމާފައިވާ ކަމަށް އެންވަޔަރަންމެންޓް މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވިދާޅުވީ އެމަނިކުފާނުގެ އެދިވަޑައިގަތުމަކަށް "ސައުތު އޭޝިއާ ރީޖަނަލް ޓާސްކްފޯސް"ގެ ނަމުގައި ދެކުނު އޭޝިއާގައި އިއާދަކުރަނިވި ހަކަތަ ކުރިއަރުވަން މަސައްކަތްކުރާ ޖަމާޢަތެއް އުފައްދައި އެ ޖަމާއަތުގެ ފުރަމަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޓާސްކްފޯސް އުފެއްދުމަށްފަހު ފުރަތަމަ ބައްދަލުވުން އިންޑިއާގެ ރާޖެސްތާނުގެ ޖޮދްޕޫރުގައި ވަނީ ފަށައިފަ އެވެ. މިފަދަ ޖަމާއަތެއް ހަދަން އަސްލަމް ގޮވައިލެއްވެވީ ބޭންކޮކްގައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން އިންތިޒާމްކޮށްގެން ބޭއްވި އޭޝިއާ ސޯލާ އެނާޖީ ފޯރަމްގަ އެވެ.

ކާބަން ނިއުޓްރަލް ގައުމަކަށްވާން ރާއްޖޭން ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ވާސިލްވުމަށް ސަރުކާރާ އެހީދޭ ފަރާތްތަކާ ގުޅިގެން ކުރާ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އުފައްދާ ކަރަންޓްގެ 60 ޕަސެންޓް އަވިން އުފައްދާ އެއްޗަކަށް ހަދަން ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ. އަދި އެކަން ކާމިޔާބު ކުރުމަށް ރާއްޖޭގެ ތިން ރަށެއްގައި ހިންގާނެ މަޝްރޫއުތައް އެކުލަވާލައި ވަރަށް އަވަހަށް ތަންފީޒްކުރުމުގެ މަރުހަލާއަށް ގެންދަވާނެ ކަމަށެވެ.

މިނިސްޓަރު އަދި ވިދާޅުވީ ޓާސްކްފޯހުގެ މަސައްކަތްތައް ހަލުއިކޮށް ކުރިއަރުވައި، ކާބަން ނިއުޓްރަލް ސޮސައިޓީއަކަށް ދެކުނު އޭޝިއާ ސަރަޙައްދު ހެދުމަށް ގިނަ ފަރާތްތަކުން ޓާސްކްފޯސްގައި ބައިވެރިވުމަށް ބޭނުންފުޅުވާ ކަމަށެވެ.

މިނިސްޓަރު އަސްލަމްގެ ގޮވައިލެއްވުމާ ގުޅިގެން އުފެއްދި ޓާސްކްފޯހުން އިއާދަކުރަނިވި ހަކަތައިގެ ރޮނގުން ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް ކުރިއެރުވުމަށް މަގުފަހިކޮށްދީ ގައުމުތަކުގެ މެދުގައި އިއާދަކުރަނިވި ހަކަތައާބެހޭ މައުލޫމާތު ބަދަލުކޮށް ދެކުނުއޭޝިއާގެ ގައުމުތަކުގައި އިޢާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ހިންގާނެ ކަމަށެވެ.
ޖޮދްޕޫރަށް މިނިސްޓަރު އަސްލަމް ވަޑައިގެން އިރުން ހަކަތަ އުފައްދާ ދުނިޔޭގެ ކުންފުނިތަކާ ބައްދަލުކުރައްވައި، އެކުންފުނިތަކުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ހުރި ފުރުސަތުތަކުގެ މައުލޫމާތު ވެސް ވަނީ ދެއްވާފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު