އާބާދީއާ ގުޅޭ ރިސާޗްތައް ހެދުމަށް އެމްއެންޔޫއިން ޔޫއެންއެފްޕީއޭ އާއެކު އެއްބަސްވެއްޖެ

އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. ފަވާޒު --- ފޮޓޯ: ޔޫއެންއެފްޕީއޭ

އާބާދީއާ ގުޅޭ ރިސާޗުތައް ހެދުމަށް ގައުމީ ޔުނިވާސިޓީ އާއި ޔޫއެންއެފްޕީއޭހެ ރާއްޖޭގެ ގޮފިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެއްބަސްވުމާ ގުޅޭގޮތުން އެމްއެންޔޫގެ ވައިސް ޗާންސެލަރު އާއިޝަތު ޝާހީން ވިދާޅުވީ، އެއްބަސްވުމުގެ ދަށުން އާބާދީއާ ގުޅޭ ރިސާޗުތައް ކުރިއަށް ގެންދާނެ ކަމަށެވެ.

"އެއްބަސްވުމުގެ ދަށުން އެމްއެންޔޫއިން މައިގަނޑު ގޮތެއްގައި ކުރިއަށްގެންދާނީ އާބާދީއާ ގުޅޭ ރިސާޗުގެ ކަންތައް. އެގޮތުން ޔޫއެންއެފްޕީއޭއާ ގުޅިގެން ރިސާޗުތައް [އެމްއެންޔޫގައި] ކުރިއަށް ގެންދާނަން. ޒުވާނުންނަށް އަމާޒުކޮށްގެންވެސް މި އެއްބަސްވުމުގެ ދަށުން ހަރަކާތްތައް ހިންގާނަން،" ޝާހީން ވިދާޅުވިއެވެ.

ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ ހަރަކާތްތަކުގެ ތެރޭގައި ޔޫއެންއެފްޕީއޭއިން އާންމުކުރާ ފޯކާސްޓްތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ވާހަކަ ދައްކާނެ ފޯރަމްތައް ބާއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ދިރާސާ ކުރުމުގެ އެއް މަގުސަދަކީ ސިޔާސަތުތައް ކަނޑައެޅުމުގައި ދިރާސީ ހެކިތަކެއް ހުރެގެން ކަންތައް ކުރުން. ދިރާސާ ކޮށްގެން ޕޮލިސީ އަށް ބޭނުންވާނެ މައުލޫމާތު ހޯދުމަކީ މި އެއްބަސްވުމުގެ އަމާޒު،" ޝާހީން ވިދާޅުވިއެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒު ޝަރީފެވެ. ޔޫއެންއެފްޕީއޭގެ ފަރާތުން ސޮއިކުރެއްވީ ޔޫއެންއެފްޕީއޭ މޯލްޑިވްސްގެ ކަންޓްދީ ޑިރެކްޓަރު ރިޓްސޫ ނެކަން އެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރިޓްސޫ ވިދާޅުވީ އަންހެނުން ބާރުވެރި ކުރުމުގައި އާއިލާ ރޭވުމަކީ މުހިއްމު ކަމެއް ކަމަށެވެ. އާއިލާ ރޭވުމުުގައި އިހުމާލު ވުމާއި ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުތައް ދެނެގަތުމަށް ދިރާސާތައް ކުރުން މުހިއްމުކަން އެނާ ފާހަގަ ކުރެއްވިއެވެ.

އާބާދީ ދުވަހާ ގުޅިގެން މިއަދު އެމްއެންޔޫ އާއި ޔޫއެންއެފްޕީއޭ އަދި ނޭޝަނަލް ބިއުރޯ އޮފް ސްޓެޓެސްޓިކްސް ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވަނީ #ބައި2030 މި ހޭޝްޓެގްގެ ދަށުން 2030 އަންނަންވާއިރަށް ރާއްޖެއިން ދެކެން ބޭނުންވާ ކަންތައްތަލާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ފާޅުކޮށްފައިވާ ހިޔާލުތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ ބިލަބޯޑުވެސް ލޯންޗުކޮށްފައެވެ. ބިލަބޯޑު ލޯންޗުކޮށްދެއްވީ އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. ފަވާޒެވެ.

މީގެ އިތުރުން މިއަދު ވަނީ "މޯލްޑިވްސް ޕޮޕިއުލޭޝަން ޕްރޮޖެކްޝަންސް 2014-2054" އަދި ތެމެޓިކް އެނަލިސިސް އޮން ޔޫތް އިން ދަ މޯލްޑިވްސްގެ ނަމުގައި ދެ ރިޕޯޓެއްވެސް ނެރެފައެވެ.

ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 11 ވަނަ ދުވަސް ފާހަގަ ކުރަނީ ދުނިޔޭގެ އާބާދީ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ އާބާދީ ދުވަހުގެ ޝިއާރަކީ "ޢާއިލާ ރޭވުމަކީ އިންސާނީ ހައްގެއް" މިއެވެ.

comment ކޮމެންޓް