އާއިލާ ރޭވުމަކީ "ޚަރަދު ހިނގާ" އިންސާނީ ޙައްގެއް؟

މިއަދަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ އާބާދީ ދުވަސް ނުވަތަ "ވޯލްޑް ޕޮޕިއުލޭޝަން ޑޭ"އެވެ.

މި ދުވަސް ރަސްމީ ސިފައެއްގައި ފާހަގަ ކުރަން ފެށިތާ 50 އަހަރު ވެއްޖެއެވެ. މި ދުވަސް އދ.އިން ފާހަގަކުރަނީ ހޭލުންތެރި ކުރުވުމުގެ ދުވަހެއްގެ ގޮތުގައެވެ.

އާބާދީއާއި ގުޅުންހުރި ކަންތަކާމެދު އާންމުން ހޭލުންތެރިކުރުމަށް ފާހަގަކުރާ މި ދުވަހަކީ އާބާދީ މަދުވުމާއި، އިތުރުވުމުން އަދި އާބާދީއާ ގުޅުންހުރި މިނޫންވެސް ކަންތައްތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުމުގެ މަގުސަދުގައި ފާހަގަކުރާ ދުވަހެކެވެ.

ކޮންމެ އަހަރަކުވެސް އާބާދީ ދުވަހާ ގުޅުވައިގެން ޚާއްސަ ތީމެއް ކަނޑައަޅައެވެ. މިއަހަރުގެ ތީމް ގުޅުވާފައިވަނީ ދޭތެރެ ދުރުކުރުމާ ގުޅޭގޮތުންނެވެ. އަންހެނުންނަށް އެމީހުންގެ ނަފުސަށް ކުޅަދާނަ ނޫންވަރަށް ކުދިން ވިހެއުމާއި އޭގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތަކުން ސަލާމަތްވުމަށް ގާނޫނީ ރައްކާތެރިކަން ދިނުމަކީވެސް މި އަހަރުގެ ތީމްގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މިއަހަރުގެ އާބާދީ ދުވަހުގެ ޝިއާރަކީ "އާއިލާ ރޭވުމަކީ އިންސާނީ ހައްގެއް" މިއެވެ. މިއީ މީގެ 50 އަހަރު ކުރިން މި އަހަރު ފާހަގަ ކުރުމަށް ނިންމި މަގުސަދު ކަމަށްވާ ދޭތެރެ ދުރު ނުކޮށް ކައިރި ކައިރީގއި ކުދިން ވިހެއުމަށް ނޫނެކޭ ބުނުން ނުވަތަ މިއީ އަންހެނަކަށް ނުއުފުލޭނެ ބުރައަކަށް ވާނަމަ ބަލިވެއިނުން ކޮންޓްރޯލުކުުރުމަކީ އަންހެނުންނަށް އޮތް ހައްގެއްކަން އަންގައިދޭ ޝިއާރެއް ކަމަށް އދ.ގެ އާބާދީ އާ ބެހޭ ޖަމްއިއްޔާ ޔޫއެންއެފްޕީއޭއިން ބުނެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ދުނިޔޭގެ އާބާދީ ވަނީ 7.6 ބިލިއަނަށް އަރައިފައެވެ. 2030 އަންނަންވާއިރަށް ދުނިޔޭގެ އާބާދީ 8.3 ބިލިއަނަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

"މި ދުވަސް މިހާރުވެސް މި ފާހަގަކުރެވެނީ މުހިއްމު މަގުސަދެއް އޮތީމަ. މިހާރުވެސް އާއިލާ ރޭވުމާ ބެހޭ އެއްވެސް މައުލޫމާތެއް ނުލިބޭ، އެކަން ކުރުމުގެ 'ކުޅަދާނަކަން ނެތް' 200 މިލިއަނަށް ވުރެ ގިނަ އަންހެނުން އެބަތިބި،" އދ.ގެ އާބާދީއާ ބެހޭ ފަންޑުގެ ކޮމިއުނިކޭޝަންސް އެންޑް ސްޓްރެޓެޖިކް ޕާޓްނާޝިޕްސްގެ ޑިރެކްޓަރު އާތާ އާކެން ވިދާޅުވިއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ވިހެއުމުގެ ތެރޭގައި އަހަރަކު 113،000 މީހުން މަރުވެއެވެ. ބޭނުން ނުވެ ތިއްބާ ނުވަތަ ޕްލޭނެއް ނުކޮށް ތިއްބާ 40 މިލިއަން މީހުން ބަލިވެ އިނދެއެވެ. އަދި ގަރުބަ ގަންނަ ފަހުން 15 މިލިއަނަށް ވުރެ ގިނަ މީހުން ދަރިފުޅު އެބޯޓްކޮށްލައެވެ. ވިހެއުމުގެ ތެރޭގައި 710،000 ކުޑަކުދިން މަރުވެއެވެ. މި ކަންތައް ކޮންޓްރޯލު ކުރުމަށް ނުވަތަ ހުއްޓުވުމަށް މީހުން ހޭލުންތެރި ކުރުވާ، އެހީތެރިވުމަށް ބޭނުންވާ ފަންޑު ހޯދުމަކީ ޔޫއެންއެފްޕީއޭއަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.

އާއިލާ ރޭވުމާއި، ހޯދަން ބޭނުންވަނީ ކިތައް ކުދިންކަން ކަނޑައަޅެޅުމަކީ އިންސާނީ ހައްގެއް ކަމަށް ޔޫއެންއެފްޕީއޭ އިން ބުނެއެވެ. ކޮންމެ ކުއްޖަކީވެސް ބެނުންވެގެބް ހޯދާ ކުއްޖަކަށް ހެދުމާއި ވިހެއުމުގެ ތެރޭގައި އަންހެނުންނަށް ދިމާވާ ނުރައްކާތައް، ވިހެއުމުގެ ތެރޭގައި ދަރިންނާއި މައިން މަރުވާ މިންވަރު މަދުކުރުމަކީ އަމާޒެވެ.

comment ކޮމެންޓް