މުލަކުގައި އަޅާފައިވާ ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމައި އެކަން އިފްތިތާހުކޮށްފި

ރައީސް އަބްދުﷲ ޔާމީން މުލަކަށް ވަޑައިގަތުން: ފޮޓޯ/ އެންވަޔަރަމަންޓް މިނިސްޓްރީ

މ. މުލަކުގައި ނަރުދަމާ ނިޒާމު ގާއިމުކޮށް ރަސްމީކޮށް އެ ނިޒާމު އިފްތިތާހުކޮށްދެއްވައިފި އެވެ.

ރަސްމީކޮށް ނަރުދަމާ ނިޒާމް އިފްތިތާހުކޮށް ދެއްވީ މިއަދު މެންދުރު ފަހުން މުލަކަށް ވަޑައިގެން ރައީސް އަބްދުﷲ ޔާމީނެވެ.

ނަރުދަމާ ގާއިމުކުމަށް ޓަކައި ކޮންޓްރެކްޓްކޮށްފައި ވަނީ މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އެވެ. ސާޅީސް ތިން މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު އެވެ. މަސައްކަތް ނިންމާފައި ވަނީ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހު އެވެ.

އެންވަޔަރަމްންޓް މިނިސްޓްރީން ބުނީ "އެ މަޝްރޫޢުގެ ދަށުން ރަށުގައި 4 ޕަމްޕް ސްޓޭޝަން ބަހައްޓައި 10.44 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ވަނީ ގާއިމުކުރެވިފައިވާ" ކަމަށެވެ. އަދި އެ ރަށުގެ 374 ގެއަށް ވަނީ މި ޚިދުމަތް ދެވިފަ އެވެ. އަދި ރަށުން އުފެދޭ ނަޖިސް ބޭރުކުރުމަށް 41 މީޓަރުގެ އައުޓް ފޯލް ހޮޅި ވަނި އެޅާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މުލަކު ނަރުދަމާ ނިޒާމް ހިންގަނީ ފެނަކަ ކޯޕަރޭޝަނުންނެވެ.

comment ކޮމެންޓް