ޓެރަރިޒަމާއި، ހައްދުފަހަނަޅައި ދިއުމާ ދެކޮޅަށް އަބަދުވެސް މަސައްކަތްކުރަން: ޑރ. ޝަހީމް

ޑރ ޝަހީމް އެމެރިކާގެ ވަފްދަކާއި ބައްދަލު ކުރަނީ--ފޮޓޯ/ އައިޔޫއެމް

ޓެރެރިޒަމާއި، ދީނީގޮތުން ހައްދުފަހަނައަޅައި ދިއުމާ ދެކޮޅަށް އަބަދުވެސް މަސައްކަތް ކުރާ ކަމަށާއި ކުރިއަށް އޮތްތަނުގައި އެ މަސައްކަތް އިތުރު ކުރާނެ ކަމަށް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ، އިސްލާމިކް ޔުނިވާސީޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް ނައިބު ރައީސެއްގެ މަގާމަށް އަތުވެއްޖެ ނަމަ އެކަން ވެގެންދާނީ ސަަހައްދަށް އޮތް ނުރައްކަލަކަށް ކަމަށް ވިދާޅުވެ އިދިކޮޅު ބައެއް ފަރާތްތަކުން އަޑު ފަތުރަމުންދާއިރު އެކަމާ ގުޅޭ ގޮތުން "ސަން"އަށް މައުލޫމާތު ދެއްވަމުން ޝަހީމް މިއަދު ވިދާޅުވީ، އެއީ ހަގީގަތާ ހިލާފް ވާހަކަތަކެއް ކަމަށާއި އެކަން މާޒީގައި ކުރެވިފައި ހުރި މަސައްކަތްތަކުން ފާހަގަވެގެންދާނެ ކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވީ، އޭނާއަކީ ސަރަހައްދީ ގައުމުތަކަށް އައު ބޭފުޅެއް ނޫން ކަމަށާއި އޭނާއަކީ ކިހިނެއް މަސައްކަތް ކުރާ މީހެއްކަން ދުނިޔޭގެ އެކިކަންކޮޅުތަކުގެ ސަރުކާރު ތަކަށާއި އެނޫންވެސް އިދާރާތަކަށް އެނގޭނެ ކަމަށެވެ. އަދި ޓެރަރިޒަމްގެ އަމަލު ތަކާއި ދީނީ ގޮތުން ހައްދުފަހަނަ އަޅާ ދިޔުމަކީ އަބަދުވެސް އެމަނިކުފާނު ނަފުރަތު ކުރާ ކަންކަންކަމަށާއި ކުރިއަށް އޮތް ތަނުގައި އެކަންކަމާ ދެކޮޅަށް މިހާރަށް ވުރެ ބޮޑަށް މަސައްތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމު ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. ޝަހީމް ވިދާޅުވީ، ދީނީ ގޮތުން ހައްދުފަހަނަ އަޅައި ދިޔުމާއި ޓެރަރިޒަމްގެ މައްސަލަތަކަކީ މުޅި ދުނިޔޭގައިވެސް ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުން އަންނަ ކަންކަން ކަމަށާއި އެހެން ކަމުން އެކަން ކަމާއި ދެކޮޅަށް މަސައްކަތް ކުރެވޭނީ ހުރިހާ ގައުމުތަކެއްވެސް ގުޅިގެން ކަމަށާއި އަދި އޭނާގެ ކިބައިގައި ގުޅިގެން އެކަން ކަމާ ދެކޮޅަށް މަސައްކަތް ކުރުމުގެ ގާބިލިއްޔަތުކަން އެބަހުރި ކަމަށެވެ.

ޑރ. ޝަހީމާ މެދު އިދިކޮޅު ފަރާތްތަކުން އެފަދަ ތުހުމަތުތައް ކުރި ނަމަވެސް މީގެ ކުރިން ޝަހީމްވަނީ ޓެރަރިޒަމާއި ހައްދުފަހަނަ އަޅާ ދިޔުމާއި ދެކޮޅަށް މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން 2009 ވަނަ އަހަރު އެމެރިކާގެ ސަރުކާރުގެ ސީދާ ދައުވަތަކަށް އެމަނިކުފާނު ވަނީ ހަވާއީގައި އޮތް، އެކަމާއި ގުޅޭ ބައްދަލުވުންތަކެއްގައި ބައިވެރިވެ މަޝްވަރާތައް ކުރައްވައި ހިޔާލުފުޅު އަރުއްވާފައެވެ. އަދި ހަމަ އެ އަހަރު ޔޫކޭގައި އެކްސްޓްރީމިސްޓުން ރިހެބެލިޓޭޓް ކުރުމާއި ގުޅޭ ތަޖުރިބާވަނީ ހޯއްދަވާފައެވެ.

ޝަހީމް މިގޮތަށް ކުރެއްވި މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަމަކީ އއ. ހިމަންދޫގައި ހިނގައިދިޔަ ހައްދުފަހަނަ އަޅާ ދިޔުމުގެ ހަރަކާތްތަކާ ދެކޮޅަށް ކުރެއްވި މަސައްކަތްތަކެވެ. އެގޮތުން އެ ރަށުގައި ވަކިވެގެން އުޅުނު މީހުންނާއި ވަހަކަދައްކަވައި އެމީހުންނަށް ދީނުގައި އޮތް ގޮތް ބުނެދީ ސުލްހަ ކުރުމުގައި ޝަހީމްވަނީ އިސްދައުރެއް އަދާކުރައްވައިފައެވެ.

އަދި 2012 ވަނަ އަހަރު ވަކިން ޖަމާއަތެއް ހިންގި މީހުންނާއި މަޝްވަރާކޮށް އެމީހުންނަށް ހާއްސަ އިމާމްކޯހެއް ހިންގަވައި ވަކި ޖަމާއަތެއް ހަދައިގެން ނަމާދު ކުރި މީހުންނަށް ދީނީ ދަރުސް ދެއްވައިގެން އަނބުރާ އެމީހުން މުޖްތަމައަށް ނެރުއްވުންވެސް ހިމެނެއެވެ. ޝަހީމް ވަނީ އެ ދާއިރާއިން ހާއްސަ ފޮތްތަކެއްވެސް ލިޔުއްވައި އާންމުންނާއި ހިސާބަށް ގެނެސްދެއްވައިފައެވެ. އެގޮތުން "އިސްލާމް އިޒް ނޮޓް އަ ރެލިޖަން އޮފް ޓެރަރިޒަމް"، "އެކްސްޓްރީމިޒަމް، އިޓްސް ކޯޒެސް އެންޑް ސޮލިޔުޝަން"، "އަ ރޯލް އޮފް ވުމެން އިން ސިވިލައިޒޭޝަން" އަދި "ދި ފިލޯސަފީ އޮފް ޖިހާދު އިން އިސްލާމް" ހިމެނެއެވެ.

comment ކޮމެންޓް