ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބުދުލްގައްޔޫމްގެ ސަރުކާރުގައި އިސް މަގާމުތަކެއް ފުރުއްވާފައިވާ އަދި ރައީސް މައުމޫންގެ ކޮއްކޯފުޅު ހ. މީނާޒު އަބުދުﷲ ހަމީދު، ނިޝާން އިއްޒުއްދީންގެ އިއްޒަތްތެރި ވެރިޔާ (ނ ޢ ޢ ވ) ހައްޔަރުކޮށްގެން ކްރިމިނިލް ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް ދެ ވަނަ ފަހަރަށް އެ ކޯޓުން އަމުރުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މިހާރު ދިރިއުޅުއްވަނީ ރާއްޖޭން ބޭރުގަ އެވެ.
މަގާމާ ނުފޫޒު ބޭނުން ކުރި ކަމުގެ ދައުވާ އުފުލާފައިވާ އަބްދުﷲހަމީދުގެ އިތުރުން އެ ކޯޓަށް ދައުވާ ކުރުމަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭ 15 މީހަކު 18 މައްސަލައަކާ ގުޅިގެން ހާޒިރު ކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ފުލުހުންގެ މައްޗަށް އަމުރު ނެރެފަ އެވެ.
ހުށަހަޅާފައިވާ ބައެއް މައްސަލަތަކާއި ގުޅިގެން ހާޒިރުކުރަންޖެހޭ ގިނަބަޔަކު ރާއްޖެއިން ބޭރުގައި ވުމުގެ ސަބަބުން ނުހިނގި ހުރި މައްސަލަތަކުގައި ދައުވާ ލިބޭފަރާތްތައް ހާޒިރުކޮށްދިނުމަށް އެދި ފުލުހުންގެ މައްޗަށް އަމުރުނެރެފައިވެ އެވެ. އަދި މިމައްސަލަ އާއި ގުޅިގެން ކްރިމިނަލް ކޯޓާއި ފުލުހުންގެ ކަމާބެހެ ފަރާތްތަކާ ދެމެދު ވަނީ ބައްދަލުވުމެއް ވެސް ބާއްވާފަ އެވެ.
ކޯޓްގެ މިއަ އަމުރާ ގުޅިގެން ފުލުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ކޯޓް އެފަދަ އަމުރެއް ފުލުހުންގެ މައްޗަށް ކޮށްފިނަމަ އެ އަމުރަކާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރަމުން ގެންދާނެ ކަމަށެވެ.
ހަމީދުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުގެ ދައުވާ ކުރުމަށް ހުށަހެޅީ 2009 ގައެވެ. ކްރިމިނަލް ކޯޓުން ކުރިން ބުނެފައި ވަނީ ހަތަރު ފަހަރަށް ވުރެ ގިނައިން ހަމީދުގެ މައްސަލަ ބާއްވަން އުޅެ ވެސް ހަމީދުގެ މައްސަލަ ބޭއްވިފައި ނުވާ ކަމަށާއި ހަމީދުގެ ޕާސްޕޯޓް ހިފެހެއްޓުމަށާއި ހައްޔަރުކޮށްގެން ނަމަވެސް ކޯޓަށް ހާޒިރުކުރުމަށް ކަމާ ބެހޭ ފަރާތްތަކުގައި އެދިފައިވާނެ ކަމަށެވެ.