"ވަހީދުއްދީން ސޯޝަލް މީޑިއާ ބޭނުމެއް ނުކުރައްވާ، ޓްވީޓަކީ އަސްލެއް ނޫން"

ކުރީގެ ނައިބު ރައީސް އަންނަބީލް މުހައްމަދު ވަހީދުއްދީން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ނައިބު ރައީސް މުހައްމަދު ވަހީދުއްދީނަކީ އަމިއްލަ ޚިޔާލާއި ބަޔާންތައް އާންމުކުރެއްވުމަށް ސޯޝަލް މީޑިއާގެ އެއްވެސް ވަސީލަތެއް ބޭނުންކުރައްވާ ބޭފުޅެއް ނޫންކަމަށް އެމަނިކުފާނުގެ އޮފީހުން ބުނެފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ރަނިންގް މޭޓުކަމަށް އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އައްޔަނުކުރެއްވުމާ ގުޅިގެން އެކަމަށް މަރުހަބާ ކިޔައި، ވަހީދުއްދީނުގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓަކުން ޓްވީޓެއް ކޮށްފައިވާ އިރު، އެ ޓްވީޓަށް ނިސްބަތްކޮށް ބައެއް ނޫސްތަކާއި ޓީވީ ޗެނަލްތަކުން ވަނީ ޚަބަރު ފަތުރައިފަ އެވެ.

އެމަނިކުފާނުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެމަނިކުފާނަކީ ޚިޔާލު ފާޅުކުރެއްވުމަށް ސޯޝަލް މީޑިއާ ބޭނުންކުރައްވާ ބޭފުޅަކަށް ނުވާ އިރު، އެމަނިކުފާނުގެ ނަމުގައި އެކައުންޓަކުން ކޮށްފައިވާ ޓްވީޓަކީ އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެއް ނޫން ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ސައްހަކަން ޔަގީން ނުކޮށް، އެ ޓްވީޓު ވަހީދުއްދީނަށް ނިސްބަތްކޮށް، ބައެއް ރަސްމީ މީޑިއާ ޗެނަލްތަކުގައި ޚަބަރު ފަތުރާފައިވާތީ އެކަމާ ހިތާމަކުރާ ކަމަށެވެ.

ބަޔާނުގައި ބުނީ، އެމަނިކުފާނާ ގުޅޭ ޚަބަރު ފަތުރުމުގެ ކުރިން އެ ކަމެއްގެ ސައްހަކަން ޔަގީންކުރުމަށް މީޑިއާ ވަސީލަތްތަކަށް އިލްތިމާސްކުރާ ކަމަށެވެ.

އަންނަބީލް މުހައްމަދު ވަހީދުއްދީން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް އައްޔަނުކުރެއްވީ 2012 އޭޕްރިލް 25 ވަނަ ދުވަހު، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގަ އެވެ. އެމަނިކުފާނު އެ މަގާމުން އިސްތިއުފާ ދެއްވީ އޭރުގެ ރިޔާސީ ދައުރު ހަމަވުމުގެ ކުރިން، 10 ނޮވެމްބަރު 2013 ގައެވެ.

comment ކޮމެންޓް