ރާއްޖޭގެ މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިން މިއަދު ބުނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށެވެ.
އެ ހިސާބުތަކަށް ވިއްސާރަކޮށް އޭގެ ތެރެއިން ބައެއް ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލާ ދެމެދު ވައިގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ.
މެޓުން ބުނީ މެދު ރާއްޖެ އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދު ވައިގަދަވާނެ ކަމަށާއި އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާ 13 މޭލަށް ވައިގަދަވާނެ ކަމަށެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި އަދި ބައެއް ރަށްތަކަށް ގުގުރުން ވެސް އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ.