ބޮޑު ދެ އޮޕަރޭޝަނެއް ކުރުމުގެ މަގުމަތީގައި، ދީލަތި އެހީއެއް ދިއްކޮށްލައްވާ!

މަރިޔަމް ޒާރާއަކީ އުފަންވީ އިރުވެސް ވެސް ހިތުގެ މައްސަލަތަކެއް ހުރި ކުއްޖެއް --

ތުއްތު ކުއްޖާ ދުނިޔެއަށް ނޭވާލާ ވަގުތަކީ އެ ކުއްޖާގެ މައިންބަފައިންނަށް އެންމެ އުފާވެރި ވަގުތުކޮޅެވެ. ނުވަ މަހާއި ނުވަ ދުވަހަށް ފަހު، އެ ތުއްތު ދަރިފުޅު ދެކިލުމުގެ ހުވަފެން އައިސް ހަގީގަތަކަށް ވާތީއެވެ.

ނަމަވެސް ބައެއް ކުދިންނަކީ އުފެދުމުގައި އެންމެ ފުރިހަމައަށް އުފަންވާ ކުދިންނެއް ނޫނެވެ. ކޮންމެވެސް ބަލިމަޑުކަމެއްގެ ތެރެއިން އުފެދޭ ކުދިންވެސް މިއަދު މަދެއް ނޫނެވެ.

މާލެއަށް އުފަން އުމުރުން 10 އަހަރުގެ މަރިޔަމް ޒާރާއަކީ ވެސް އުފެދުމުގައި "ހިތުން ސިކުނޑިއަށް ލޭދައުރު ކުރާ ނާރު" އުފެދިފައިނުވާ ކުއްޖެކެވެ. އަދި ހިތުގެ މައްސަލަ ހުންނަ، ހިތުގައި ގިނަ އަދަދެއްގެ ލޯވަޅު ހުރި ކުއްޖެއްވެސް މެއެވެ.

ޒާރާގެ ބަލި ހާލަތާ ގުޅޭގޮތުން ސަން ކުލުނަށް މައުލޫމާތު ދެމުން ޒާރާގެ މަންމަ ނަޝީދާ ބުނީ ޒާރާ އުފެދުމުގައި އެހެންވެފައި ހުރުމުން ލޭ ދައުރުވުމަށް އުނދަގޫވާ ކަމަށެވެ.

ދަރިފުޅަށްޓަކައި ކޮންމެފަދަ ގުރުބާނީއެއް ވާން ކޮންމެ ކަމެއް ކުރަން ޖެހުނަސް ހަމަ ތައްޔާރަށް ހުރި ނަޝީދާ ބުނީ ޒާރާގެ ސިއްހީ ހާލަތު މުޅިން ރަނގަޅުވާނެ ދުވަހަކަށް އަބަދުވެސް އިންތިޒާރުކުރާ ކަމަށާއި ރަނގަޅުވުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ވެސް ކުރާނެ ކަމަށެވެ.

"އަންނަ މަހު އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށް ދާން މިއުޅެނީ. ޑަކްޓަރުން ލަފާ ދެނީ އޮޕަރޭޝަން ކުރަން. އޮޕަރޭޝަން ކާމިޔާބުވާނެ ކަމުގެ އުންމީދުވެސް ބޮޑު،" ނަޝީދާ ބުންޏެވެ.

ދެ އޮޕަރޭޝަނެއް ކުރަން ތައްޔާރުވެގެންދާ ޒާރާ އެންމެ ފުރަތަމަ ކުރާ އޮޕަރޭޝަނަކީ ނާރުގެ އޮޕަރޭޝަނެވެ. އެ އޮޕަރޭޝަނަށް ޖުމްލަ 35 ހާސް ޑޮލަރު ހޭދަވާ ކަމަށާއި ﷲގެ ރަހުމަތާއެކު އެކަން އާސަންދައިން ހަމަޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ.

"ފުރަތަމަ މިކުރަނީ އެ އޮޕަރޭޝަން. އެއަށްފަހު އެ އޮޕަރޭޝަން ކާމިޔާބު ވެއްޖެނަމަ ހިތުގައި ހުރި ލޯވަޅުތައް ބެއްދުމަށް އޮޕަރޭޝަން ވަގުތުން ކުރާނެ،" ހަތަރު ކުދިން ބަލަމުން އަންނަ ނަޝީދާ ބުންޏެވެ.

ފުރަތަމަ އޮޕަރޭޝަނަށް އާސަންދަ ހަމަޖެހުނު ނަމަވެސް ދެވަނަ އޮޕަރޭޝަނަށް އާސަންދަ ހަމަނުޖެހޭ ކަމަށް ނަޝީދާ ބުންޏެވެ. ހިތުގައި އުފެދިފައިވާ ލޯވަޅުތައް ބެއްދުމަށް ކުރާ އޮޕަރޭޝަނަން ޖުލްމަ 10 ހާސް ޑޮލަރު ބޭނުންވާ ކަމަށްވެސް އޭނާ ބުންޏެވެ.

ޑަކްޓަރުންނާ ހަވާލާދީ ނަޝީދާ ބުނީ، ސިކުނޑީގެ އޮޕަރޭޝަން ކާމިޔާބު ވެއްޖެނަމަ ޒާރާ ދެ މަސް ވަންދެން "ފޮށްޓަކަށް" ލާފައި ބާއްވަން ޖެހޭ ކަމަށެވެ.

"ހިތުގެ ކައިރީގައި ހުންނަ، އިސްތަށި ކަހަލަ ގިނަ ނާރުތައް މިކުރާ ކަމަކީ މުޅި ހަށިގަނޑަށް ލޭދައުރުކުރަނީ. އެކަން ކޮންޓްރޯލްކުރުމަށް ފޮށްޓަކަށް ލާފައި ބާއްވަނީ،"

ނަޝީދާ ބުނީ އާންމު ކުދިންނެކޭ އެއްފަދައިން ޒާރާއަށް ބައެއް ކަންތައްތައް ކުރުމަށް ނުކުޅެދޭ ކަމަށެވެ.

"އަބަދުވެސް ހުންނާނީ ވަރުބަލިވެފައި. ނުއެއް ނިދޭ މޭގައި ރިއްސާތީ. ޑަކްޓަރުން ލަފާދެނީ ގިނައިން ދަގަނޑުގެ ބާވަތްތައް ބޭނުންކުރަން،" ނަޝިދާ ބުންޏެވެ.

ޓްރީޓޮޕް މެދުވެރިކޮށް އޮޕަރޭޝަން ކުރަން އުޅުނު ނަމަވެސް އެކަން ކާމިޔާބުވާ ގޮތް ނުވީ ކަމަށް ވެސް އޭނާ ސަން ކުލުނަށް ބުންޏެވެ.

ދަރިފުޅު ރަނގަޅުކުރެވޭނެ ކަމުގެ އުންމީދު ޑަކްޓަރުންދީފައިވާ ކަމަށް ވެސް ނަޝީދާ ބުންޏެވެ.

އިންޑިއާގައި ހޭދަވާނެ ދުވަސްތަކަކީ ގިނަ ހަރަދުތަކެއް ހިނގާނެ ދުވަސްތަކެކެވެ. ދަރިފުޅަށް ފަރުވާ ހޯދުމުގެ އިތުރުން، ހިތުގައި ހުރި ލޯވަޅު ބެއްދުމަށް ކުރާ އޮޕަރޭޝަނަށްވެސް ގިނަ ޚަރަދު ތަކެއް ހިނގާނެއެވެ. އެކޮޅުގައި މަދުވެގެން ދެމަސް މަޑުކުރަން ޖެހެއެވެ. އޮޕަރޭޝަނާ އެކީ އެހެނިހެން ކުދި ފަރުވާ ހޯދުމަށް ވެސް ފައިސާ ބޭނުންވާނެއެވެ.

ނަޝީދާ އެދެނީ އޭނާގެ އަމިއްލަ ފުރާނައަށް ވުރެވެސް ލޯބިވާ އޭނާގެ ދަރިފުޅު ޒާރާއަށް ތިބޭފުޅުން ކުޑަ ނަމަވެސް މާލީ އެހީތެރިކަމެއް ދިނުމަށެވެ. އަދި ހެޔޮ ދުޢާކޮށްދިނުމަށެވެ.

މަރިޔަމް ޒާރާ އަށް އެހީތެރިވުމަށް

ފޯނު ނަންބަރު: 7585530 (ނަޝީދާ/ ޒާރާގެ މަންމަ)

ބީއެމްއެލް އެކައުންޓް ނަންބަރު: 7703158237102 (ނަޝީދާ އާ ގުޅިފައިވާ އެކައުންޓް ނަންބަރު)

ނޯޓް: ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެއެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް ‎9992747 ނުވަތަ ‎9982747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

comment ކޮމެންޓް