ޗުއްޓީއަށް ދާން ބޭނުން މީހުންނަށް ޚާއްސަ ޑިސްކައުންޓުތަކެއް!

ވެކޭޝަންސް އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތު --- ސަން ފޮޓޯ: ފަޔާޒު މޫސާ

ޗުއްޓީއެއް ލިބޭއިރަށް ކޮންމެސް ތަނަކަށް ދަތުރެއް ދިއުމަކީ މިހާރު އާދައަކަށް ވެއްޖެއެވެ. ހަފްތާ ބަންދު ހޭދަކޮށްލުމަށް ދިވެހިންނަށް މިހާރު ކަމުދަނީ ކޮންމެވެސް ގެސްޓްހައުސް އެއް ނޫނީ ރިސޯޓެކެވެ. ފަތުރުވެރިންނަށް އެކަނި ހާއްސަ ވެފައި ހުރި މިކަންތައް މިހާރު ދިވެހިންނަށްވެސް ޚާއްސަ ވެއްޖެއެވެ. އީދު ޗުއްޓީ އާއި ސުކޫލު ބަންދުތައް އަދި ހަފްތާ ބަންދަކާއެކު ރަސްމީ ބަންދެއް ދިމާވެއްޖެނަމަ އެދެން ނިމުނީއެވެ. ކައިރި ގެސްޓު ހައުސްތައް އޮންނާނީ ފުރިފައެވެ. ކައިރި ގައުމުތަކަށް ދަތުުރުކުރާ އެއާލައިނުތަކަށް ބާރު ބޮޑުވެއެވެ. ދިވެހިންނަކީ ދަތުރުކުރުމަށް މާ ފޯރި ހުންނަ ބައެކެވެ.

ކުރިއަށް މިއޮތީ މިނިވަންދުވަހާ ގުޅުވައިގެން ލިބޭ ކުޑަ ޗުއްޓީ އެކެވެ. އޭގެ ފަހުން ދެން އޮތީ އަޟްހާ އީދު ޗުއްޓީ އެވެ. ހަތަރު ވަރަކަށް މަސް ފަހުން ދެން އޮތީ ބޮޑު ޗުއްޓީ އެވެ. މިހާރުވެސް މި ބަންދުތަކާ ދިމާކޮށް ޗުއްޓީ ރާވާ މީހުން މަދެއް ނުވާނެއެވެ. މި ފަދަ ފަރާތްތައް ވަދެލަން އެންމެ މުހިއްމު ވާނީ މިހާރު އާޓް ގެލެރީގައި ކުރިއަށްދާ ވެކޭޝަންސް އެކްސްޕޯ އެވެ. ވެކޭޝަންސް އެކްސްޕޯއަކީ ފަތުރުވެރިކަމުގެ ހިދުމަތްތައްދޭ ފަރާތްތަކުގެ ޚިދުމަތްތަކުގެ މައުލޫމާތުތައް އެއް ފުރާޅެއްގެ ދަށުން އާންމުންނަށް އަދި ފަތުރުވެރިންނަށް ފޯރުކޮށްދިނުމަށް ބާއްވާ އެކްސްޕޯއެކެވެ.

ވެކޭޝަން އެކްސްޕޯގައި ހުރި ބެންކޮކް ހޮސްޕިޓަަލުގެ ސްޓޯލް ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ގެސްޓްހައުސްތަކާއި އާންމުކޮށް ޗުއްޓީ އަށާއި ކިޔެވުމަށް އަދި ބޭސްފަރުވާއަށް ދިވެހިން ގޮސްއުޅޭ ގައުމުތަކާ ގުޅޭ ގިނަ މައުލޫމާތުތަކެއް މި އެކްސްޕޯ އިން ލިބޭނެއެވެ. މި ނިމުނީ އެއް ނޫނެވެ. ދިވެހިން ގޮސް އުޅޭ ގައުމުތަކަށް ދަތުރުކުރުމަށް ހާޢްސަ ޑިސްކައުންޓު އަގުތަކެއްގައި މި އެކްސްޕޯ މެދުވެރިކޮށް ޓިކެޓުވެސް ލިބޭނެއެވެ. އުމްރާއަށް ދާން ބޭނުން ފަރާތްތަކަށްވެސް މި އެކްސްޕޯގެ ތެރެއިން އެ ފުރުސަތު އެބައޮތެވެ.

މި ފެއާގައި ބައިވެރިވެރިވެފައިވާ ސަންލޭންޑް ޓްރެވަލްސްގެ ސްޓޯލް އިން ބުނީ ސިންގަޕޯ އެއާލައިންސް އިން ޗުއްޓީ ހޭދަކުރުމަށް އަދި ކިޔަވާ ކުދިންނަށް ޚާއްސަ ޓިކެޓު އަގުތަކެއް އެބަހުރި ކަމަށެވެ. މީގެ އިތުރުން ޗުއްޓީ އަށް ދާ ފަރާތްތަކަށް ޚާއްސަ ޕެކޭޖުތަކާއި ގްރޫޕު ތަކަށް ޚާއްސަ ޕެކޭޖުތައްވެސް ސަންލޭންޑުން ދަނީ ވިއްކަމުންނެވެ.

ސިންގަޕޫރުގެ އިތުރުން އީސްޓް އޭޝިއާ ސަރަހައްދުގެ އިތުރު ގައުމުތައް ކަމަށްވާ މެލޭޝިއާ، އިންޑޮނޭޝިއާ އަދި ފިލިޕީންސަށް ދަތުުރުކުރަން ބޭނުންވާ ފަރާތްތަކަށްވެސް ސަންލޭންޑުގެ ފަރާތުން ޚާއްސަ ޕެކޭޖުތަކެއް ހެޔޮ އަގުތަކުގައި ލިބެން އެބަހުއްޓެވެ. ވެކޭޝަންސް އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭފަރާތަކަށް ސަންލޭންޑުން ވަނީ ސިލްކް އެއާވޭސް އިން ސިންގަޕޫރު ދެކޮޅު ޓިކެޓު ވެސް ހުށަހަޅައިފައެވެ.

ދިވެހިން ވިޔަފާރިއަށާއި ކިޔެވުމަށް އަދި ބޭސްފަރުވާ އަށްވެސް އެންމެ ގިނައިން ގޮސްއުޅޭ ސްރީލަންކާ އަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ޚާއްސަ އަގުތަކެއްގައި ވެކޭޝަންސް އެކްސްޕޯ މެދުވެރިކޮށް ޓިކެޓު ލިބޭނެއެވެ. އެގޮތުން ވެކޭޝަންސް އެކްސްޕޯ ގައި ހުރި އޭސް އޭވިއޭޝަން ސާވިސަސްގެ ސްޓޯލަށް ޒިޔާރަތްކޮށް ޓިކެޓު ބުކް ކުރުމުން 30 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެއެވެ.

ގަތަރު އެއާވޭސް މެދުވެރިކޮށް ދަތުރުކުރާ ފަރާތްތަކަށް 40 ޕަސެންޓާ ހަމައަށް އޭސް ޓްރެވަލްސް އިން ވަނީ ޑިސްކައުންޓު ހުށަހަޅައިފައެވެ. ފެއާ ކުރިއަށްދާ ތިން ދުވަހު އެ ކުންފުނީގެ ސްޓޯލަށް ޒިޔާރަތްކޮށް ޓިކެޓު ބުކް ކުރުމުން ގަތަރު އެއާވޭސް މެދުވެރިކޮށް ދަތުރުކުރާ މަންޒިލުތަކުގެ ޓިކެޓް ފެއާ އިން 40 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދޭނެއެވެ.

ވެކޭޝަންސް އެކްސްޕޯގެ ކޭޓަރިން ޕާޓްނަރު، ދަ ކިޗަންގެ ސްޓޯލް ---- ސަން ފޮޓޯ: ފަޔާޒު މޫސާ

މީގެ އިތުރުން ސްކޫޓް އެއާލައިން އިން ދަތުރު ކުރާ 23 މަންޒިލަކަށް ހާއްސަ ޕްރޮމޯޝަނެއްވެސް އޭސް ޓްރެވަލްސް އިން ދަނީ ކުރިއަށް ގެންދަމުންނެވެ. މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ސްކޫޓް އިން ޓިކެޓު ގަންނަ ފަރާތްތަކަށް ނޮވެމްބަރު މަހުގެ 15 އާ ހަމައަށް ދަތުރު ކުރެވޭނެއެވެ.

ހޮންކޮންގްގެ ޑިޒްނީލޭންޑަށް ދާން ބޭނުންވާ ފަރާތްތަކަށްވެސް އޭސް އިން ވަނީ ރަނުގެ ފުރުސަތެއް ހުޅުވާލައިފައެވެ. ހޮންކޮންގުގެ މެއިން އެއާލައިން ކެތޭ ޕެސިފިކް އިން ދަތުރުކުރާ މީހުންގެ ތެރެއިން 15 ޖުލައިގެ ނިޔަލަށް ޓިކެޓު ބުކް ކުރާ މީހުންނަށް ޚާއްސަ އަގުތަކެއްގައި ޓިކެޓު ބުކް ކުރެވޭނެއެވެ. މި ޓިކެޓުގައި މި އަހަރުގެ ނިޔަލަށް ދަތުުރު ކުރެވޭނެއެވެ. ހޮންކޮންގުގެ ޑިޒްނީ ލޭންޑަށް ދާ މީހުންނަށް ޚާއްސަ ޕެކޭޖުގެ އިތުރުން ކެތޭ ޕެސިފިކް މެދުވެރިކޮށް ފިލިޕީންސް އަށާއި މެއިންލޭންޑް ޗައިނާ އަށްވެސް ޚާއްސަ އަގުތަކެއްގައި ދަތުރު ކުރެވޭނެއެވެ.

ވެކޭޝަންސް އެކްސްޕޯގެ ޕްރިންސިޕަލް ސްޕޮންސަރ، އިނަރ މޯލްޑިވްސްގެ ފަރާތުންވެސް ޚާއްސަ ޕެކޭޖުތަކެއް އެކްްސްޕޯގެ ތެރޭގައި ދަނީ ވިއްކަމުންނެވެ. އެގޮތުން ސްރީލަންކަން އެއާލައިން އިން ސިންގަޕޫރަށް ދަތުރުކުރާ މީހުންނަށް ޚާއްސަ ހޮލިޑޭ ޕެކޭޖެއް ޖުލައި 15 އިން އޮގަސްޓް 25 އަށް ކުރިއަށް ކުރިއަށް ގެންދާއިރު ޕެކޭޖުގެ ދަށުން ދެކޮޅު ޓިކެޓާއި ހޮޓެލް ފީ ހަމަޖައްސައިދޭނެއެވެ.

މި ތާރީޚުތަކުގައި އިނަރ މޯލްޑިވްސް އިން ދުބާއީއަށް ދަތުރުކުރާ ފަރާތްތަކަށްވެސް ޚާއްސަ ހޮލިޑޭ ޕެކޭޖެއް ދަނީ ވިއްކަމުންނެވެ. މި ޕެކޭޖުގެ ދަށުން ޔޫއޭއީ ވިސާ އާއި ދެކޮޅު ޓިކެޓު، ހޮޓެލުގައި ހުރުމުގެ ޚަރަދު އަދި ޑެޒާޓް ސަފާރީ ޓުއާގެ ޚަރަދު ހަމަޖައްސައިދޭނެއެވެ. އިނަ މޯލްޑިވްސް އިން ވަނީ ޖުލައި 15 އިން އޮގަސްޓް 25 ގެ ނިޔަލަށް ކުއަލަމްޕޫރު ހޮލިޑޭ ޕެކޭޖަކާއި ބެންކޮކް ހޮލިޑޭ ޕެކޭޖެއްވެސް ވިއްކަން ފަށައިފައެވެ. މި ދެ މަންޒިލަށް ދަތުުރުކުރާ މީހުންނަށްވެސް ޕެކޭޖުގެ ދަށުން ސްރީލަންކަން އެއާލައިންސް ގެ ދެކޮޅު ޓިކެޓާއި ހޮޓެލުގެ ހުރުން ހަމަޖައްސައިދޭނެއެވެ.

ކްރޫޒްލައިނާތަކުގައި ދަތުރުކުރާ ހިތްވާ ފަރާތްތަކަށް އިނަ މޯލްދިވްސް އިން ދޭ އޮފާ އެއްވެސް އެބައޮތެވެ. އެއީ ކޮސްޓާ ކްރޫޒްގައި 5 ރޭ ހޭދަކޮށްލުމެވެ. މި ދަތުރުގައިި މާލެ އިން އިންޑިއާގެ މުމްބާއީއަށް ދަތުުރުކުރާނެއެވެ. ޑިސެމްބަރުން ފެށިގެން މާޗު މަހާ ހަމައަށް ޚާއްސަ ދަރުތުތަކެއް އިނަ މޯލްޑިވްސް އިން ދަނީ ވިއްކަމުންނެވެ.
ފަންސަވީހަށް ވުރެ ގިނަ މަންޒިލުތަކަށް ދަތުރުތައް ވިއްކާ ޓްރިޕްވެރިންނަކީ ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ އައުޓް ބަންޑް ޓްރެވެލް އެޖެންޓެކެވެ. ޓްރިޕްވެރިން އިން ދަނީ ޔޫރަޕަށާއި އޭޝިއާގެ އެކި މަންޒިލުތަކަށް ދަތުރުތައް ވިއްކަމުންނެވެ. ވެކޭޝަންސް އެކްސްޕޯގެ ތެރެއިން ދަތުރު ބުކް ކުރާ މީހުންނަށް ޓްރިޕް ވެރިން އިންވެސް ޑިސްކައުންޓް ދޭނެއެވެ.

ދިވެހިން ބޭހަށް އެންމެ ގިނައިން މިހާރު ގޮސްއުޅޭ ބެންކޮކް ހޮސްޕިޓަލުން ވެސް ވަނީ މި އެކްސްޕޯގައި މި އަހަރުވެސް ބައިވެރިވެފައެވެ. އެކްސްޕޯގެ ތެރެއިން ޑޮކްޓަރަށް ދެއްކުމުގައި ކުރަންޖެހޭ ކަންތައް ފުރިހަމަ ކުރުމަށް އެހީތެރިވެދީ، އެ ހޮސްޕިޓަލުންދޭފަރުވާ އާއި ޑިސްކައުންޓްތަކުގެ މައުލޫމާތު ދޭނެއެވެ.

ބެންކޮކް ހޮސްޕިޓަލުގެ ސްޓޯލުގައި ހުރި އޮފިޝަލަކު ވިދާޅުވީ އެ ހޮސްޕިޓަލަށް ދާ ދިވެހިންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާއިރު ރާއްޖޭގެ އިންޝުއަރެންސް ކުންފުނިތަކުގެ ހިދުމަތް އެ ހޮސްޕިޓަލުން ދޭން ފެށޭތޯ މަސައްކަތް ފަށާފައިވާކަމަށެވެ. ބެންކޮކް ހޮސްޕިޓަލަށް ދާ ދިވެހިންނަށް ޚާއްސަ މައުލޫމާތު މާލޭގައި ހުންނަ އެ ހޮސްޕިޓަލުގެ ސާވިސް ސެންޓާ، މެޑްހޯޕް މެޑިކަލް ސެންޓަރުން ލިބޭނެއެވެ.

ތައިލެންޑްގެ ފަތުރުވެރިކަމާ ބެހޭ އިދާރާ، ޓޫރިޒަމް އޮތޯރިޓީ އޮފް ތައިލެންޑުން ވަނީ ކޯ ސްޕޮންސަރެއްގެ ގޮތުގައި މި އެކްސްޕޯގައި ބައިވެރިވެފައެވެ. އެ އިދާރާގެ ސްޓޯލުން ތައިލެންޑުގައި ފަތުރުވެރިންނަށް ޚާއްސަ މަންޒިލުތަކާއި ވިޔަފާރި ކުރުމަށް އެންމެ މަގުބޫލު ސަރަހައްދުތަކުގެ އިތުރުން ހޮސްޕިޓަލުތަކާއި ކެފޭ ރެސްޓޯރެންޓުތަކާ ގުޅޭ މައުލޫމާތުވެސް ދޭނެއެވެ.

މެލޭޝިއާގެ ޓޫރިޒަމް ބޯޑުގެ އިތުރުން ބޫޓާނުގެ ހޮޓެލްސް އެންޑް ރެސްޓޯރެންޓް އެސޯސިއޭޝަނުން ވެސް މި އެކްސްޕޯގައި ބައިވެރިވެއެވެ. މެލޭޝިއާގައި ހުރި ތައުލީމުގެ ފުރުސަތުތަަކާއި، ޓުއަރިސްޓުންގެ ގޮތުގައި ޒިޔާރަތްކުރާ މީހުންނަށް ޚާއްސަ މައުލޫމާތު މެލޭޝިއާގެ ޓޫރިޒަމް ބޯޑުގެ ސްޓޯލުން ލިބޭނެއެވެ. ބޫޓާނުގެ ސްޓޯލުންވެސް އެ ގައުމުގެ ފަތުުރުވެރިކަމާ ބެހޭ މައުލޫމާތު ހިއްސާ ކުރާނެއެވެ.

އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ޚާއްސަ ގުރުއަތެއްވެސް ނަގާނެއެވެ. ހޮނިހިރު ދުވަހުގެރޭ ނަގާ މި ގުރުއަތުން ހޮވޭ ފަރާތްތަކަށް ހައްޖު ކޯޕަރޭޝަނުންދޭ އުމްރާ ދަތުރު، އަލް މަނާސިކު ގްރޫޕުންދޭ އުމްރާ ދަތުރު، ގެސްޓް ހައުސްތަކުންދޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު، ރާއްޖެ އިން ބޭރަށް ޒިޔާރަތް ކުރުމަށް ބެންކޮކް އެއާވޭސް، ސިންގަޕޯ އެއާލައިންސް، ސްރީލަންކަން އެއާލައިންސް އަދި އެއާ އޭޝިއާ، ގަތަރު އަދި ސްކޫޓް އެއާލައިނުން ހުށަހަޅާ ޓިކެޓް، ބޫޓާން، މެލޭޝިއާ، ތައިލެންޑް އަދި ސިންގަޕޫރުގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.

މީގެ އިތުރުން ވެސް އެކްސްޕޯއަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތްތަކަށް ގިނަ އިނާމުތަކެއް ވަނީ ހުށަހަޅައިފައެެވެ. އޭގެ ތެރޭގައި ބެންކޮކް ހޮސްޕިޓަލުން ހުށަހަޅާ ޚާއްސަ ޕެކޭޖު، ޕަޑި އޯޕަން ވޯޓާ އަދި ޑައިވް ކޯސް، އަދި އެލައިޑްއިން ހުށަހަޅާ އިންޝުއަރެންސް ޕެކޭޖު ހިމެނެ އެވެ.

ހައިރައިޒުން އިންތިޒާމުކުރާ ވެކޭޝަންސް އެކްސްޕޯ ބާއްވާ މިއީ ތިން ވަނައަހަރެވެ. ހައިރައިޒުން ބުނީ މި އަހަރުގެ އެކްސްޕޯ އަށް ބޭރުގެ ފަރާތްތަކުން ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ.

މިއަންނަ ޗުއްޓީ ދުވަސްތަކާ ދިމާކޮށް އާއިލާ އާއެކު ނޫނީ ރައްޓެހިންނާއެކު ރާއްޖެއިން ބޭރަށްދާން ބޭނުންވާ ފަރާތްތަކުން އަވަހަށް ވެކޭޝަންސް އެކްސްޕޯގައި ހުރި މި ސްޓޯލުތަކަށް ޒިޔާރަތްކޮށްލާށެވެ. އެކްސްޕޯ ހުޅުވާފައި ހުންނާނީ ހުކުރުދުވަހު ހަތަރަކުން އެގާރައަށް އަދި ހޮނިހިރު ދުވަހުގެ މެންދުރު ދޭކުން އެގާރައަށެވެ.

comment ކޮމެންޓް