އަބްދުﷲ ޝިނާން
ތާރީހީ އިލްމުވެރިން ބުނެއެވެ. ތާރީހް އޭގެ ޒާތުގައި އެތަކެއް ފަހަރު ތަކުރާރުވެ އެވެ. މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ އެ މަންޒަރެވެ. ތާރީހް ތަކުރާރުވާ މަންޒަރެވެ.
ދުނިޔޭގެ ތާރީހްގައި ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހަކު ނުވަތަ ބަޔަކު އެއުފެއްދި ޕާޓީ ދޫކޮށް އެހެން ޕާޓީއެއް އުފެއްދުމަކީ އާކަމެއް ނޫނެވެ. ނުވަތަ އެހެން ޕާޓީއަކާއި ގުޅުމަކީވެސް އާކަމެއް ނޫނެވެ. ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ އިންޑިޔާގައި މިކަން ވަނީ މީގެ 42 އަހަރު ކުރިން ހިންގާފައެވެ.
އިންދިރާ ގާންދީ 1969 ވަނަ އަހަރު އެކަމަނާ ނިސްބަތްވާ ކޮންގްރެސް ޕާޓީގެ އޭރުގެ ވެރިންނާއި މައްސަލަ ޖެހުމުން ޕާޓީން ބޭރުކޮށްލެވުނެވެ. ހަމަ އެއާއި އެކު އެކަމަނާ ބޮޑުވަޒީރުކަމުން ދުރުކުރެއްވުމަށް ޕާޓީގެ ހަރުކުލައިގެ ބޭފުޅުން ޕާލިމެންޓް މެންބަރުނަށް ގޮވާލެއްވިއެވެ. ނަމަވެސް އެކަން މެންބަރުން ގަބޫލެއް ނުކުރައްވައެވެ. އެއަށްފަހު ޕާޓީ ތެރޭ ދެ ފެކްޝަނެއް އުފެދުނެވެ.
ޕާޓީގެ ގާނޫނީ ބާރު އޮތީ ޕާޓީގެ އިސްވެރިންގެ އަތުގައެވެ. އެފެކްޝަނަށް ކޮންގްރެސް "އޯ" ގެނަމުން މުހާތަބް ކުރެވުނެވެ. އިންދިރާ ގާންދީ ނިސްބަތްވާ ފެކްޝަނަށް ކޮންގްރެސް "އާރު" އޭ ކިޔުނެވެ. އަދި އާޚިރުގައި ކާމިޔާބު ހޯދީ އިންދިރާ ގާނދީ ނިސްބަތްވާ ކޮންގްރެސް "އާރު" އެވެ. ފަހުން އެފެކްޝަން ކޮންގްރެސް "އައި" ގެ ނަމަށް ބަދަލުކުރެވުނެވެ. މިހާރު އަޅުގަނޑުމެންނަށް މި ފެންނަ ކޮންގްރެސް ޕާޓީ އަކީ އިންދިރާ ގާންދީ އުފެއްދެވި ކޮންގްރެސް "އައި" އެވެ. އިންދިރާ ގާނދީ ގެ ބައްޕާފުޅު ޖަވާހިރު ލާލް ނެހެރޫ ބެލެވިފައިވަނީ މިޒަމާނުގެ ކޮންގްރެސް ޕާޓީގެ ބައްޕަ ކަމަށެވެ. އެހެންކަމުން އެކަމަނާގެ ތާއީދަކީ ބައްޕާފުޅަށް އިންޑިޔާގައި އޮތް ތާއީދުކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ.
1998 ވަނަ އަހަރު ތަކްސިން ސިނެވެޓްރާ ވެރިކަމަށް ވަޑައި ގަތުމަށްޓަކައި އަމިއްލަފުޅަށް އުފެއްދެވި ޕާޓީއަކީ "ތައި ރެކް ތައި" ކިޔާ ސިޔާސީ ޕާޓީއެކެވެ. 2001 ވަނަ އަހަރު ޖެނުއަރީ މަހު އެޕާޓީ ގެ ތެރެއިން ތަކްޝިން ބޮޑުވަޒީރުކަން ހޯއްދެވިއެވެ. އަދި 2007 ވަނަ އަހަރުގެ މެއި މަހު އެޕާޓީ އުވާލެއްވިއެވެ. އަދި އޭރުގެ ސަރުކާރުން އެޕާޓީގެ ހަރަކާތްތައް ހުއްޓުވާ މަނާކުރެއްވިއެވެ. އަދި ތަކްސިނަށް ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވުން މަނާކުރެއްވިއެވެ. އެހެންކަމުން ތަކްސިން ދުރުގައި ހުންނަވައި އެހެން ޕާޓީއެއް އުފެއްދެވިއެވެ.
ތަކްސިން ފަހަތުގައި ހުންނަވައި އުފެއްދެވި "ޕިއު ތައި ޕާޓީ" 2011 ވަނަ އަހަރު ޖެނުއަރީ މަހު ތައިލެންޑްގައި ބޭއްވުނު އިންތިހާބު އާދަޔާ ހިލާފު ބޮޑު ނަތީޖާއަކުން އެބޭފުޅާގެ ކޮއްކޯފުޅު ކުރިޔަށް ނެރުއްވައި ކާމިޔާބުކުރެއްވިއެވެ. މިހާރު ތައިލޭންޑް ގެ ބޮޑުވަޒީރަކީ ތަކްސިން ޝިނެވަޓްރާގެ އަންހެން ކޮއްކޯފުޅު ޔިންގްލަކް ޝިނެވަޓްރާއެވެ.
އެހެންކަމުން ޕާޓީ އުފައްދާ ފަރާތްތައް ޕާޓީތަކުން ވަކިވުމާއި ބޭރުކުރުމަކީ މަދުން ނަމަވެސް ތާރީހް ގައި ހިންގާފައިވާ ހަދިސާތަކެވެ.
މިކުޑަކުޑަ ރާއްޖެގައިވެސް މި މިސާލު މިދަނީ ފެންނަމުންނެވެ. މިއަދުގެ ސަރުކާރަށް ނިސްބަތްވާ އެމް.ޑީ.ޕީ އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވި އެއްބޭފުޅަކީ ގޯގޯ ލަތީފެވެ. މިއަދު އެ ޕާޓީގައި އެބޭފުޅާގެ ރޯލަކީ ކޮބާތޯއެވެ.
އެމްޑީޕީގެ ހަރަކާތްތައް ރާއްޖޭގައި ފެށި އެމަސައްކަތުގައި އެޕާޓީ އުފެއްދުމަށް މާލޭގައި ކުރެވުނު މަސައްކަތުގައި އެންމެ އިސްކޮށް ހުންނެވި އެއްބޭފުޅަކީ އޭރު މާލޭގެ މެންބަރު އިބްރާހިމް އިސްމާއިލް (އިބްރާ)އެވެ. އެބޭފުޅާ ޕާޓީ ދޫކުރައްވައި އޭރު ވަޑައިގަތީ ކީކޭވިދާޅުވެފައި ތޯއެވެ. އަދި އެ ހަނދާން ނެތޭ ހާ ދުވަހެއް ނުވޭ ދެއްތޯއެވެ.
އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ އުފައްދަވައި "އެ އޮޑި ފައްތާ ލައްވާ" އުމަރު ނަސީރު ޑިއާރުޕީއާއި ގުޅިވަޑައިގަތީވެސް ހަމަ އަޅުގަނޑުމެންގެ ކުރިމަތީއެވެ.
އަދި މިދިޔަ ހޮނިހިރު ދުވަހު އަބްދުﷲ ޔާމީން، ޕީޕަލްސް އެލައެންސް ނުވަތަ ޕީއޭގެ ލީޑަރ، މައުމޫނު އުފައްދަވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އާ ގުޅިވަޑައިގަތީ އެބޭފުޅާ އަމިއްލަ ފުޅަށް އުފެއްދެވި ޕީއޭ ދޫކުރައްވާފައެވެ.
އެހެންކަމުން މިރާއްޖޭގައި ޕާޓީ އުފައްދާ ފަރާތްތައް ނުވަތަ އުފެއްދުމުގައި އިސްކޮށް އުޅުނު ފަރާތްތައް އެހެން ޕާޓީތަކަށް ބަދަލުވުމަކީ ދުނިޔޭގެ އެހެން ގައުމުތަކާއި ހިލަފަށް އާންމު ކަމެކޭ ބުނުމުގެ ފުރުސަތު އެބައޮތެވެ. ފަހަރުގައި އެހެން އެވަނީ އަޅުގަނޑުމެން ސިޔާސީ ޕާޓީގެ ނިޒާމަށް އާވުމުން ކަމަކަށް ވެދާނެއެވެ.
ނަމަވެސް މައުމޫނު އިސްވެ ހުންނަވައި ޕާޓީއެއް އުފެއްދުން މިވީ ވަރަށް ފޯރިގަދަ ހަބަރަކަށެވެ. ވަރަށް މަޝްހޫރުވި ހަބަރަކަށެވެ. ހުރިހާ މީޑިޔާއެއްގެ ފަލަ ސުރުހީތަކުގެ ސަމާލުކަން އަތުލައިގެން ހަބަރަކަށެވެ.
މިހަބަރަށް މިހާ ބޮޑު ސަމާލުކަމެއް ލިބުނީ ކިހިނެއްތޯއެވެ.
މި ހަބަރަށް މީހާ ބޮޑު ސަމާލުކަމެއް ލިބުނީ މިކަމާއި ގުޅިގެން އުފެދޭ ސުވާލުތަކުގެ ބޮޑުކަމާއި ބިޔަ ކަމުންނެވެ. އެއީ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް ޑިއާރުޕީއަށް ދެންވާނީ ކިހިނެއްތޯ ކުރެވޭ ސުވާލެވެ. އެޕާޓީގެ ކުރިމަގާ މެދު ހުރި ވާނުވާ ނޭނގޭ ސުވާލުތަކެވެ.
މައުމޫނު އާ ޕާޓީއެއް އުފެއްދެވުމުން ޑިއާރުޕީއަށް ވާނީ ކިހިނެއް:
ޑީއާރުޕީގެ މިހާރުގެ ލީޑަރ ތަސްމީން އަލީ ގަބޫލުކުރައްވަނީ މައުމޫނު އާ ސިޔާސީ ޕާޓީއެއް އުފައްދަވައިފި ނަމަ ޑިއާރުޕީއަށް "ހީނަރު ކަމެއް" އަންނާނެކަމަށެވެ. ޑިއާރުޕީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ވިސްނުންފުޅުގައި މައުމޫނު ޕާޓީއެއް އުފައްދަވައިފިނަމަ ޑިއާރުޕީން ވަކިވެ މައުމޫނު އުފައްދަވާ ޕާޓީއާއި ގުޅޭނެ ޑިއާރުޕީ މެންބަރުންތަކެއް އުޅޭނެއެވެ.
ސިޔާސީ ދުރު ވިސްނުންތެރިންގެ ވިސްނުމަކީ ވެސް މިއެވެ. މައުމޫނު އުފައްދަވާ އާ ޕާޓީއާއި އެކު އެމަނިކުފާނު ކުރިން އުފެއްދެވި ޑިއާރުޕީ ހުލި ވެގެން ދާނެކަމަށެވެ.
ޑިއާރުޕީގެ ގިނަ މެންބަރުންނަކީ މައުމޫނަށް ވަފާތެރި ބައެއް ކަމަށް ފެންނަ މަންޒަރުތަކުން ދަނީ ސާބިތު ކޮށްދެމުންނެވެ. މީގެ ހެއްކަކީ ޑިއާރުޕީން މައުމޫނާއި ނުލައި ލިޑަރ ތަސްމީނު ބާއްވަވާ އާންމު އެއްވުންތަކެވެ. ހާޒިރުވާ މެންބަރުންގެ އަދަދު މަދުކަމެވެ. އަދި ކުރިން ފެނިގެން ދާފަދަ ރޫހެއް ވާހަކަދައްކަވަން އަރުއްވާ ބޭފުޅުންގެ ކިބައިން ފެނިގެން ނުދިއުމެވެ.
ބައެއް ބޭފުޅުން ޕޯޑިއަމް ދޮށަށް ހުއްޓި "ގާބުރި" އެއްލަންވީ ރަނގަޅު މިސްރާބު އޮޅިފައި ހުންނަ ހެން ހީވާކަހަލައެވެ. ޒައީމް މައުމޫނަށް ފާޑު ކިޔޭކަށް ނެތެވެ. ކިޔައިފިނަމަ ސިޔާސީ ގޮތުން ލިބޭނެ އެއްޗަކަށް ވުރެ ގެއްލޭނެ އެއްޗެހި ގިނަވެފައި ދައްކަން ޖެހިދާނެ އަގު ބޮޑުވެފައި ހިތިވެދާނެކަހަލައެވެ. ފާޑުވިދާޅުނުވެ ހުރެއްޖެނަމަ ޑިއާރުޕީގެ ލީޑަރޝިޕް ހާލަކުވެ އަވަދި ވެދާ ކަމަށް ހިފުޅުވާ ކަހަލައެވެ. އެވެސް މަރެވެ. މިވެސް މަރެވެ. މަލިކު ލަވާގައި ބުނާ ފަދައެވެ. "ބުނެވޭކަށް ވެސް ނެތް. ނުބުނެވޭކަށް ވެސް ނެތް. ނުބުނެ މިތާ ހުރޭވެކަށްވެސް ނެތް."
ހަގީގަތް ވަރަށް ސާފެވެ. ލީޑަރ ތަސްމީނު އަދި މަޖިލިހުގެ ރައީސް އެވިދާޅުވީ ހަމަ ތެދުފުޅެކެވެ. ޑިއާރުޕީއާށް އަސަރުތަކެއް ކުރާނެއެވެ. ހީނަރުކަމެއް އަންނާނެއެވެ. އެންމެ މުހިއްމު ސަބަބަކީ ރައީސް މައުމޫނަށް ތާއީދު ކުރާ މީހުން ގިނަކަމެވެ. އަދި ވަކީން ހާއްސަކޮށް ޑީއާރުޕީ ތެރޭ އެކަން ފޮރުވޭވަރަށް ވުރެން މާ ހާމަކަން ބޮޑެވެ.
ޒައީމް މައުމޫނު ޕާޓީއެއް ހެއްދެވުމުގެ ކުރިން ޒެޑް ޑީއާރުޕީކިޔާ ބައެއް ޑީއާރުޕީ ތެރޭ އުފެދުނެވެ. އެމީހުން ބަސްނޭހުމާއި ބޯހަރުކަން ލީޑަރ ތަސްމީނަށް ދައްކަމުން ގެންދިޔައެވެ. ތަސްމީނާއި އަދި ކައުންސިލާ ދެކޮޅަށް އެމީހުންގެ އަމިއްލަ ބެނާގެ ދަށުގައި ހަރަކާތައް ހިންގަން ފެށުނެވެ. އެބައި މީހުނަށް ގާނޫނީ އެއްވެސް ހައިސިއްޔަތެއް ލިބިގެނެއް ނުވެއެވެ. ނަމަވެސް އެމީހުންގެ ގޮވާލުމަށް އެއްވާ ޑިއާރުޕީގެ މެންބަރުން ހާހުން ގުނާލެވެއެވެ. މާބޮޑު ހޭދައެއް ނުކޮށެވެ. މާބޮޑު މަސައްކަތެއް ނުކޮށެވެ. ކައިރި ރަށް ރަށަށް ލޯންޗު ފޮނުވާކަށް ނުޖެހެއެވެ. އަތޮޅުތަކުން މެންބަރުން ގެންނާކަށް ނުޖެހެއެވެ. ހަމަ އެކަނި އެންމެ ސަބަބަކާ ހުރެއެވެ. ޒައީމް މައުމޫނުގެ ތާއީދު އޮތީ ޒެޑް ޑީއާރުޕީ ފެކްޝަނަށް ކަމަށްވާތީއެވެ. ޒައީމް މައުމޫނުގެ ސަޕޯޓު އޮތީ އުމަރާއި، އިލްހާމާއި، މަހުލޫފާއި ނިހާނާއި އަދި އެފިކުރުގެ އެހެނިހެން މެންބަރުން ކުރައްވާ މަސައްކަތް ޕުޅާއި ގުޅިފައި ކަމަށްވާތީއެވެ.
އެހެންނޫނީ ޑިއާރުޕީގެ މެންބަރުން އުމަރު ނަސީރު ގޮވާލުމުން ނުކުންނަންވީ ކީއްވެތޯ؟ އުމަރަކީ ކާކުތޯ؟ ތަސްމީނާއި އަޅުވާކިޔާއިރު ސިޔާސީ ގޮތުން އިލްހާމަކީ ކާކުތޯ؟ މަޖިލީހުގެ ރައީސް އަބްދުﷲ ޝަހިދާއި އަޅުވާ ކިޔާއިރު ސިޔާސީ ގޮތުން ނިހާނާއި އިލްހާމަކީ ކޮންބައެއްތޯ؟
ލީޑަރ ތަސްމީނާއި ގައުމީ ޕާޓީގެ ލީޑަރ ހަސަން ސައީދާ ދެބޭފުޅުން ގުޅިގެން ބާއްވަވާ އާންމު އެއްވުންތަކަށް ޑިއާރުޕީގެ އާންމު މެންބަރުންގެ ތަރުހީބު ކުޑަކަން އެކަން ބަލާލި ކޮންމެ މީހަކަށް ވެސް ފެންނާނެއެވެ. މިއީ ހަގީގަތެވެ.
މަޖިލީހުގެ ރައީސް އަދި ޑީއާރުޕީގެ ކައުންސިލްގެ މެންބަރުގެ ސިޔާސީ ހިކުމަތްތެރި ވިސްނުން ފުޅުގެ މައްޗަށް ބިނާކުރައްވާ މުޅި ރާއްޖެ "ސިއްސުވާލާނެ" ވަރުގެ ހަބަރެއް ދެއްވާނެ ކަމަށް އިއުލާން ކުރެއްވި ބައްދަލުވުމަށް ޑީއާރުޕީގެ އާންމު މެންބަރުން ދިނީ ބީރު ފިނި ޖަވާބެކެވެ. އެ އެއްވުމަށް ހާޒިރުވި އާންމު މެންބަރުންގެ އަދަދު 600 އަށް ވުރެ އިތުރު ނުވާނެއެވެ.
އެއާއި ހިލާފަށް ޒެޑް ޑީއާރުޕީން ބާއްވަމުން ގެންދިޔަ ސިލްސިލާ ޖަލްސާތަކަށް ދާ މީހުންގެ އަދަދު އިތުރުވަމުން ދިޔަތަން ފެނެއެވެ. އަދި ވަކީން ހާއްސަކޮށް ޒައީމް މައުމޫނު ބައިވެރިވެވަޑައި ގަންނަވާނެކަމަށް އިއުލާން ކުރައްވާ ޖަލްސާތަކަށް ދާމީހުންނާއި ބައިވެރިވާ މީހުންގެ އަދަދު މާ ބޮޑުތަން ވެސް އިތުރު ކަމަށް ފާހަގަކުރެވެއެވެ. އެފަދަ ބައެއް އާންމު އެއްވުންތަކަށް ހާޒިރުވާ މީހުންގެ އަދަދު ރެއަކަށް 2500 އާއި 3000 އަށް އަރާނެ އެވެ. އެހެންކަމުން މައުމޫނަށް ޑީއާރުޕީ ތެރޭ އޮތް ތާއީދަކީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފެންނާން އޮތް އެއްޗެކެވެ.
ސުވާލަކީ މައުމޫނު އަލަށް އުފައްދާ ޕާޓީ އަށް އެތާއިދު އޮތް ދިމާތައް ފާހަގަކޮށް އެމެންބަރުންނާއި ހަމައަށް ދެވޭނެތޯއެވެ. އެއީ ބުރަ މަސައްކަތެކެވެ. ބަރު މަސައްކަތެކެވެ. އެތަކެއް ގުރުބާނީ ތަކެކެވެ. އެތަކެއް ވަގުތުތަކެއް ހޭދަވާނެކަމެކެވެ.
އެމެންބަރުން ފާހަގަކުރެވި އެ މެންބަރުންނާއި ހަމައަށް ދެވިއްޖެނަމަ ޝައްކެއް ނެތް ގޮތުގައި މައުމޫނު އިސްވެ ހުންނަވާ އުފައްދަވާ ޕާޓީ ވެގެންދާނީ ޑީއާރުޕީގެ ޖަނާޒާއަށެވެ. މައުމޫނު އިސްވެ ހުންނަވާ އުފައްދަވާ ޕާޓީ ލީޑަރ ތަސްމީނާއި މަޖިލީހުގެ ރައީސް ޝަހިދު ނިސްބަތްވާ ޑިއާރުޕީ ސިޔާސީ ކަނޑުގެ ތެރެއަށް އަރަގު ވެގެންދާނެއެވެ.
ދެން އޮތީ މަޖިލިހުގެ މެންބަރުންގެ ސުވާލެވެ. ތެދުފުޅެކެވެ. މަޖިލިހުގެ މެންބަރުންގެ ތެރެއިން ޑިއާރުޕީއަށް ނިސްބަތްވާ 7 މެންބަރުން މައުމޫނު އަލަށް ހައްދަވާ ޕާޓިއާއި ގުޅިވަޑައިގެން ފިކަމަށް މީޑިޔާގެ ހަބަރުތައް ބުނެއެވެ. ސުވާލަކީ ދެން ތިބި މެންބަރުން ހައްދަވާނީ ކިހިނެއް ހެއްޔެވެ.
ޑިއާރުޕީގައި އެތިއްބެވި ގިނަ މެންބަރުންނަކީ ސިޔާސީ ވަރަށް ހަރު ބޭފުޅުންނެވެ. އެހެންކަމުން އެބޭފުޅުން ވަރަށް ރަނގަޅު ކަލްކިއުލޭޝަނެއް ހަދާނެކަމަށް ފެނެއެވެ. ތަސްމީނު ދޫކުރައްވާނީ ދެންގޮތެއް ނެތުނީމައެވެ. އެކަމަކު ބުއްދިވެރިން އެއަށް ވުރެ ތަންކޮޅެއް ކުރިން ކުރިޔަށް ޖެހިލާނެއެވެ. ރަނގަޅު ވަގުތާއި ރަނގަޅު ދަންޑިވަޅަށް ބައްލަވާނެއެވެ. އަދި އެބައި މީހުންގެ ސިޔާސީ ކެރިއަރ ކުރިޔަށް ގެންދިއުމަށް އެދޭ ފަރާތްތަކުން އެބައި މީހުންގެ ސިކުނޑި ގާނާ ހާނުވަން ފަށާނެއެވެ.
ފެންނަ ފެނުމަށް ބަލާއިރު ޑީއާރުޕީގައި ތިބި މަޖިލިހުގެ މެންބަރުންގެ ސިކުނޑީގައި ދެކަމެއް އޮންނާނެއެވެ. ފުރަތަމަ ކަމަކީ އެމެންބަރުން އެތިއްބަވާ ގޮނޑި ދެން އެބެފުޅުންނަށް ހޯއްދަވައި ދެއްވޭނީ ކޮން ބޭފުޅަކަށް ތޯއެވެ. މިއީ ތަންކޮޅެއް ޒުވާން އަދި ސިޔާސި ގޮތުން ކުރިޔަށް ދިއުމަށް ވިސްނަވާ މެންބަރުންގެ އެންމެ ބޮޑު ސުވާލެވެ.
ދެވަނައަށް އޮތީ ޑިއާރުޕީގައި މިހާރު ތިއްބެވި ތަންކޮޅެއް ހަރު އަދި ދުވަސްވީ މެންބަރުންގެ ވިސްނުންފުޅެވެ. އެއީ އެބައި މީހުނަށް ސިޔާސީ މައިދާނުގައި ވާވަރަށް އުޅެވިއްޖެކަމަށް ނިންމަވައި މިދައުރު ނިމުމުން ދެން މަޖިލިހުގެ ގޮނޑިއަށް ވިސްނާ ވަޑައި ނުގަންނަވާ ބޭފުޅުންނެވެ. އެބޭފުޅުން މައުމޫނު އުފައްދަވާ ޕާޓީއަށް ނުދާން ނިންމަވާނީ ތަސްމީނަށް ތާއީދު ކުރައްވާތީއެއްނޫންކަމަށް ގަބޫލު ކުރެވެއެވެ. އެކަމަކު މިވަގުތު ލިބޭ އެއްޗެއް ލިބި ގަނެ ދެން ސިޔާސީ އިންތިހާބީ އިންތިހާބެއްގައި ވާދަކުރުމުގެ ވިސްނުމެއް ނުގެން ގުޅޭތީކަމަށް ފެނެއެވެ. އަދި އެބޭފުޅުންނަށް މިހާރުގެ ސަރުކާރުގެ ތެރެއިން ހުށަހެޅުމެއް އައިސްފި ނަމަ އެކަން ގަބޫލުކުރައްވައި އެދިމާލަށް ދިއުމަށް މައުމޫނާއި މައުމޫނު އުފައްދަވާ ޕާޓީއަކީ ވަރަށް ރަނގަޅު އުޒުރެއްކަމަށް ރައްޔިތުންނަށް ދެއްކުމަކީ ފަސޭހަކަމަކަށް ވާނެތިއެވެ.
ބުނެވޭ ގޮތުގައި ނުވަތަ ތުހުމަތު ކުރެވޭ ގޮތުގައި މަޖިލިހުގެ މެންބަރުނަށް ސަރުކާރުން ވަރަށް ދީލަތި ހުށަހެޅުންތައް ހުށަހަޅަ އެވެ. އޭގެތެރޭ މިލިޔަނުން ގުނާލެވޭ ފައިސާގެ އަދަދުތަކާއި އަދި ރާއްޖޭގެ އެކި ހިސާބުން ރިސޯޓު ހަދަން ރަށްތަކާއި މާލެއާއި ހުޅުމާލެއިން ގޯތި ގެދޮރު ހިމެނެއެވެ. އެހެންކަމުން ސިޔާސީ ހަޔާތުން ރިޓަޔަރ ކުރައްވަން ވިސްނުންފުޅު ގެންގުޅުއްވާ ޑީއާރުޕީތެރޭ ހިމެނިވަޑައިގަންނަވާ ހަރު ބޭފުޅުން މައުމޫނު އަލަށް އުފައްދަވާ ޕާޓީ އާއި ގުޅެންވީ ސަބަބެއް ނެތެވެ. އަދި ތަސްމީނާއި އެކު "އިހްލާސްތެރި" ކަމުގެ މެޑަލް ފިޔަވައި އެހެން އެއްޗެއް ލިބޭނެ ކަމުގެ އުންމީދުގައި ހުންނާންވީ ސަބަބެއް ވެސް ނުފެނެއެވެ.
މަޖިލިސް ބައެއް މެންބަރުން މި ފެންނަނީ ދުނިޔެ މިލްކުކުރުމާއި ބައްކުރުމުގައި ފޫގަޅާ އުޅޭ "ދަހިވެތި" ބައެއްގެ ގޮތުގައެވެ. އެހެންކަމުން ޑިއާރުޕީތެރޭ އުޅުއްވާ ހަރުކުލައިގެ ރިޓަޔަރ ކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާ އެއްވެސް ބޭފުޅަކު މައުމޫނު އުފައްދަވާ ޕާޓީއަކަށް ނުވަތަ ތަސްމީނު އަރިހުގައި މަޑު ކުރައްވާނެކަމަކަށް ނުފެނެ އެވެ. އެކަމަކު އެބޭފުޅުން ބުޅާ މަސްގަނޑަށް ބަލާހެން ބަލަމުން ގެންދަވާނީ ސަރުކާރު ހިންގާ ޕާޓީގެ "ދީލަތި" ހުށަހެޅުމަކަށް ކަމަށް ބެލެވެއެވެ.
ކޮންމެ ގޮތެއް ދިމާވިޔަސް ޑީއާރުޕީ ކަނޑުވީއެވެ.