ރަނގަޅު ދިރިއުޅުމެއް ހޯދުމުގެ ނިޔަތުގައި އެމެރިކާއަށް ކޮންމެ ދުވަހަކު ވެސް އުތުރު އެމެރިކާގެ އެތައް ހާސް ބަޔަކު ވަގަށް އެތެރެވެ އެވެ. އެމެރިކާއާ އިންވެގެން އޮންނަ މެކްސިކޯއަކީ އެމެރިކާއަށް ވަގަށް ވަނުމަށް ޓަކައި އެންމެ އާންމުކޮށް ބޭނުން ކުރާ ސަރަހައްދެވެ.
ދާދި ފަހުން އެމެރިކާގެ ސަރުކާރުން އެގައުމަށް ގަވާއިދާ ހިލާފަށް އެތެރެވާ ހިޖުރަވެރިންނާއި އެމީހުންގެ ދަރިން ވަކި ކުރުމަށް އެމެރިކާ އިން އަމަލުކުރަން ފެށި ސިޔާސަތަށް ވަނީ ވަރަށް ބޮޑު ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. އެ ސިޔާސަތުތަކުތަކަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ކޮންމެވެސް ވަރެއްގެ ލުޔެއް އެމެރިކާ އިން ވަނީ ދީފަ އެވެ.
އެމެރިކާ އާއި މެކްސިކޯއާ ދެމެދު އިންވެގެން އޮންނަ މެކްސިކޯގެ ސަރަހައްދެއް ކަމަށްވާ ނެގޮލޭސް އަކީ އެގޮތުން ހިޖުރަވެރިން އާންމުކޮށް އެމެރިކާއަށް ވަނުމަށް ބޭނުންކުރާ ސަރަހައްދެކެވެ. ބައެއް މީހުން އެ ސަރަހައްދުން އެމެރިކާއަށް ވަގަށް ވަންނަ އިރު އަނެއް ބަޔަކު އެމެރިކާއަށް ވަންނަނީ އެގައުމުން ހިމާޔަތް ''އެސައިލަމް'' ހޯދައިގެންނެެވެ.
އުމުރުން 57 އަހަރުގެ ފްރޭންކިސްކޯ ޕަންޗީޓޯ އޮލަޗިއާ އަކީ އެ ސަރައްދަަށް ޖަމާވާ ހިޖުރަވެރިންގެ ހިދުމަތުގައި ރެއާއި ދުވާލު މަސައްކަތް ކުރާ ނަރުހެކެވެެ.
''އަހަރެން މިއައީ ތިބާ އާއި ތިބާގެ ދަރިންގެ ހާލު ރަނގަޅުތޯ ބަލުމަށް.'' އެ ހިސާބުގައި އިށީނދެލައިގެން އިން ހިޖުރަވެރިއެއް ކަމަށްވާ ލައުދޭސް ގޮންޒާލެޒް ކައިރިން ޕަންޗީޓޯ އެހިއެވެ.
މެކްސިކާގެ ސްޓޭޓްއެއް ކަމަށްވާ ގުއެރެރީއޯގައި ހިނގަމުންދާ ލޭ އޮހޮރުވުންތަކުން ސަލާމަތްވުމުމުގެ ގޮތުން އެމެރިކާއަށް އެތެރެވުމަށް އައިސް ހުރި އެކަކީ ގޮންޒާލެޒް އެވެ.
''އަހަރެންނަށް މަޖުބޫރުވީ ގެދޮރު ދޫކޮށްދާން. ބަޔަކު މީހުން އަހަންނަަށް އިންޒާރުގެ މެސެޖްތައް ފޮނުވަން ފެށީ. އަހަރެންނަށް މަޖުބޫރުކުރީ ފައިސާ ދޭން. ފައިސާ ނުދީފި ނަމަ އަހަރެން މަރާލާނެ ކަމަށް އެމީހުން ބުނި. އަހަރެންގެ ކުދިންނަށް ޓަކައި އަހަރެން އެތަން ދޫކޮށް މިދިޔައީ." ގޮންޒާލެލް ކިޔައިދިނެެވެ.
ގޮންޒާލެޒް ބުނީ އޭނާއަށް އިންޒާރު ދިން މީހުންގެ ކިބައިން ސަލާމަތް ވުމަށް ފުލުހުންނަށް ވެސް މައްސަލަ ހުށަހެޅި ކަމަށެވެ. ނަމަވެސް އޭގެން އެއްވެސް ނަތީޖާއެއް ނުނިކުތެވެ.
ގޮންޒާލެޒްއަކީ އެކަނިވެރި މަންމައެކެވެ. އާމްދަނީ ހޯދުމުން ގެންދިޔައީ ހެދުން ވިއްކައިގެންނެވެ. އެެމެރިކާ އިން ހިމާޔަތް ހޯދަން ބޭނުންވެފައި ހުރި ގޮންޒާލެޒް ބޯޑަރު ކައިރީ ހޭދަކުރަން ޖެހޭނީ ކިހާ ދުވަހެއް ކަަމެއް ވެސް ނޭނގެ އެވެ. ''އެސައިލަމް" އަށް އެދޭމީހުންގެ އެޕްލިކޭޝަންތައް ޕްރޮސެސްކުރުމަށް އެތަކެއް ހަފުތާއެއް ނަގަ އެވެ.
ގޮންޒާލެޒްގެ ލޭގެ ޕްރެޝަރު ބަލައި އޭނާގެ ގައިގައި އެއްވެސް ބައްޔެއް ހުރިތޯ ޕަންޗީޓޯ ބެލި އެވެ. ނަސީބަކުން ގޮންޒާލެޒްގެ އެއްވެސް މައްސަލައެއް ނެތެވެ.
ގޮންޒާލެޒް ފަދައިން ޕަންޗީޓޯ އަކީވެސް އެއްޒަމާނެއްގައި އެމެރިކާއަށް އެތެރެވި ހިޖުރަވެރިއެކެވެ. ނަމަވެސް އޭނާ އެމެރިކާއަށް އެތެރެވީ ވިސާއެއްގަ އެވެ. ވިސާގެ މުއްދަތު ހަމަވިއިރު ވެސް ޕަންޗީޓޯ އެމެރިކާގައި މަޑުކުރި އެވެ. އޭނާ އެމެރިކާގައި އެގޮތަށް ވަގަށް 30 އަހަރު އުޅުނެވެ.
ގަވައިދާ ހިލާފަށް އެމެރިކާގައި އެގޮތަށް އުޅެ ރިޓަޔާ ވާން ކައިރިވެފައި ވަނިކޮށް ޕަންޗީޓޯގެ ހުރިހާ ކަމެއް ފަޅާއެރި އެވެ. ރާ ބޮއެގެން ހުރެ ކާރު ދުއްވި މައްސަލާގައި ފުލުހުން ޕަންޗީޓޯ އަތުލައިގަތުމުން އޭނާގެ ހުރިހާ ސިއްރެއް ބޭޒާރުވެގެން ދިޔަ އެވެ. އެ ހިސާބުން އޭނާ އެމެރިކާއިން ޑީޕޯޓްކޮށްލީ އެވެ.
އެެމެރިކާއިން ޑީޕޯޓްކޮށްލުމަށް ފަހު ގޮންޒާލެޒް އަޒުމް ކަނޑައެޅި އޭނާ ފަދަ ހިޖުރަވެރިންނަށް އެހީވުމަށެވެ. ހަޔާތުގެ ބާކީއޮތް ބައި އޭނާ ހޭދަކުރަން ބޭނުންވީ އެގޮތަށް މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގަ އެވެ.
''މިއީ އަހަރެންގެ ދީނުގައި ވެސް އަންގަވާފައިވާ ގޮތަކީ.'' ޕަންޗީޓޯ ބުންޏެވެ.
މެކްސިކޯގެ ނޮގަލޭސްގައި ނަރުސްކަމުން ޑިގްރީ ހާސިލްކުރުމަށް ފަހު ޕަންޗީޓޯ މަސައްކަތް ކުރަމުންދިޔައީ ބޭނުން ޖެހިފައިވާ މިހުންނަށް ސިއްހީ އެކިއެކި ތަކެތި ފޯރުކޮށްދިނުމަށް ޓަކަ އެވެ. އެ މަސައްކަތް އޭނާ އޭރު ކުރަމުން ގެންދިޔައީ ފައިމަގުގަ އެވެ.
ނަމަވެސް 2013 ވަނަ އަހަރު ބާ ވޭނެއް ގަނެ ޕަންޗީޓޯ މަސައްކަތް އިތުރުކުރި އެވެ. އިމަޖެންސީ ހާލަތްތަކުގައި ރެފިއުޖީން ހޮސްޕިޓަލަށް ގެންގޮސްދީ ހަދަމުން ޕަންޗީޓޯ ދިޔައެވެ.
ހިޖުރަވެރިންނަށް އެހީތެރިވެދިނުމަކީ އެހާ ފަަސޭހަ ކަމެއް ނޫނެވެ. ހުދު އޭނާގެ އަމިއްލަ ޖީބުން ވެސް އެކަމަށް އެތަކެއް ހޭދަތަކެއް ކުރަން ޖެހެއެވެ. އެ ކަމަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން ޕަންޗީޓޯ ހަފްތާއަކު ދެ ދުވަހު ޕޮލިސް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ވެސް ކުރެ އެވެ. އެއަށް ފަހު އޭނާގެ ހުރިހާ ވަގުތެއް ހޭދަކުރަނީ ހިޖުރަވެރިންގެ ހިދުމަތުގަ އެވެ.
ޕަންޗީޓޯ އަކީ ގިނަ ހިޖުރަވެރިންނަށް ހުރި ނަސީބެކެވެ. އޭނާ ނެތް ނަަމަ ގިނަ ހިޖުރަވެރިންނަށް އެމީހުންގެ އުނދަގޫ ދަތި ދަތުރު ވާނީ ބޮޑު މުސީބާތަކަށެވެ.
ޕަންޗީޓޯ ވަނީ މިދާކަށް ދުވަހަކު ވެސް ހިޖުރަވެރިންގެ ތެރޭގައި ހިމެނޭ މާބަނޑު އަންހެނަކު ހޮސްޕިޓަލަށް ގެންގޮސްދީފަ އެވެ.
ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރުކޮޅެއް ތެރޭ ޑޮަކްޓަރު ޕަންޗީޓޯ އަށް ގުޅައިފައި އަންހެން މީހާ ވިހޭވާހަކަ ބުނުމުން ޕަންޗީޓޯއަށް ހިތްހަމަ ޖެހުމުގެ ނޭވާއެއް ލެވުނެވެ.
''އަހަރެންނަށް ދެވުނީ ހަމަ ގަޑިއަށް. އެހެން ނޫނީ އޭނާ ވިއްސަން ޖެހޭނީ އޭނާ ހުރި ތަނުގައި. ބަހުން ހަމަ ފޭބިތަނާ ހެން އޭނާގެ ބަނޑުގައި ރިއްސަން ފަށައިފި." ޕަންޗީޓޯ ބުންޏެވެ.
ހިޖުރަވެރިން އެމެރިކާއަށް އެތެރެވުމަށް ބޭނުންކުރާ ނޮގަލޭސްއަކީ އެހާމެ ބިރުވެރި ވެސް ތަނެކެވެ. ހާއްސަކޮށް އެ ސަރަހައްދުގައި ދަންނަ އެއްވެސް ބަޔަކު ނޫޅޭ ނަމަ ހިޖުރަވެރިންނަށް ފޭރުމުގެ ބިރާ ވެސް އަބަދުހެން ކުރިމަތިލާން ޖެހެ އެވެ.
ހިޖުރަވެރިންގެ ވާހަކަތަކަކީ ޕަންޗީޓޯ އަށް ވެސް ވަރަށް އަސަރުކުރުވާ ވާހަކަތަކެކެވެ. ޕަންޗީޓޯގެ އާއިލާ މިހާރު ވެސް ދިރިއުޅެމުން ދަނީ އެމެރިކާގަ އެވެ. އެެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް ވަޑައިގަތްފަހުން ހިޖުރަވެރިންނާ ދެކޮޅަށް އެކުލަވާލައިފައިވާ ހަރުކަށި ސިޔާސަތުގެ ދަށުން ދުވަހަކު ވެސް ދެން އެމެރިކާއަށް އެތެރެނުވެވޭނެ ކަން ޕަންޗީޓޯ އެނގެ އެވެ. އޭނާ މިހާރު މެކްސިކޯގައި އުޅެމުންދަނީ އެކަންޏެވެ. އެހެންކަމުން ހިޖުރަވެރިންނަކީ އޭނާގެ ހަޔާތާ މިހާރު އެންމެ ބޮޑަށް ގުޅިފައިވާ މީހުންނެވެ.