"ނިރު އެކްސެލެރޭޓާ": އީޖާދީ ދިވެހި އުފެއްދުންތައް ކުރިއަށްދާން އޮތް މަގު

"ނިރު އެކްސެލެރޭޓާ" ގެ ނަމުގައި އުރީދޫ އިން ރާއްޖޭގެ ފުރަތަމަ އެކްސެލެރޭޓާ ޕްރޮގްރާމު ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އީޖާދީ ދިވެހި އުފެއްދުންތަކަށް ރާޢްޖެއިންނާއި ބައިނަލްއަޤްވާމީ މާކެޓުގައި ކުރިއެރުމުގެ ފުރުސަތުތައް ހޯދައިދިނުމަށް "ނިރު އެކްސެލެރޭޓާ" ގެ ނަމުގައި އުރީދޫ އިން ރާއްޖޭގެ ފުރަތަމަ އެކްސެލެރޭޓާ ޕްރޮގްރާމު ތައާރަފު ކޮށްފިއެވެ.

މި ޕްރޮގްރާމު އިފްތިތާހުކޮށްދެއްވީ ސޯލްޓް ރެސްޓޯރެންޓުގައި މިއަދު ބޭއްވި ހަފްލާއެއްގައި ޔޫތް މިނިސްޓަރު އިރުތިޝާމު އާދަމް އާއި ޔޫއެންޑީޕީ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޝޯކޯނޮޑާ ގެ އިތުރުން އުރީދޫގެ ސީއީއޯ ނަޖީބް ޚާން އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫގެެ ސީއީއޯ ނަޖީބު ވިދާޅުވީ އުރީދޫގެ ތަސައްވަރަކީ ޓެކްނޮލޮޖީ މެދުވެރިކޮށް ދިވެހިރައްޔިތުންގެ ދުރިއުޅުމަށް ކުރިއެރުން ގެނެސްދިނުން ކަމަށެވެ.

"ނިރު އެކްސެލެރޭޓާ" ގެ ނަމުގައި އުރީދޫ އިން ރާއްޖޭގެ ފުރަތަމަ އެކްސެލެރޭޓާ ޕްރޮގްރާމު ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް، ވިޔަފާރިކުރާ ގޮތްތަކާއި ޚިދުމަތްދޭ ގޮތްތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްދީފައި. އެންމެ އެކަހެރި ހިސާބުތަކުންވެސް، ދުނިޔޭގެ ޑިޖިޓަލް މާކެޓުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލެވިދާނެ. އުރީދޫގެ ނިރު އެކްސެލެރޭޓަރ މެދުވެރިކޮށް ކޮށްދޭ ކަމަކީ މިއީ. ކޮންމެ އަހަރަކު އެއް ފަހަރު، އަލަށް ފަށައިގަންނަ އަދި ކުރިއަރަމުންދާ ދިވެހި ވިޔަފާރިތައް މި ޕްރޮގްރާމަށް ގެނެސް، މުޖުތަމައު އަށް ފައިދާވާނެ ޑިޖިޓަލް ސޮލިއުޝަންތަކެއް ބިނާކޮށް، ކުރިއެރުވުމަށް އުރީދޫ އިން އެހީތެރިކަން ފޯރުކޮށްދޭނެ. މި ޕްރޮގްރާމްގައި ބައިވެރިވާން ކުދި އަދި އަރަމުން އަންނަ ދިވެހި ވިޔަފާރިތަކަށް އަޅުގަނޑު މަރުޙަބާ ކިޔަން." އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވިއެވެ.

ނަޖީބް ވިދާޅުވީ ދިވެހި މުޖުތަމައުއަށް ފައިދާކުރާނެ ގޮތަކަށް އެކްސެލެރޭޓަރ ޕްރޮގްރާމް ހިންގާނެ ކަމަށެވެ މިގޮތުން މުޖުތަމައުގައި އެއްބައިވަންތަކަން އިތުރު ކުރުން، އާންމު ޙާލަތަށް ވުރެ ދަތިކަން ދިމާވެފައިވާ ފަރާތްތަކާއި އެހީތެރިވުން، އަދި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އިސްކަންދޭނެ ކަމަށް ނަޖީބް ވިދާޅުވިއެވެ.

މިއަހަރުގެ ޕްރޮގްރާމް ޚާއްސަކުރެވިފައިވާ ތީމްތަކުގެ ތެރޭގައި ހިމެނެނީ 'ގުޅިފައިވާ މުޖުތަމައު'، 'ގުޅިފައިވާ ސިޓީ'، 'މާލީ ޚިދުމަތްތައް' އަދި 'ސްމާރޓް ޚިދުމަތްތައް' އެވެ.

"ނިރު އެކްސެލެރޭޓާ" ގެ ނަމުގައި އުރީދޫ އިން ރާއްޖޭގެ ފުރަތަމަ އެކްސެލެރޭޓާ ޕްރޮގްރާމު ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނިރު އަކީ، ބޭނުންވާ ރިސޯސްތަކާއި ތަޖުރިބާކާރު މެންޓަރުންގެ އެހީގައި، ދެމެހެއްޓެނިވި ގޮތެއްގައި ކާމިޔާބު ވިޔަފާރިއެއް ފަށައިގަތުމަށް އޮތް ޕްލެޓްފޯމެކެވެ. މިގޮތުން، އެކްސެލެރޭޓަރ އަށް ހޮވާލެވޭ ޓީމް ތަކަށް ސީޑް ފަންޑިންގް، 12 ހަފްތާގެ އިންޓެންސިވް މެންޓަރޝިޕް ޕްރޮގްރާމެއް، މަސައްކަތް ކުރާނެ ކޯ-ވަރކިންގ ސްޕޭސް، ވިޔަފާރި ބިނާކުރުމަށް ޑިޖިޓަލް ޓޫލްތައް އަދި އެކްސްޕަރޓުންގެ ފަރާތުން ޓެކްނިކަލް ސަޕޯޓު ފޯރުކޮށްދެވޭނެއެވެ. ހަމައެއާއި އެކު ޓްރެއިނިގް ޕްރޮގްރާމް ނިމުމަކަށް އައުމުން، އިތުރު އިންވެސްޓްމަންޓް ފުރުސަތުތަކަށް ޕިޗްކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. އަދި، ނިރު އެކްސެލެރޭޓަރ ފުރިހަމަކުރުމަށް ފަހުވެސް، ދިގުމުއްދަތަށް ދެމިގެންދާނެ މުހިންމު ފައިދާތަކާއި ޕާޓްނަރޝިޕް ފުރުސަތުތައް ބައިވެރިންނަށް ލިބިގެންދާނެއެވެ.

ނިރު އެކްސެލޭޓަރގައި ބައިވެރިވުމުގެ ފުރަތަމަ ފިޔަވައްސަކީ، ކުރިއަށްއޮތް އަންނަ މަހު ބާއްވާ ހެކަތޮން އެވެ. ހެކަތޮން މެދުވެރިކޮށް ބައިވެރިންނަށް ޚިޔާލު ފަރުމާކުރުމަށާއި، ވިޔަފާރީގެ ބިންގާތަކާއި، ބޭސިކް ޕްރޮޓޯޓައިޕް އެއް ބިނާކުރާނެ ޑިޖިޓަލް ޓޫލްތައް ފޯރުކޮށްދެވޭނެއެވެ. އަދި ހެކަތޯންގައި ހުށައެޅޭ ކޮންސެޕްޓު ތަކުގެ ތެރެއިން ހޮވާލެވޭ އެންމެ ރަނގަޅު ޚިޔާލުތައް، އެކްސެލެރޭޓަރގައި ބައިވެރިކުރެވޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.

"ނިރު އެކްސެލެރޭޓާ" ގެ ނަމުގައި އުރީދޫ އިން ރާއްޖޭގެ ފުރަތަމަ އެކްސެލެރޭޓާ ޕްރޮގްރާމު ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މުޖުތަމައު އަށް ފައިދާކުރާނެ، އީޖާދީ ޚިޔާލަކާއި އެކު ކޮންމެ މީހަކަށްވެސް ނިރު އެކްސެލެރޭޓަރ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މިގޮތުން، މި ޚިޔާލުތަކަކީ ތިރީގައި ވަކި ޝަރުތުތަކެއް ފުރިހަމަ ވެފައިވާ ހިޔާލަކަށް ވާންޖެހޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.

  • ނިރު އެކެސެލްރޭޓަރގެ ހަތަރު އިޖްތިމާއީ ޝިޢާރުތަކުން، މަދުވެގެން އެއް ޝިޔާރަކާއި ގުޅުންހުރުން.
  • ބައިނަލްއަގްވާމީ މާކެޓުގައި ބޭނުންކުރެވޭފަދަ ކޮންސެޕްޓަކަށްވުން
    ޓެކްނޮލޮޖީ އަދި އިންޓަނެޓް މެދުވެރިކޮށް، ޑިސްޓްރިބިއުޓް ކުރެވޭ ޚިދުމަތަކަށްވުން.
  • ކެޕިޓަލް އެފިޝަންޓް ވުމާއި އެކު، ލިބިގެންދާ ސީޑް ފަންޑިންގ މެދުވެރިކޮށް ޕްރޮޓޯޓައިޕެއް ބިނާކުރެވޭނެ ޕްރޮޑަކްޓަކަށް ވުން.
  • ޓީމުގައި ބިޒްނަސް، ޓެކްނޮލޮޖީ އަދި ޑިޒައިން އަށް އަހުލުވެރި މީހުން ތިބުން އެކްސެލެރޭޓަރގައި ބައިވެރިވާ ޓީމުގެ އިސްކޮށް މަސައްކަތް ކުރާ މީހުންނަކީ، 12 ހަފްތާގެ އެކްސެލެރޭޝަން ވަރކްޝޮޕްގައި ފުލްޓައިމްކޮށް ބައިވެރިވެވޭނެ މީހުންނަށް ވުން.
comment ކޮމެންޓް