މިއަދު ފާހަގަކުރަމުންދާ އިންޓަނޭޝަނަލް ޕްލާސްޓިކް ބޭގް ފްރީޑޭ އާ ގުޅިގެން ހޮޓެލް ޖެންއިން ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން އެއްކޮށް ހުއްޓާލުމަށް ނިންމައިފިއެވެ.
އިންޓަނޭޝަނަލް ޕްލާސްޓިކް ޑޭގެ ގޮތުގައި ބައިނަލްއަގުވާމީ ގޮތުން ކޮންމެ އަހަރަކުވެސް ފާހަގަ ކުރަނީ ޖުލައި މަހުގެ ތިން ވަނަ ދުވަހެވެ.
މިއަދު ހަވީރު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި އެ ހޮޓެލްގެ މުވައްޒަފުން ވަނީ ޕްލާސްޓިކް އެކުލެވޭ ތަކެތި ބޭނުންކުރުން ހުއްޓާލުމަަށް ވައުދެއްވެސް ވެފައެވެ.
މިއަދު ވެވުނު ވައުދުގެ ދަށުން އެ ހޮޓެލްގެ މުވައްޒަފުން އެމީހުންގެ ދިރިއުޅުމުގައި ޕްލާސްޓިކް އެކުލެވޭ ތަކެތި ބޭނުންކުރުމުން ދުރައްދާން މަސައްކަތް ކުރާނެ ކަމަށް ހޮޓެލް ޖެން އިން ބުންޏެވެ.
މިއަދުގެ ރަސްމިއްޔާތުގައި ހޮޓެލް ޖެންގެ މާކެޓިން އެންޑް ކޮމިޔުނިކޭޝަންސް މެނޭޖަރު ނީނާ މުހައްމަދު ވިދާޅުވީ މިއަދު ވެވުނު ވައުދަކީ އެ ހޮޓަލުން ޕްލާސްޓިކާ ދުރަށް ދިޔުމަށް އެޅި ފުރަތަމަ ފިޔަވަޅު ކަމަށެވެ. އެގޮތުން އެ ހޮޓަލުން ޕްލާސްޓިކް ބޭގް ބޭނުންކުރުން މިހާރު ހުއްޓާލައިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އިތުުރު އިނީޝިއޭޓިވްސް އަޅުގަނޑުމެން މިހާރު މިދަނީ ނަގަމުން. ކުރިއަށް އޮތް ތަނުގައި ޕްލާސްޓިކް ހިމެނޭ އެހެން އެއްޗެތިވެސް، ޕްލާސްޓިކް ކަޕްއާ ވެސް އަޅުގަނޑުމެން ދުރުވަން. މިއެއްޗެތިވެސް ޕޭޕާ ބޭސްޑަށް ބަދަލުކޮށް. ކުރިއަށް އޮތްތާ ނަގަން އެބައޮތް އޮތް އަދި ބައިވަރު އިނީޝިއޭޓިވްސް. މިއީ ފުރަތަމަ ސްޓެޕް އަޅުގަނޑުމެން ނަގާ،'' ނީނާ ވިދާޅުވިއެވެ.
ހޮޓެލް ޖެން އިން މިހާރުވެސް ދަނ ޕްލާސްޓިކް ރިސައިކަލްކުރުމަށް މަސައްކަތްކުރާ ޖަމްއިއްޔާއެއް ކަމަށްވާ ޕާލޭއާއެކީ މަސައްކަތް ކުރަމުންނެވެެ. އެގޮތުން ޕްލާސްޓިކް ރިސައިކަލް ކުރުމުގެ ގޮތުން އެ ހޮޓަލުން މިދިޔަ އަހަރު މެދުތެރިން ފެށިގެން އަހަރު ނިމުނުއިރު 387 ކިލޯގެ ޕްލާސްޓިކް ހިމެނޭ ތަކެތި ރިސައިކަލް ކުރުމަށް ފޮނުވާފައިވާ ކަމަށް ނީނާ ވިދާޅުވިއެވެ.
އަދި މިއަަހަރުވެސް މިހާތަނަށް ޕްލާސްޓިކް ހިމެނޭ 280 ކިލޯގެ ތަކެތި ރިސައިކަލް ކުރުމަށް ފޮނުވާފައިވާ ކަމަށް ނީނާ ވިދާޅުވިއެވެ.