ފެން ކުންފުނީގެ ފްލެޓްތަކުގެ މަސައްކަތް މެކުހަށް، މުވައްޒަފުން އުންމީދުގައި!

ފެން ކުންފުނިން އަޅާ ޓަވަރުތައް--

ހިޔާ މަޝްރުއުގެ ދަށުން މާލޭ ވޯޓާ އެންޑް ސްވަރޭޖް ކުންފުނި (އެމްޑަބްލިއުއެސްސީ) އިން އަޅަން ނިންމާފައިވާ ފްލެޓުތަކަކީ އެ ކުންފުނީގެ މުވައްޒަފުންނަށް ޒަމާނުންސުރެ ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްްސަލައަށް ހައްލެއް އަންނާނެ މަޝްރުއުއެކެވެ. އެ މަޝްރޫއު ކުރިއަށް ގެންދަން ނިންމު ހިސާބުން މުވައްޒަފުން ތިބީ އުންމީދުގައެވެ. މުވައްޒަފުންނަށް އަބަދުވެސް ފަހި ގޮތްތައް މެދުވެރިކޮށްދެމުންދާ ފެން ކުންފުނީގެ އެ މަޝްރޫއު ވެގެންދިޔައީ މުވައްޒަފުންނަށް އިތުރު ހިތްވަރާއި ފަންވަރު ގެނެސްދިން މަޝްރުއުއަކަށެވެ.

ކުންފުނިތަކުގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން އަޅާ ޓަވަރުތަކުގެ ތެރެއިން ފެން ކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އަޅާ 15 ބުރީގެ ދެ ޓަވަރުގެ އަމަލީ މަސައްކަތް މި އަހަރުގެ ޖޫން މަހު ވަނީ ފަށައިފައެވެ. މި ޓަވަރުތަކުގައި ޖުމްލަ 384 އެޕާޓްމަންޓް ހުންނާނެކަމަށް ފެން ކުންފުނިން ވަނީ ބުނެފައެވެ.

މުވައްޒަފުންގެ ހިޔާލާ މަޝްވަރާވެސް ހިމަނައިގެން އަޅާ ޓަވަރުތަކުގައި ހުންނާނީ، އެއް ކޮޓަރީގެ އެޕާޓްމެންޓް، ދެ ކޮޓަރީގެ އެޕާޓްމެންޓް، ދެކޮޓަރި މެއިޑް ރޫމަކާއެކު އަދި ތިން ކޮޓަރީގެ އެޕާޓްމެންޓެވެ.

ހިޔާ މަޝްރޫއުގެ ދަށުން އެމްޑަބްލިއުއެސްސީން އަޅާ ފްލެޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފެން ކުންފުނިން ބުނީ އެ ކުންފުނިން އަޅާ ފްލެޓްތަކުގެ ޓަވަރު 1ގެ ފައުންޑޭޝަންއަށް ބޭނުންވާ އެކްސްކެވޭޝަންގެ މަސައްކަތް ވަނީ ނިމިފައިވާ ކަމަށެވެ. އަދި ޓަވަރު 2ގެ ފައުންޑޭޝަނަށް ބޭނުންވާ އެކްސްކެވޭޝަންގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވަނީ ބުނެފައެވެ. އެކްސްކެވޭޝަންގެ މަސައްކަތް ނިމުމާއެކު، 2 ޓަވަރުގެ ފައުންޑޭޝަންގެ މަސައްކަތް ފަށަން އެ ކުންފުނިން އަންނަނީ ތައްޔާރު ވަމުންނެވެ.

މި ފްލެޓްތަކުގެ ތެރެއިން ކޮންމެ ފްލެޓެއްވެސް ދޫކުރަން ނިންމާފައި ވަނީ މުވައްޒަފުންނަށް އަތްފޯރާ އަގުގައެވެ. ރާއްޖޭގެ ބާޒާރުގައި ވިއްކަމުންދާ އެހެން ފްލެޓްތަކުގެ އަގާއި އަޅާ ބަލާއިރު އަގު ހެޔޮކޮންނެވެ. ރާއްޖޭގައި މިހާރު އިމާރަތް ކުރަމުންދާ ޒަމާނީ ފްލެޓްތަކުން ލިބޭ ގިނަ ވަސީލަތެއް ލިބެން ހުންނާނެކަމުގެ ޔަގީންކަން ފެން ކުންފުނިން ދެއެވެ

ފޮޓޯ/ އެމްޑަބްލިއުއެސްސީ

ފެން ކުންފުނިން ފްލެޓްތައް ދިނުމަށް ނިންމާފައިވާ އަގުތަކަށް ބަލާއިރު 1 ރޫމް އެޕާޓްމަންޓްއެއް ވިއްކާނީ 779،000 އާ 816،750 އާ ދޭތެރޭގެ އަގަކަށެވެ. މިތަން ތަނުގެ މަހު ފީގެ ގޮތުގައި ދައްކަންޖެހޭނީ ގާތްގަނޑަކަށް 6،700 ރުފިޔާއެވެ. މިއީ އާންމުކޮށް މި އެޕާޓްމަންޓް ލިބޭ އަގަށް ވުރެ ކުޑައަދަދެކެވެ. ދެ ކޮޓަރި އަދި މެއިޑް ރޫމް ހިމެނޭ ކޮޓަރިތައް ވިއްކަނީ 1.3 މިލިއަން އާ 1.4 މިލިއަންއާ ދޭތެރޭ އަގަކަށެވެ. މަހު ފީއަކީ 11،000 ރުފިޔާއެވެ. މިފަދަ އެޕާޓްމަންޓްތައް މިވަގުތު ރާއްޖޭގައި ދެނީ މަހަކު 18،000 ރުފިޔާއާ ގާތްކުރާ އަދަދަކަށެވެ. ފެން ކުންފުނިން ތިން ކޮޓަރީގެ އެޕާޓްމަންޓެއް ވިއްކަނީ 1.4 މިލިއަން އަދި 1.6 މިލިއަން ރުފިޔާއާ ދެމެދުގެ އަދަކަށެވެ. މަހު ފީއަކީ 12،000 އި 14،000 ދެމެދުގެ އަދަދެކެވެ. މީގެ އިތުރުން މިތަންތަނަށް މަހު ފީ ދައްކަންޖެހޭނީ އެޕާރާޓްމަންޓް މުވައްޒަފާއި ހަވާލުކުރުމަށްފަހުގައި ކަން ފާހަގަކޮށްލަންޖެހެއެވެ.

ފެން ކުންފުނިން އަޅާ ޓަވަރުގެ މަސައްކަތް ކުރިއަށް ދަނީ--ފޮޓޯ/އެމްޑަބްލިއުއެސްސީ

ފެން ކުންފުނިން ވަނީ ފްލެޓްތަކަށް ފައިސާ ދެއްކުމަށްވެސް ހާއްސަ ލުއި ގޮތްތަކެއް ހަމަޖައްސާފައެވެ. އެކަންކަން ހަމަޖައްސާފައި ވަނީ މުވައްޒަފުންގެ މަޝްވަރާގެ މަތިން ކުންފުންޏަށްވެސް ގެއްލުންނުވާނެ ގޮތަށް ބެލުމަށް ފަހުއެވެ. އެގޮތުން ފްލެޓް ލިބުމުން ހަތަރު މަސް ދުވަހަށް ބަހާލައިގެން 20 ޕަސެންޓް ޑައުންޕޭމަންޓް ދެއްކޭ އިރު ބާކީ ފައިސާ 12 އަހަރަށް ބަހާލެވެއެވެ.

ފްލެޓަށް އެދޭ އިރު ކަންކުރަންވީ އުސޫލާއި މުޅި ޕްރޮސެސް ހިނގާގޮތްވަނީ މުވައްޒަފުންނަށް ކިޔައިދީފައެވެ. ފެން ކުންފުނިން ބުނީ ފްލެޓް އިއުލާން ކުރި އިރު، ދައްކަން ޖެހޭ މަހުފީ ފަދަ އަގުތައް ވާނީ މުވައްޒަފުންނަށް އިއުލާން ކުރެވިފައި ކަމަށާއި އަދި ކަމާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަންތައް ހިންގާފައިވާނެ ކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން ފްލެޓް ދިނުމުގެ އެންމެހާ އުސޫލުތަކާއި ޝަރުތުތައް، ފްލެޓަށް ހުށަހެޅުމުގެ ކުރިން މުވައްޒަފުންނަށް ވަރަށް ރަނގަޅަށް އަންގާދީފައިވާ ކަަމަށްވަނީ ބުނެފައެވެ.

މެއި މަހު ފްލެޓަށް އެދެން ހުޅުވާލިއިރު ހުސްވި ޖޫން މަހު ވަނީ ހޮވުނު ފަރާތްތަކަށް ލިޔުން ހަވާލުކޮށްފައެވެ. ފެން ކުންފުނިން ބުނީ ފްލެޓަށް ހޮވުނު ގިނަ މުވައްޒަފުން ވަނީ މިހާރު ފްލެޓަށް ދައްކަންޖެހޭ ބުކިން ފައިސާ ދައްކާފައެވެ. އަދި މުވައްޒަފުންގެ ފަރާތުން އެކަމަށް ތަރުހީބު ބޮޑުކަމަށް އެ ކުންފުނިންވަނީ ބުނެފައެވެ.

ފްލެޓްތަކުގެ މަސައްކަތާއި އަގާއި ގުޅޭ ގޮތުން އެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފަކު "ސަން"އަށް ބުނީ އެ ސްކީމް ކަމުދާ ކަމަށާއި އަގު ދެއްކުމަށްވެސް ލުއި ގޮތްތަކެއް ހަމަޖައްސާދީފައިވާ ކަަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އެމްޑަބްލިޔުއެސްސީ ހިޔާއަކީ މުވައްޒަފުންނަށް ވަރަށް އެކަށޭނެ ގޮތަކަށް ހެދިފައިވާ ސްކީމެއް. އަގު ދައްކަންޖެހޭ ގޮތަށް ބެލިޔަސް، އަޅުގަނޑުމެންނަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ކުންފުނިން ވަނީ ދީފައި. ފައިސާ ދައްކަން ޖެހޭ މުއްދަތުވެސް އެހާ ކުރު ނޫން ވީމަ، މަހުފީ ދެއްކުމުގައި ލުއި ފަސޭހަކަމެއް ލިބޭ. އަދި ފްލެޓް ގެ ޖުމްލަ އަގު މާ ގިނަ ނޫން އަހަރުކޮޅެއްގެ ތެރޭގައި ދައްކާ ހަލާސް ކުރެވޭ." ފެން ކުންފުނީގައި މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާ މުވައްޒަފަކު ބުންޏެވެ.

އެތާ މަސައްކަތް ކުރާ އިތުރު މުވައްޒަފަކު ބުނީ ފެން ކުންފުނިން ފްލެޓަށް ލާރި ދެއްކުމަށް ހަމަޖައްސައިދިން އުސޫލުގެ ތެރެއިން އެންމެ ފަސޭހަވި އެއް ކަމަކީ އިތުރު ބޭންކް ލޯނަކާ ދޭތެރޭ ވިސްނަން ނުޖެހުން ކަމަށެވެ.

ފެބްރުއަރީ 25، 2018: ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ހިންގާ "ހިޔާ" މަޝްރޫއުގެ ދަށުން އެމްޑަބްލިއުއެސްސީއިން ހުޅުމާލޭގައި އަޅާ ޓަވަރުތަކުގެ މަޝްރޫހު އިފްތިތާހުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އެމްޑަބްލިޔުއެސްސީ ހިޔާ ސްކީމްގެ އަޅުގަނޑަށް އެންމެ ފަސޭހަވެގެން ދިޔަ އެއްކަމަކީ، އިތުރު ބޭންކް ލޯނަކާ ދޭތެރޭ ވިސްނަން ނުޖެހުނުކަން. އެއީ 12 އަހަރަށް މަހުފީ ބަހާލެވިފައި ވާތީ، އިތުރު ލޯނެއް ނުނަގާ އަމިއްލަ ޖީބުން ކުޑަ އަގެއް ކުންފުންޏަށް ސީދާ ދައްކައިގެން ނިންމާލެވޭ. މިހެން ވީމަ، ބޭންކު ލޯނު އަދި އެއަށް އަރާ އިންޓްރެސްޓް ޕޭމަންޓް ދައްކަން ޖެހިދާނެތީ ބޯހާސްވެގެން އުޅޭކަށް ނުޖެހޭ. ވަރަށް ސިމްޕަލް ސްކީމެއް މީ"

ބޯހިޔާވަހިކަމަށް އުންމީދު ކުރަމުންދިޔަ އެތައް މުވައްޒަފެއްގެ ހުވަފެން ހަގީގަތަކަށް ވެގެން އަންނަ އިރު އެ ކުންފުނީގައި މަސައްކަތް ކުރާތާ 15 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މުވައްޒަފަކު ބުނީ މިއީ ކުންފުނިން މުވައްޒަފުންގެ ހައްގުގައި ކުރާ ބުރަ އަދި ބޮޑު މަސައްކަތެއް ކަމަށެވެ.

"އެމްޑަބްލިޔުއެސްސީ ހިޔާ ސްކީމުގެ ލުއިފަސޭހަތައް އަޅުގަނޑުމެން އެންމެހާ މުވައްޒަފުންނަށްވެސް ވަރަށް ކަމުދޭ. އަމިއްލަ ބޯހިޔާވަހިކަމެއް، އަޅުގަނޑަށާއި އަޅުގަނޑުގެ އާއިލާއަށް ލިބޭތޯ ކުރަމުން ދިޔަ އިންތިޒާރަށް ނިމުމެއް ގެނުވި ކަމެއް މީ. މިކަމަށްޓަކައި މެނޭޖުމަންޓަށާއި އަދުގެ ސަރުކާރަށް ވަރަށް ބޮޑު ޝުކުރެއް އަދާ ކުރަން އަޅުގަނޑުމެން ބޭނުންވޭ،" އޭނާ ބުންޏެވެ.

މުވައްޒަފުންނަށް އަޅައިދޭ ފްލެޓްތަކާއި ގުޅޭ ގޮތުން ފެން ކުންފުނީގެ އިސް މުވައްޒަފަކު ސަންއަށް ބުނީ މިއީ ހުރިހާ މުވައްޒަފުންނަށްވެސް އުންމީދު ގެނެސްދިން މަޝްރުއުއެއް ކަަމަށާއި މުވައްޒަފުން ތިބީ ހިތްހަމަޖެހިގެން ކަމަށެވެ.

ފެބްރުއަރީ 25، 2018: ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ހިންގާ "ހިޔާ" މަޝްރޫއުގެ ދަށުން އެމްޑަބްލިއުއެސްސީއިން ހުޅުމާލޭގައި އަޅާ ޓަވަރުތަކުގެ މަޝްރޫހު އިފްތިތާހުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މި ސްކީމް އާންމުކޮށް ހުޅުވާލުމާއެކުވެސް، ފްލެޓަށް ހުށަހެޅި ފަރާތްތަކުގެ އަދަދަށް ބެލިކަމުގައި ވިޔަސް، މިއަށް ލިބިގެން ދިޔަ ތަރުހީބު އަޅުގަނޑުމެންނަށް އެނގިގެން ދިޔަ. އަޅުގަނޑުމެންގެ އަމާޒަކީ، އެމްޑަބްލިޔުއެސްސީ ހިޔާ ސްކީމްގެ ސަބަބުން، އަޅުގަނޑުމެންގެ މުވައްޒަފުންނަށް ގެދޮރުވެރިކަމުގެ ފުރުސަތު ފަހިވެ، ހެޔޮ އަގުގައި އަމިއްލަ ގެދޮރު ހޯދުމަށް މަގުފަހިވެގެން ދިޔުން." އޭނާ ވިދާޅުވިއެވެ.

ފެން ކުންފުނީގެ ފްލެޓްތަކުގެ މަސައްކަތް މެކުހަށް ޖަހާފައިވާއިރު މުވައްޒަފުންދަނީ އެ ފްލެޓްތަކަށް ބަދަލުވެވޭނެ ދުވަހަކަށް ކެތްތެރިކަމާއި އެކު އިންތިޒާރު ކުރަމުންނެވެ. ފެން ކުންފުނީގެ ބަދަހި ޓީމު އަބަދުވެސް އެކުވެރިކަން މަތީ ރައްޔިތުންނަށް ހިދުމަތް ދިނުމަށް 24 ގަޑިއިރު ހޭދަ ކުރަމުންދާއިރު އެ މުވައްޒަފުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުވެގެން ދިޔުމަކީ މިހާރު ދެމުންދާ ހިދުމަތައް އިތުރު ފަހި ކަމެއް އައިސް ފެންވަރު ރަނގަޅު ވެގެންދާނެ ކަމަށް މުވައްޒަފުން ގަބޫލު ކުރެއެވެ.

comment ކޮމެންޓް