14:30
ކޮލަމްބިއާގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓުލުމުގެ ފުރަތަމަ ބުރުގެ ނަތީޖާއިން ޔުނިޓީ ޕާޓީގެ ކެންޑިޑޭޓް އަދި އެގައުމުގެ ކުރީގެ ދިފާއީ ވަޒީރު ހުއާން މެނުއެލް ސަންޓޯސް ކުރި ހޯއްދަވައިފި އެވެ.
ކޮލަމްބިއާގެ އިންތިޚާބާ ބެހޭ އިދާރާތަކުން އިއްޔެ އިއުލާންކުރި ފުރަތަމަ ބުރުގެ ނަތީޖާގައިވާ ގޮތުން ސަންޓޯސް އަށް ލިބިވަޑައިގެންފައިވަނީ 46 ޕަސެންޓް ވޯޓެވެ. އޭނާ އާ އެންމެ ގާތުން ވާދަކުރައްވާ، ގްރީން ޕާޓީގެ ކެންޑިޑޭޓް އަންޓާނަސް މޮކަސް އަށް ލިބިވަޑައިގެންފައިވަނީ 21 ޕަސެންޓް ވޯޓެވެ.
އެހެން ނަމަވެސް އެއްވެސް ކެންޑިޑޭޓަކަށް ރައްޔިތުންގެ 50 ޕަސެންޓް ވޯޓަށް ވުރެ ގިނައިން ލިބިވަޑައިގެންފައިނުވުމާއެކު، އިންތިޚާބު ކާމިޔާބުކުރައްވާނެ ބޭފުޅެއް ކަށަވަރުވެގެންދާނީ ވޯޓުލުމުގެ ދެވަނަ ބުރަށްފަހު އެވެ. ކޮލަމްބިއާގެ އިންތިޚާބާ ބެހޭ އިދާރާތަކުން ބުނާގޮތުގައި ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 20 ވަނަ ދުވަހެވެ. ދެވަނަ ބުރުގައި ސަންޓޯސް އާ އެކު ވާދަކުރައްވާނީ ފުރަތަމަ ބުރުގައި ދެވަނަ ހޯއްދެވި އަންޓާނަސް މޮކަސް އެވެ.
ފުރަތަމަ ބުރުގެ ނަތީޖާ އާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ސަންޓޯސް ވިދާޅުވެފައިވަނީ ގައުމުގައި އޮތް އެންމެ ބޮޑު ސިޔާސީ ބާރަކީ އަދިވެސް ޔުނިޓީ ޕާޓީކަން މިނަތީޖާއިން ހާމަވެގެން ހިގައްޖެ ކަމަށެވެ. އަދި އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބުކުރެއްވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަނެއްކޮޅުން ވާދަވެރި ގްރީން ޕާޓީގެ ކެންޑިޑޭޓް މޮކަސް ވިދާޅުވެފައިވަނީ އިންތިޚާބުން އަދި ބަލިނުވާ ކަމަށާއި އަދިވެސް އިންތިޚާބު ކާމިޔާބުކުރެއްވިދާނެ ކަމަށެވެ.