ގއ. ނިލަންދޫ ކަރަންޓް މައްސަލަ:
ރައްޔިތުންގެ އަސާސީ ހައްގު ރައްކާތެރި ކުރަން ހިއުމަން ރައިޓްސް އިން ސަރުކާރަށް އަންގައިފި

ގއ. ނިލަންދޫ ރަށުކައުންސިލުން، އެރަށު ސްކޫލް އާއި ޞިއްޙީ މަރުކަޒުން ކަރަންޓު ކަނޑާލާފައިވާތީ، އެ މައްސަލައަށް ސުލްހަވެރި ހައްލެއް ގެނެސް އެ ސްކޫލް ދަރިވަރުނަށް ގެއްލެމުންދާ އުގެނުމުގެ ޙައްޤާއި ރައްޔިތުންގެ ޞިއްޙީ ފަރުވާގެ ޚިދުމަތުގެ އަސާސީ ހައްޤުތައް ރައްކާތެރިކޮށްދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް އަންގައިފި އެވެ.

ހިއުމަންރައިޓްސް ކޮމިޝަނުން މިއަދު ބުނީ، މިމަހު އަށްވަނަ ދުވަހުގެ މެންދުރު 12:30ގައި ނިލަންދޫ ރަށުކައުންސިލުން އެ ރަށު ސްކޫލް އާއި ޞިއްޙީ މަރުކަޒުން ކަރަންޓު ކަނޑާލުމާއި ގުޅިގެން ސްކޫލްގެ ކިޔެވުމާއި ޞިއްޙީ މަރުކަޒުގެ ފަރުވާދިނުން މެދުކެނޑިފައިވާ ކަމުގެ މަޢުލޫމާތު ލިބުމާއެކު ކަމާގުޅުންހުރި ފަރާތްތަކަށް ފޯނުން ގުޅައި ކަންހިނގައި ދިޔަގޮތުގެ މަޢުލޫމާތު ހޯދިކަމަށެވެ. އަދި އެކަމުގެ އެކަމަށް އަވަސް ހައްލެއް ހޯދުމަށް ރަށު ކައުންސިލާ މަޝްވަރާކުރުމަށްފަހު ކޮމިޝަނުން ބަލަމުން ގެންދިޔަ ކަމަށެވެ.

އެގޮތުން މިމަހު އަށްވަނަ ދުވަހު ރަށު ކައުންސިލާއި ފުލުހުންގެ މަޝްވަރާ ބައްދަލުވުމުން މައްސަލައަށް ނިމުމެއް ނައުމުން ނުވަ ވަނަ ދުވަހު އިތުރު ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖައްސާފައިވީނަމަވެސް، އެފަދަ އިތުރު ބައްދަލުވުމެއް ބާއްވާފައި ނުވާކަމަށެވެ. އަދި އިންޖީނުގެއާ ރަށު ކައުންސިލުން ޙަވާލުވި ފަހުން، ކަރަންޓްގެ އަގަށް ގެނައި ބަދަލާ އެއްގޮތަށް ޔުނިޓަކަށް 24 ރުފިޔާގެ މަގުން ބިލްތަކަށް ފައިސާ ދެއްކުމުންމެނުވީ ކަރަންޓު ގުޅައިނުދޭ ގޮތަށް ރަށު ކައުންސިލުން ނިންމަވާފައިވާކަމުގެ މައުލޫމާތު ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.

"މިއާގުޅިގެން ކޮމިޝަނުންވަނީ ކަންހިންގަމުންދާގޮތް އިތުރަށް ބަލާ، އަވަސް ގޮތެއްގައި މިމައްސަލައަށް ޙައްލެއް ގެނެއުމަށް ކަމާ ގުޅުންހުރި ފަރާތްތަކާ އިތުރަށް މަޝްވަރާކޮށްފައެވެ. ނަމަވެސް އެދެވިގެންވާ ޙައްލެއް ގެނެވިފައިނުވުމުގެ ސަބަބުން،( އުގެނުމުގެ ޙައްޤުން ސްކޫލް ކުދިން މަޙުރޫމް ވަމުންދާތީ އާއި، ޞިއްޙީ ފަރުވާގެ ޚިދުމަތުގެ އަސާސީ ޙައްޤުން ރަށު ރައްޔިތުން މަޙުރޫމްވަމުންދާތީ، އެހައްޤުތައް ރައްކާތެރިކޮށް ދެމެހެއްޓުމުގެ ޒިންމާ ފުރިހަމައަށް އަދާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް، ޞުލްޙަވެރި ޙައްލަކަށް އިސްކަންދެއްވައިގެން، ޤާނޫނީ އިމުގެ ތެރެއިން މިހާރުން މިހާރަށް ކުރެއްވުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަންއަށާއި، މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީއަށާއި، އަދި ގއ. ނިލަންދޫ ރަށު ކައުންސިލަށް މިކޮމިޝަންގެ ފަރާތުން ވާނީ އަންގާފައެވެ." ހިއުމަންރައިޓްސް ކޮމިޝަނުން މިއދު ނެރުނު ބަޔާނެއްގައި ވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު