ބިލެތްފަހި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްފި

ރައީސް ޔާމީން ބިލެތްފައްސަށް ވަޑައިގަތުން ---- ފޮޓޯ:ޓްވިޓާ

ށ. ބިލަތްފަހީ ގޮނޑުދޮށްް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިމުން ފާހަގަކޮށްފި އެވެ.

މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ ނިމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

ބިލެތްފައްސަކީ ޒަމާނުންސުރެ ރަށް ގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ ރަށެކެވެ. އަދި 2015 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނައި، ބިލެތްފަހީ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއު ވަނީ ފަށައިފަ އެވެ. އެ މަޝްރޫއުއަށް ޖުމްލަ 15,247,932.76 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކެޕިޓަލް އިންވެސްޓްމެންޓް އެންޑް ފައިނޭންސް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފަ ވަނީ 13 ސެޕްޓެމްބަރު 2015 ގަ އެވެ. އަދި 10 ޑިސެމްބަރު 2016ގައި އެ ޝްރޫޢުގެ ޢަމަލީ މަސައްކަތް ވަނީ ނިންމައިފަ އެވެ.

އެ މަޝްރޫޢުގެ ދަށުން، ބިލެތްފަހި ގިރާ ސަރަޙައްދަށް 25,738 ކޮޑިމީޓަރު ވެލި އަޅައި 520 މީޓަރު ދިގުމިނުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖަހައި އެ ސަރަޙައްދު ވަނީ ހިމާޔަތްކޮށްފަ އެވެ. ބިލެތްފަހި ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންކޮށްފައިވާ ނިޒާމަކީ ރާއްޖޭގެ ހާލަތަށް ބަލައި ދިރާސާކޮށް، އެންމެ އެކަށޭނޭ ނިޒާމު ކަމަށް އެންވަޔަރަމެންޓު މިނިސްޓްރީ އިން ބުނެ އެވެ.

ފާއިތުވީ ތިން އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ 1.34 ބިލިއަން ރުފިޔާ ހަރަދުކޮށް، ޖުމްލަ 32 ރަށެއްގައި 31 ކިލޯ މީޓަރުގެ ގޮނޑުދޮށް އެކަށޭނެ އަދި ދެމެހެއްޓެނެވި ގޮތެއްގައި ހިމާޔަތްކޮށްފަ އެވެ.

comment ކޮމެންޓް