ހުރާ ކައުންސިލުގެ އިއްތިފާގު:
ސެޕްޓެމްބަރު 9: ހުރާ ރައްޔިތުން ކަޅުހެދުމުގައި ހިތާމަ ފާޅުކުރާ ދުވަސް

މިދިޔަ ހުކުރު ދުވަހު ކ. ހުރާ ޔޫތު ކޭންޕުގެ މޫދު ސަރަހައްދުގެ ފުންގަނޑުގައި ހިނގައިދިޔަ ހިތާމަވެރި ހާދިސާގައި ހިރިޔާ ސްކޫލްގެ ހަތަރު ދަރިވަރަކު މަރުވެ، އެ ސްކޫލްގެ ޕްރިންސިޕަލް އަލީ ނާޒިމް އަވަހާރަ ގުޅިގެން، ކޮންމެ އަހަރެއްގެ ސެޕްޓެންބަރު ނުވަ ވަނަ ދުވަހަކީ "ހުރާގެ ހިތާމައިގެ ދުވަސް ކަމަށް" ކަނޑައަޅައި ހުރާ ކައުންސިލުން ގަރާރެއް މިއަދު ފާސްކޮށްފި އެވެ. އެ ގަރާރާއެކު ހުރާ ކޭންޕް ސަރަހައްދަކީ ދަތުރު ދިއުމަށް އެކަށީގެން ނުވާ ތަނެއް ކަމަށް ކަނޑައެޅި ގަރާރެއް ވެސް އެ ކައުންސިލުން ވަނީ ފާސްކޮށްފަ އެވެ.

ހުރާ ކައުންސިލްގެ ނައިބު ރައީސް އީސާ އަހުމަދު މިއަދު ވިދާޅުވީ ކައުންސިލްގެ މެންބަރުންގެ އިއްތިފާގުން ފާސްކުރި ގަރާރުގައި ކައުންސިލަރުން އެއްބަސްވެ ވަޑައިގަތީ ސެޕްޓެންބަރު 9، 2011 ދުވަހު ހުރާގައި ހިނގި ހާދިސާގެ، ފަސް މަރުގެ ހިތާމައިގައި ބައިވެރިވުމަށް މީގެ ފަހުން ކޮމެ ސެޕްޓެމްބަރު ނުވައެއްގައި ހުރާގެ ރައްޔިތުން ކަޅު ހެދުން އެޅުމަށެވެ. އަދި އެއީ ހުރާގެ ހިތާމައިގެ ދުވަސް ކަމަށް ބަލައި އެ ހާދިސާގެ މައްޗަށް ހިތާމަ ފާޅު ކުރުމަށެވެ.

ހުރާގެ ރަޖިސްޓަރީގައި ގާތްގަނޑަކަށް 800 އަށް ވުރެ ގިނަ މީހުން ތިބޭއިރު 2000 އަށް ވުރެ ގިނަ މީހުން އެރަށުގައި ދިރިއުޅެ އެވެ.

ހުރާ ކައުންސިލުގެ ގަރާރު ބުނަނީ ހިރިޔާ ސްކޫލްގެ ދަރިވަރުން އެހީއަށް އެދުނު ވަގުތުން ފެށިގެން އެހީވެ، ކަމާބެހޭ ފަރާތްތަކުގެ އަތްމަޗަށް ހިރިޔާގެ ދަރިވަރުން ގެންދަން އެ ރަށުގެ ރައްޔިތުންކޮށްފައިވާ ބުރަ މަސައްކަތް ކައުންސިލުން ބަލައިގަނެ، އެ ކުދިންގެ އާއިލާތަކާ ބައްދަލު ކުރުމަށް ހުރާ ރައްޔިތުން ނިންމާ ކަމަށާއި އެކަމުގައި ކައުންސިލުން ބައިވެރިވެ އެއްބާރުލާނެ ކަމަށެވެ.

"ސެޕްޓެންބަރު 9 ވަނަ ދުވަހަކީ ހުރާގެ ހިތާމައިގެ ދުވަހެއް ކަމާއި އެ ދަވަހު ހުރާ ރައްޔިތުން ލާނީ ކަޅު ހެދުން ކަމަށް ނިންމާފައިވޭ. އަޅުގަނޑުމެން ނިންމީ ކައުންސިލްގެ އިދާރާއިންނާއި ހުރާ ރައްޔިތުން އެ ކުދިންގެ އާއިލާތަކާ ބައްދަލު ކުރާ ގޮތަށް،" އީސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ހާދިސާގައި އަވަހާރަވި ހިރިޔާ ސްކޫލްގެ ޕްރިންސިޕަލް އަލީ ނާޒިމާއި މަރުވި ހަތަރު ދަރިވަރުން ކަމަށްވާ ގއ. ދެއްވަދޫ މީނާޒް، ނަޝްއަތު ސައީދު، މަރިޔަމް ނާޒް, އަދި ހއ.ހޯރަފުށީ ސުވާސާގެ އައިޝަތު ޝާނިހާ އާއި ރ.ރަސްމާދޫ ހަނދުވަރީ ވިލާ މަރިޔަމް ޝައިހާގެ އާއިލާއަށް ހުރައިން ފައިސާގެ އެހީއެއް ވެދިނުމަށް ވެސް ކައުންސިލުން ނިންމާނެ ކަމަށެވެ. އަދި "އެކަށީގެންވާ" އެހީއެއް ސަރުކާރުން އެ އާއިލާތަކަށް ވެދިނުމަށް ގޮވާލައިފައިވާނެ ކަމަށް އީސަ ވިދާޅުވި އެވެ.

ހިރިޔާގެ ހަތަރު ދަރިވަރުން މަރުވެ ޕްރިންސިޕަލް އަވަހާރަވީ ހުރާ ކޭމްޕުގެ ފުންގަނޑަށް ގެނބިގެނެވެ. އެމީހުން ދިޔައީ ފިޝަރީޒް ސައިންސް މާއްދާގެ ޕްރޮޖްކެޓެއް ފުރިހަމަ ކުރާށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު