ތޮއްޑޫގައި ގަވާއިދާ ހިލާފަށް ރީބްރޯޑްކާސްޓު ކުރަމުން އައި ދެ ފަރާތެއް ޖޫރިމަނާކޮށްފި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރު ކަމަށް ބޭފުޅުން ޢައްޔަނު ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން --ފޮޓޯ/ރައީސް އޮފީސް

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އއ. ތޮއްޑޫގައި ގަވާއިދާ ހިލާފަށް ރީބްރޯޑްކާސްޓު ކުރަމުން އައި ދެ ފަރާތެއް ޖޫރިމަނާ ކޮށްފިއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ޖޫރިމަނާކޮށްފައިވަނީ އއ. ތޮއްޑޫގައި ކޭބަލް ޓީވީގެ ހިދުމަތް ދެމުން އަންނަ ބްރައިޓް ކްލަބް އަދި ސޯސަން ކްލަބްއެވެ.

ބްރޮޑްކާސްޓިން ކޮމިޝަނުން އއ. ތޮއްޑޫގައި ގަވާއިދާ ހިލާފަށް ރީބްރޯޑްކާސްޓު ކުރަމުން އައި ދެ ފަރާތެއްގެ މައްސަލަ ބެލުމަށްފަހު ނެރެފައިވާ މައްސަލަ ނިންމި ގޮތުގެ ބަޔާނުގައި ބުނެފައިވަނީ، ދެ ކްލަބަކީވެސް ބްރޯޑްކާސްޓިން ގާނޫނާ ހިލާފަށް ބްރޯޑްކާސްޓް ކުރުމުގެ ލައިސެންސްނެތި ކޭބަލްޓީވީގެ ހިދުމަތް ދެމުން އަންނަ ދެފަރާތެވެ.

ބްރައިޓް ކްލަބް ޖޫރިމަނާކޮށްފައިވަނީ ޖުމްލަ 112،000 ރުފިޔާއިންނެވެ. އެއީ ލައިސަންސް ނެތި 28 ޗެނަލެއް ރީބްރޯޑްކާސްޓްކުރީތީ 56،000 ރުފިޔާއާއި ހައްގު ލިބިފައި ނެތް 28 ޗެނަލެއް ރީބްރޯޑްކާސްޓް ކުރީތީ 56،000 ރުފިޔާއެވެ.

މީގެ އިތުރުން ސޯސަން ކްލަބު ޖޫރިމަނާކުރީ ލައިސަންސް ނެތި 25 ޗެނަލެއް ބްރޯޑްކާސްޓްކުރީތީ 50،000 ރުފިޔާ، އަދި ހައްގު ލިބިގެން ނުވާ 25 ޗެނަލެއް ރީބްރޯޑްކާސްޓްކުރީތީ 50،000 ރުފިޔާއިންނެވެ.

މި ދެ ކްލަބުގެ މައްސަލައިގައި ވެސް ޖޫރިމަނާ ކަނޑައަޅާފައިވަނީ ރީބްރޯޑްކާސްޓުކުރި ކޮންމެ ޗެނަލަކަށް 2،000 ރުފިޔާގެ މަގުންނެވެ.

ގަވާއިދާ ހިލާފަށް ރީ ބްރޯޑްކާސްޓް ކުރުމުގެ މައްސަލައިގައި ޖޫރިމަނާ ކޮށްފައިވާ ދެ ފަރާތުންވެސް ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާ ދެއްކުމަށް އެ ބްރޯޑްކާސްޓިންގް ކޮމިޝަނުން ވަނީ އަންގާފައެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ، ޖޫރިމަނާ ކޮށްފައިވާ ދެ ފަރާތައްވެސް ޖަވާބުދާރީވާން ދިން ފުރުސަތުގައި ޖަވާބުދާރީވެފައި ނުވާކަމަށާއި ޖަވާބުދާރީވުމަށް އިތުރު ފުރުސަތަަކަށްވެސް އެދިފައި ނުވާ ކަމަށެވެ.

comment ކޮމެންޓް