ކުޅިވަރުގެ ރޫހާ ހިލާފުވުމުން އީގަލްސްގެ އޮފިޝަލެއް ސަސްޕެންޑްކޮށް، ޖޫރިމަނާކޮށްފި

ކުޅިވަރުގެ ރޫހާ ހިލާފުވުމުން އީގަލްސްގެ އޮފިޝަލް މުފާވިޒު ހާޝިމް ހަ މެޗަށް ސަސްޕެންޑްކޮށް 1500ރ. އިން ޖޫރިމަނާކޮށްފި އެވެ. މުފާވިޒަކީ މެޗު ކޮމިޝަނަރު މުހައްމަދު ހާޝިމްގެ ދަރިފުޅެވެ.

އެފްއޭއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެ ރޭ ދިރާގު ދިވެހި ލީގުގުގެ ތިން ވަނަ ބުރުގައި އީގަލްސް އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗްގައި، އީގަލްސްގެ އޮފިޝަލް މުފާވިޒް ނިއުގެ ބެންޗު ކުރިމައްޗަށް އައިސް އެޓީމްގެ ކުޅިންތެރިންނާއި ދިމާލަށް ކުޅިވަރުގެ ރޫހާ ހިލާފު ބަހުރުވައިން މުހާތަބުކޮށް އަދި ބޭއަދަބީ އިޝާރާތުން ބައެއް ކުޅި ބެލުންތެރިންނާ ދިމާލަށް މުހާތަބުކޮށްފައިވާ ކަމަށެވެ. އަދި އެމައްސަލަ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓިން ބެލުމަށް ފަހު ޑިސިޕްލިނަރީ ކޯޑުގެ 42 ވަނަ މާއްދާގެ ދަށުން " އޭނާ ހަ މެޗަށް ސަސްޕެންޑްކޮށް އަދި 1500ރ. އިން ޖޫރީމަނާކުރަން ނިންމާފައިވާ ކަމަށެވެ.

އީގަލްސް އާއި ނިއު ރޭޑިއަންޓް އެދުވަހުގެ ބައްދަލުކުރި މެޗް 2-1 ލަނޑުން ކާމިޔާބު ކުރީ ނިއު އެވެ.

މުފާވިޒުގެ މި އަމަލުތައް އެފްއޭއެމް އަށް ރިޕޯޓްކުރީ އެ މެޗުގެ މެޗު ކޮމިޝަނަރު އަދި އޭނާގެ ބައްޕަ މުހައްމަދު ހާޝިމެވެ.

އީގަލްސްގެ އޮފިޝަލުންނާއި ކުޅުންތެރިން އެރޭ ހިތްހަމަނުޖެހުނީ ނިއުގެ އަހުމަދު ނިޔާޒް އާއި އީގަލްސްގެ ކުޅުންތެރިޔަކު ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި އީގަލްސް ކުޅުންތެރިޔާ އަށް ނިޔާ ހަމަލާދިން ކަމަށް ބުނެ އެވެ. އެ ބޯޅަ ނިޔާ ހޯދި ވަގުތު ރެފްރީ ވަނީ މެޗު ނިންމަން ކަށިގަނޑު ފުމެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު